Advertisement

މީދޫ ބަނދަރުން ތިން މަންޒަރު: ވިދާލީ އެމްޑީޕީ ސަޕޯޓަރުން

6 ޖަނަވަރީ 2023 - 19:36 2

ރ. މީދޫ

ނިމާ ހަސަން

ނިމާ ހަސަން

ރައީސް ރ. މީދޫއަށް ވަޑައިގެންނެވުން; އެރަށުގެ ބަނދަރުމަތިން ތަފާތު މަންޒަރުތައް ފެނުނުއިރު, އެންމެ ވިދާލީ ރައީސަށް އޮތް ތާއީދު -- ފޮޓޯ: އެމްޑީޕީ


މީދޫ ބަނދަރުން ތިން މަންޒަރު: ވިދާލީ އެމްޑީޕީ ސަޕޯޓަރުން

6 ޖަނަވަރީ 2023 - 19:36 2

ރ. މީދޫ

ކެމްޕޭން ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރ. މީދޫއަށް ވަޑައިގެންނެވިއިރު, އެރަށު ބަނދަރު މަތިން ފެނިގެން ދިޔައީ އެހެން ރަށްރަށުން ނުފެންނަ ފަދަ ތަފާތު މަންޒަރެކެވެ.

ހުރިހާ ފަޅިއަކުން ވެސް ފެންނަމުން ދިޔައީ ރަށުގެ ކުދި ބޮޑު ޒުވާނުން ބަނދަރު މައްޗަށް އެއްވި ތިބި މަންޒަރެވެ. ބަނދަރުގެ ބޮޑު ބައެއްގައި އެމްޑީޕީ ސަޕޯޓަރުން ރައީސް ސޯލިހަށް މަރުހަބާ ކިޔަން އެއްވެ ތިބިއިރު ދެ އަރިމަތީގައި އިދިކޮޅު ޕާޓީގެ ސަޕޯޓަރުން ވެސް މީހުން ތިއްބެވެ.

މީދޫ ބަނދަރުގެ އިރުމަތީގައިި ޕީޕީއެމްގެ ސަޕޯޓަރުން ތިބީ ކުރީގެ ރައީސް, ޔާމީން މިނިވަންކޮށްލުމަށް ގޮވާލާ މުޒާހަރާ ކުރުމުގަ އެވެ. ހުޅަނގު ފަރާތުގައި ރަށުގެ ޒުވާން ފުރައިގެ ކުދިންތަކެއް ނިކުމެ ތިބީ ސިޔާސީ ކުލައާ ވަކިވެގަނެގެން ކުޅިވަރު ބަލާށެވެ.

އެމްޑީޕީ ސަޕޯޓަރުންނާއި ޕީޕީއެމް ސަޕޯޓަރުން އަޑުހަރުކޮށް ޖަހާފައިވާ ލަވައިން އެކަނިވެސް ރަށުގައި ސިޔާސީ ފޯރި އޮތް މިންވަރު ހާމަވެގެން ދެއެވެ. އެއްކޮޅުން ޖަހާ ލަވަ ކުޑަކޮށް ފަނޑުވެލި ނަމަވެސް އަނެއްކޮޅުން އެއަށްވުރެ ބާރަށް ލަވަ ޖަހަ އެވެ.

ރ. މީދޫ ބަނދަރުމަތިން; ރައީސް ވަޑައިގެންނެވުމުން އެމްޑީޕީ ސަޕޯޓަރުން ފޮޓޯ ނެގުމަށް ކެތްމަދުވެފައި -- ފޮޓޯ: އެމްޑީޕީ


ގާތްގަނޑަކަށް 1,700 މީހުންގެ އާބާދީ އޮންނަ މީދޫގެ ބަނދަރު މައްޗަށް ރަށުގެ އާބާދީގެ ބޮޑުބައެއް ނިކުމެ ތިބިއިރު, ސިޔާސީ ކަންކަމަށް އޮތް ލޯބި އެންމެންގެ މޫނުމަތިން ވެސް ފެނިގެން ދިޔަ އެވެ. އެމްޑީޕީ ސަޕޯޓަރުންގެ މޫނު މަތިން ހިނިތުންވުން ފަނޑުވެގެން ނުދާއިރު, ރައީސް ސޯލިހުއާ ސަލާން ކުރަން ސަފުގައި އެތުރިގެން ތިބިއިރުވެސް އެކި އަރި އަރިން ރައީސްއާއެކު ފޮޓޯ ނެގޭތޯ މަސައްކަތް ކުރަމުން ދިޔަ އެވެ.

ސަފުން ސަލާން ކުރަމުން އައި ރައީސް އަރާނެހެން ސެލްފީ ނެގުމާއި, ރައީސްއެކު ސެލްފީ އާއި ފޮޓޯ ނެގުމުގެ އިތުރަށް ސަފުން ބޭރުގައި ތިބި ސަޕޯޓަރުންގެ ކެމެރާތައް ވެސް އަމާޒުވެފައި ހުރީ ރައީސަށެވެ.

އަނެއްކޮޅުން ފެނުނީ އެހެން ސިޔާސީ ލީޑަރަކަށް އޮތް ލޯބި ފާޅު ކުރުމަށް އަޑުން އަޑުނަގާ ފާޅުކުރަމުން ދިޔަ ޝުއޫރުތަކުންނެވެ. ސަރުކާރާމެދު އޮތް ހިތްހަމަނުޖެހުންތަކާއި, ޔާމީނަށް އޮތް ލޯތްބެއްގެ ސަބަބުން, އެންމެން އެކުވެ ތިބެ ގޮވާލަމުން ދިޔައީ ޔާމީން މިނިވަން ކުރުމަށެވެ.

ރ. މީދޫ ބަންދަރުމަތީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލުން


މި ދެ މަންޒަރު ރީތިކޮށް ފެންނާނެހެން ބަނދަރުގެ ހުޅަނގު ފަރާތުގައި މަޑުކޮށްލައިގެން ތިބީ ރަށުގެ ޒުވާން ފުރައިގެ ކުދިންތަކެކެވެ. ފެންނަ ފެނުމަށް ސިޔާސީ ކުލައާ އެކަހެރި އެ ޒުވާނުން ތިބީ ރަށުގައި އޮތް ސިޔާސީ ކުޅިވަރު ބަލާހިތުން ނިކުމެ އެވެ.

ޖެނުއަރީ 28، ގައި ބާއްވާ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ 57،000 މެމްބަރުންނަށް ވޯޓުލެވޭނެ އެވެ. މިއީ މިފަހުން ޕާޓީގެ އެތެރޭގެ އިންތިހާބެއް މިހާ ވާދަވެރިކޮށް ކުރިއަށްދާ ފުރަތަމަ ފަހަރެވެ. މިއީ ރިޔާސީ ޕްރައިމަރީއެއްގައި ރައީސް ސޯލިހު ވާދަ ކުރައްވާ ފުރަތަމަ ފަހަރެވެ. ރައީސް ނަޝީދު މީގެ ކުރިން ދެ ފަހަރަކު ވާދަ ކުރެއްވި އެވެ.