Advertisement

އިޓަލީގެ ފުޓްބޯޅަ ލެޖެންޑް ވިއާލީ މަރުވެއްޖެ

6 ޖަނަވަރީ 2023 - 18:47 0


އިޓަލީގެ ފުޓްބޯޅަ ލެޖެންޑް ވިއާލީ މަރުވެއްޖެ

6 ޖަނަވަރީ 2023 - 18:47 0

ރޯމް (ޖެނުއަރީ 6) - އިޓަލީ އާއި ޗެލްސީ އަދި ޔުވެންޓަސްގެ ކުރީގެ މަޝްހޫރު ފޯވަޑް ޖިއާންލޫކާ ވިއާލީ މިއަދު މަރުވެއްޖެ އެވެ.

ވިއާލީ، 58، މަރުވީ ކެންސަރު ބަލީގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށްފަހު އެވެ. ކެންސަރު ބަލި ޖެހިފައިވާކަން ވިއާލީ އަށް އެންމެ ފުރަތަމަ އެނގުނީ 2017 ވަނަ އަހަރެވެ. އެކަމަކު, 2020 ވަނަ އަހަރު އެ ބަލިން ސަލާމަތްވި ކަމަށް އާންމުކޮށް ބުނެ، އޭނާ ވަނީ އިޓަލީގެ ގައުމީ ޓީމާއެކު މަސައްކަތްކޮށްފަ އެވެ. އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތް އިޓާލީން ކާމިޔާބު ކުރިއިރު، ޓީމުގެ މެނޭޖްމަންޓްގައި ވިއާލީ މުހިންމު ރޯލެއް އަދާކުރި އެވެ.

ކެންސަރު ބަލި އަލުން ފެތުރެމުންދާކަން ވިއާލީ އަށް އެނގުނީ 2021 ވަނަ އަހަރު އެވެ. އަދި ފަރުވާ އަށް ހުސްވުމަށް، މިދިޔަ މަހުން އޭނާ ވަނީ އިޓަލީގެ ގައުމީ ޓިމުގައި އަދާކުރަމުންދިޔަ ޒިންމާތަކުން ދުރުވެފަ އެވެ.

ވިއާލީ (ވ) އިޓަލީޣެ ގައުމީ ޓީމުގެ ކޯޗު މަންޗީނީއާއެކު. -- ފޮޓޯ / އޭއެެފްޕީ


ކްލަބު ކެރިއަރުގައި ވިއާލީ އެންމެ ފުރަތަމަ ވިދާލީ އިޓާލީގެ ސަމްޕްޑޯރިއާގައި އޭނާ ހޭދަކުރި އަށް ސީޒަންގެ ތެރޭގައެވެ. ސަމްޕްޑޯރިއާއާ އެކު އޭނާ ވަނީ އިޓާލިއަން ލީގާއި ޔުއެފާ ކަޕް ވިނާސް ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ސަމްޕްޑޯރިއާ ދޫކޮށް، 1992 ވަނ އަހަރު ވިއާލީ ޔުވެންޓަސް އަށް ބަދަލުވީ އޭރު ދުނިޔޭގެ ރެކޯޑް ޓްރާންސްފާ ފީއެއް ކަމަށްވާ 16.5 މިލިއަން ޔޫރޯ އަށެވެ. ޔުވެންޓަސްއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ވިއާލީ ޗެލްސީ އަށް ބަދަލުވީ 1996 ވަނަ އަހަރެވެ.

ޗެލްސީ އަށް ކުޅެމުން، 1998 ވަނަ އަހަރު ސީޒަންގެ ފަހުކޮޅު ރޫޑް ގުލިޓް އެ ޓީމުގެ ކޯޗުކަމުން ވަކިކުރުމުން، ވިއާލީ ވަނީ އެ ޓީމުގެ ކޯޗުގެ ޒިންމާތަކާ ވެސް ހަވާލުވެފަ އެވެ. ވިއާލީގެ އިރުޝާދުގެ ދަށުން ޗެލްސީން ވަނީ ލީގު ކަޕާއި ޔުއެފާ ކަޕް ވިނާސް ކަޕް އަދި ސުޕަ ކަޕް ކާމިޔާބުކުރި އެވެ. ވިއާލީ އަކީ ޕްރިމިއާ ލީގު ކްލަބެއްގެ ކޯޗުކަން ކުރި އިޓާލީގެ ފުރަތަމަ ކޯޗެވެ.

ޗެލްސީއާ އެކު 2000 ވަނަ އަހަރު އެފްއޭ ކަޕް ވެސް ވިއާލީ ކާމިޔާބުކުރި އެވެ. އެކަމަކު، ޖެހިގެން އައި ސީޒަންގައި ޗެލްސީން ވަނީ އޭނާ ވަކިކޮށްފަ އެވެ.

އިޓާލީގެ ގައުމީ ޓީމަށް ވިއާލީ ކުޅެންފެށީ 1985 ވަނަ އަހަރެވެ. އިޓަލީ އަށް ކުޅުނު 59 މެޗުން ވިއާލީ 16 ލަނޑު ޖެހިއިރު، އޭނާ ވަނީ 1986 އަދި 1990 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިޓަލީ އަށް ކުޅެފަ އެވެ.