Advertisement

ފުވައްމުލަކުގެ މަސައްކަތް ކާމިޔާބު، ޓީޓީ ކުރިއަރުވަން ހިތްވަރެއް

5 ޖަނަވަރީ 2023 - 15:26 1

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ގައުމީ އަންހެން ޓީޓީ ޓީމުން ހޯދި ކާމިޔާބީ ފާހަގަކުރަން ބޭއްވި އިވެންޓްގެ ތެރެއިން ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް ޝިއުރީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ފުވައްމުލަކުގެ މަސައްކަތް ކާމިޔާބު، ޓީޓީ ކުރިއަރުވަން ހިތްވަރެއް

5 ޖަނަވަރީ 2023 - 15:26 1

ދާދި ފަހުން ނިމިގެންދިޔަ، 60 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގައި ޏ. ފުވައްމުލަކުގެ ޖޫނިއާ ކުޅުންތެރިން ދެއްކި ކުޅުމާ އެކު ރާއްޖޭގެ އެހެން ހިސާބުތަކުގައި ޓޭބަލް ޓެނިސް ކުރިއެރުވުމަށް މަސައްކަތްކުރުމަށް ހިތްވަރު ލިބއްޖެ ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބް ރައީސް އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ 25-30 އަށް ކުރިއަށްދިޔަ ގައުމީ ޓީޓީ މުބާރާތުގައި ފުވައްމުލަކުން ބައިވެރިވި ޓީމުގެ މެންބަރުން ވަނީ 13 އަހަރުން ދަށުގެ ހަތަރު ކެޓަގަރީގެ ތެރެއިން ތިން ކެޓަގަރީއެއްގެ ތަށި ހޯދައިފަ އެވެ. އެ ގޮތުން 13 އަހަރުން ދަށުގެ އަންހެން ބައިގެ ޑަބަލްސް ޗެމްޕިއަންކަމާއި، ފިރިހެން ޑަބަލްސް އަދި އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި އެވެ.

ތޭރަ އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މިޝްޔާ އަހުމަދު އާދަމް އެވެ. މިޝްޔާއާ އެކު އާމިނަތު ޒާޔާ އަބްދުލް އަޒީޒު ވަނީ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ. ފިރިހެން ކުދިންގެ ޑަބަލްސް ޗެމްޕިއަންކަން ހޯދީ މުހައްމަދު އާން އަލީ އާއި މުހައްމަދު ޒާއިމް އަހުމަދުގެ ޕެއާ އެވެ.

ގައުމީ މުބާރާތުގައި ފުވައްމުލަކު ޓީމުން ވާދަކުރީ ގާތްގަޑަކަށް ހަ މަސް ދުވަހު ޕްރެކްޓިސް ކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މެދުތެރޭގައި ފުވައްމުލަކުގައި ހުޅުވި ޓީޓީ ހޯލާ އެކު އެ ރަށުގައި ފެށި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ތެރެއިން ތަމްރީންވެގެން އައި ކުޅުންތެރިންނެވެ.

އިންޑިއާގެ ހައި ޕާފޯމަންސް ކޯޗަކާ އެކު ތަމްރީން ހަދައި މުޅިން އަލަށް ކުޅުނު މުބާރާތުގައި ފުވައްމުލަކު ކުޅުންތެރިން ހޯދި ކާމިޔާބީ އެސޯސިއޭޝަނުން ފާހަގަކުރެ އެވެ.

ޝިއުރީ ވިދާޅުވީ ފުވައްމުލަކު ކުޅުންތެރިން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދި ކުރިއެރުން ވަރަށް ބޮޑަށް ފާހަގަކުރާ ކަމަށާއި، މިއީ މުޅި ރާއްޖޭގައި ޓީޓީ ކުރިއެރުވުމަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ.

ޝިއުރީ ވިދާޅުވީ 2023 ގައި އިތުރު ސަރަހައްދު ތަކުގައި ޓީޓީ ފުޅާކޮށް ވަސީލަތްތައް ގާއިމް ކުރުމަށް އެސޯސިއޭޝަނުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި މުޅި ރާއްޖެއިން މި ކުޅިވަރުގައި ބައިވެރިވުމަކީ ޓީޓީ އެސޯސިއޭޝަނުގެ އަމާޒު ކަމަށް ޝިއުރީގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

"މި ދެވުނީ ރަނގަޅު އެގްޒާމްޕަލެއް، އެއީ އެހެން ރަށްރަށުގައިވެސް މިކަން (ވައިޑީޕީ ޕްރޮގްރާމް) ކުރިއަށް ގެންގޮއްސިއްޔާ އެ ރަށްރަށުން ވެސް މޮޅެތި ކުޅުންތެރިން އުފެދޭނެ. އެހެންވީމަ އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް އެބައޮތް 2023ގައި އެހެން ހިސާބުތަކުގައި ވައިޑީޕީ ހިންގަން" ޝިއުރީ ވިދާޅުވި އެވެ.

މިފަހަރުގެ ގައުމީ މުބާރާތް ކުރިއަށްގެންދިޔައީ ދާދި ފަހުން ހުޅުވި މާލޭ ޓީޓީ ހޯލްގަ އެވެ. މިއީ ޖާގައިގެ ގޮތުން ބަލާއިރު މިހާތަނަށް އެސޯސިއޭޝަނަށް ލިބުނު އެންމެ ބޮޑު ފެސިލިޓީ އެވެ.

ޝިއުރީ ވިދާޅުވީ މިހާރު މިއޮތް ހޯލާ އެކު ބޭނުން ދުވަސްވަރެއްގައި ގިނަ މުބާރާތްތަކެއް ބޭއްވުމަށް އެސޯސިއޭޝަން އަށް ފުރުސަތު ލިބިފައިވާ ކަމަށެވެ.