ރައީސް ސޯލިހު މާކުރަތު އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަނީ; އެމަނިކުފާނަށް ވޯޓު ދެއްވަން ޖެހޭ ސަބަބު ހާމަކުރެއްވި -- ފޮޓޯ: އެމްޑީޕީ
އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓުގައި ނިކުންނަވާ ކެންޑިޑޭޓެއްގެ ގޮތުގައި ހޮވައިފި ނަމަ, ޑިމޮކްރަސީގެ އަސާސްތަކާ އެއްގޮތަށް އެއްވެސް މީހަކު ބާކީ ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރ. މާކުރަތަށް ވަޑައިގެން ރައީސް ވިދާޅުވީ, މިއަހަރު ރިޔާސީ އިންތިހާބަކާ ކުރިމަތިލާއިރު, ކުރިން ހިންގާފައިވާ ކަންކަމަށް ވިސްނަން ޖެހޭ ކަމަށެވެ. އެގޮތުން, 2018 ވަނަ އަހަރު ވެސް އެމްޑީޕީއަށް އިންތިހާބު ކާމިޔާބު ކުރެވުނުއިރު, 2008 ވަނަ އަހަރުވެސް އިންތިހާބު ކާމިޔާބު ކުރެވުނުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ކުރިން 2008 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔައީ ވަރަށް ހިތްދަތިކޮށް ކަމަށް ސިފަކުރައްވާ ރައީސް ވިދާޅުވީ, އެއީ ސަރުކާރެއް ބަދަލުވެގެންދާން ޖެހޭ ގޮތެއް ނޫން ކަމަށެވެ. އަދި އެކަން ތަކުރާރުވިޔަނުދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"އެ ހަމަނުޖެހުމާއި އަނިޔާވެރިކަމަށް އަޅުގަނޑުމެން އެކަކުވެސް ދާން ބޭނުންވާ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ އިންތިހާބާ ހަމައަށް ރައްޔިތުން ތިބީ މަގުމަތީގައި ބިކަވެ, އަނިޔާވެރިކަމެއްގެ ތެރޭގައި ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ވާހަކަ ދެއްކުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުން މަހުރޫމުވެފައިވާކަން ފާހަގަކުރެއްވި އެވެ.
ރައީސް ސޯލިހު މާކުރަތަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ކީ ހޫނު މަރުހަބާއެއް -- ފޮޓޯ: އެމްޑީޕީ
އޭރު ރަށްރަށުގެ ތަރައްގީއަށް އަދި އަސާސީ ހިދުމަތަކަށް ކުރަންޖެހޭ އެއްވެސް ކަމެއް ކުރަނީ ވަކި ފިކުރަކަށް ބޯލަނބައިގެން ތިބި ރަށްތަކަށް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އެއްވެސް ރަށެއް ބާކީނުކޮށް ހުރިހާ ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގަމުންދާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ހަމަހަމަކޮށް ހިދުމަތް ކޮށްދިނުމާއި ބަސް ބުނުމުގެ މިނިވަންކަން ލިބިގެންދިޔައީ އެމަނިކުފާނުގެ ސަރުކާރާއެކު ކަމަށެވެ. އަދި އެކަން ދެމި އޮންނާނީ ވެސް އެމަނިކުފާނު ދެ ވަނަ ދައުރަަކަށް އިންތިހާބުވެ ކުރެއްވުމުން ކަމަށް ވިދާޅުވި އެވެ.
ކެމްޕޭނު ދަތުރުފުޅެއްގައި މާކުރަތަށް ވަޑައިގެން ރައީސް ވަނީ އެރަށުގެ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީފަ އެވެ. އަދި މަޝްރޫތައް ކުރިއަށް ގެންދިއުމާ ބެހޭގޮތުން ރައްޔިތުންގެ މަޝްވަރައާއި ލަފާ ހޯއްދެވުމުގެ އިތުރުން, ރައްޔިތުން ބޭނުންވާ ގޮތަށް މަޝްރޫއުތައް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފަ އެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް މާކުރަތަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް އެރުވީ ހޫނު މަރުހަބާއެކެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment