ރައީސް ރ. އިންނަމާދޫ އެމްޑިޕީ މެންބަރުންނާ ބައްދަލުކުރެއްވުން; އިދިކޮޅެއް ނޯންނާނެ ކަމަށާއި ތިބޭނީ ވާދަވެރިން ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ
ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގެ ކެމްޕެއިނު ފޯރީގައި މިވަގުތު ކުރިއަށްދާއިރު އިދިކޮޅު މީހުންނެއް ނުތިބޭނެ ކަމަށާއި ވާދަވެރިން ތިބެދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރ. އިންނަމާދޫއަށް ވަޑައިގެން އެރަށު އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވާ ރައީސް ވަނީ އެމްޑީޕީއަކީ އެއްވެސް ބަޔަކު ބާކީނުކޮށް އެންމެނަށް ހަމަހަމަކޮށް ކަންކަންކޮށްދޭ ޕާޓީއެއްކަން ފާހަގަކުރައްވާފަ އެވެ. އަދި އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ވާދަވެރިން ނުތިބޭނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
"މިއީ [އެމްޑީޕީގެ] އެތެރޭގެ އިންތިހާބެއް. އަޅުގަނޑުމެންގެ ތެރޭގައި އިދިކޮޅު މީހުންނެއް ނުތިބޭނެ. ވާދަވެރިން ތިބެދާނެ. އެހެންވީމާ ޕްރައިމަރީ ނިމިގެން އެކުގައި މަސައްކަތް ކުރަންޖެހޭ ބައެއްކަން ދަނެގެން ކުރިއަށް ދާންވީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަށް މި ޕްރައިމަރީ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި ކެމްޕޭނު ކުރައްވާއިރު, ވާދަވެރިންގެ ގޮތުގައި ތިބީ ޕްރައިމަރީއަށްފަހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ ބައެއްކަން އެމަނިކުފާނު ވަނީ އެމްޑީޕީ މެންބަރުންނަށް ހަނދާންކޮށްދެއްވާފަ އެވެ.
އިންނަމާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ މި ސަރުކާރުން އިންނަމާދޫ ދާއިރާގައި ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައިވާ ކަމަށާއި އެންމެ މަދުން އަދި ލަހުން މަޝްރޫއު ހިންގިފައި ވަނީ އިންނަމާދޫގައި ކަމަށެވެ. ނަމަވެސް އެރަށާ ނުލާ އެމްޑީޕީއަށް މެޖޯރިޓީ ލިބޭނެކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުތަކުން އެމްޑީޕީއަށް ތާއިދު އޮތް ރަށްތަކަށް އިހުމާލުވީ ނަމަވެސް މި ސަރުކާރުން އެއްވެސް ރަށެއް ބާކީ ނުކުރާނެ ކަމަށެވެ. އަދި އިންނަމާދޫ ރައްޔިތުންގެ ކަންބޮޑުވުންތައް އައްސަވާ, އެރަށުގެ ގިނަ މަޝްރޫއުތައް މި އަހަރު ތެރޭ ނިންމާލެވޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އަރުވާފަ އެވެ.
އަޅުގަނޑަށް ޕްރައިމަރީ ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް. އެހެންކަމުން ޕްރައިމަރީ ކާމިޔާބުކުރާއިރު އިންނަމާދޫ ދާއިރާއަކީ ބާކީވެފައި, އެކަހެރިވެފައި ނުއޮތުމަށް އަޅުގަނޑު އެދެނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޕްރައިމަރީގައި އެމަނިކުފާނާއެކު ހުރުމަކުން އިންނަމާދޫ ދާއިރާއަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ.
އިންނަމާދޫ ރައްޔިތުންގެ ފަރާތުން ރައީސްއަށް އައި އެންމެ ބޮޑު ކަންބޮޑުވުމަކީ 2018 ވަނަ އަހަރު ފެށި އެ ރަށުގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ދިގުލައިގެން ގޮސް ނުނިމުމެވެ. ރައީސް ވިދާޅުވީ, އެ މަޝްރޫއަކީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ބަޔަކާ ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށާއި, މަސައްކަތް ލަސްވެގެންދަނީ މަސައްކަތް ހަވާލުކޮށްފައިވާ ބައެއްގެ ސަަބަބުން ކަމަށެވެ.
ރައީސް އިންނަމާދޫ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރެއްވުން
އެމަނިކުފާނު ވިދާޅުވީ އެގޮތަށް ހަވާލުކޮށްފައިވާ މަޝްރޫއެއް އަތުލަން ކޮންޓްރެކްޓް ބާތިލު ކުރުމަކީ ދިގު މަރުހަލާއެއް ކަމަށާއި ކޮންޓްރެކްޓް ބާތިލުކުރުމުން އެ ފަރާތަށް ކޯޓަށް ގޮސްފި ނަމަވެސް މަޝްރޫއު އިތުރަށް ލަސްވެގެންދާނެ ކަމަށެވެ. އެހެންކަމުން މަޝްރޫއު ކުރިއަށް ގެންދިއުމާ ބެހޭގޮތުން މަސައްކަތް ހަވާލުކުރި ފަރާތާއެކު ސަރުކާރުން މަޝްވަރާ ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ދައުރު ނިމުމުގެ ރާއްޖޭގައި ހަވާލުކޮށްފައިވާ 95 ޕަސަންޓު ފެނާިއ ނަރުދަމާގެ މަސައްކަތް ނިމިގެންދާނެ ކަމަށެވެ. އެގޮތުން އެ މަޝްރޫއުތައް މިއަހަރުގެ ޖުލައި އަދި އޮގަސްޓް މަހުގެ ނިޔަލަށް ނިންމާލެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ އިންނަމާދޫ ނަރުދަމާގެ މަޝްރޫއު ވެސް އޭގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.
އޭގެ އިތުރުން ޖޫން މަހުގެ ކުރިން އެރަށުގެ ބަނދަރުގެ މަސައްކަތާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ނިންމާލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ވަޑިވެރިކަމަށް ހާއްސަ އިންނަމާދޫގެ ބޯޓުޔާޑުތައް ވަންދޫއަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރުވެސް ސަރުކާރުން ކުރަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ, ބޯޓުޔާޑަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާ ކަމަަށެވެ. އަދި އޮތީ އަރާފޭބުމަށް އޮތް ދައްޗެއް ކަމަށައި, އެކަން ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment