Advertisement

ތައްޓަކަށް ވާދަނުކުރެވޭނެމަ ޓޮޓެންހަމްގެ ކޯޗަކަށް ހުންނަން ކޮންޓޭ ބޭނުމެއްނުވޭ

4 ޖަނަވަރީ 2023 - 18:49 0


ތައްޓަކަށް ވާދަނުކުރެވޭނެމަ ޓޮޓެންހަމްގެ ކޯޗަކަށް ހުންނަން ކޮންޓޭ ބޭނުމެއްނުވޭ

4 ޖަނަވަރީ 2023 - 18:49 0

ލަންޑަން (ޖެނުއަރީ 4) - ތައްޓަަކަށް ވާދަކުރެވޭ ފެންވަރުގެ ޓީމެއް ބިނާކުރުމަށް މެނޭޖްމަންޓްގެ ފަރާތުން އެއްބާރުލުން ނުލިބޭނަމަ، ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމުން ވަކިވާން ޖެހިދާނެ ކަމުގެ އިޝާރާތެއް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ދީފި އެވެ.

ޓޮޓެންހަމްއާ ހަވާލުވުމުގެ ކުރިން ކޮންޓޭ ވަނީ ޗެލްސީ އާއި އިންޓަ މިލާން އަދި ޔުވެންޓަސްއާ އެކު ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ.

ޓޮޓެންހަމްގެ ކޯޗުކަމާ ކޮންޓޭ ،53، ހަވާލުވީ 2021 ވަނަ އަހަރުގެ ފަހުކޮޅެވެ. ޓޮޓެންހަމްގެ ކޯޗުކަމާ ކޮންޓޭ ހަވާލުވިއިރު، އެ ޓީމު އޮތީ ރަނގަޅު ހާލަތެއްގައި ނޫނެވެ. އެކަމަކު، ކޮންޓޭގެ އިރުޝާދުގެ ދަށުން ޓޮޓެންހަމް މިދިޔަ ސީޒަން ނިންމާލީ ހަތަރު ވަނައިގަ އެވެ.

އެންމެ ފަހުން، 2008 ވަނަ އަހަރު ތައްޓެއް ހޯދި ޓޮޓެންހަމްގައި ތައްޓަކަށް ވާދަކުރެވޭ ފެންވަރުގެ ޓީމެއް ބިނާކުރުމަށް ވަގުތު ބޭނުންވާނެ ކަމަށް ކޮންޓޭ ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް، ޓޮޓެންހަމްގެ ފޯމު މި ސީޒަންގައި ދަށްވެ، ޖެނުއަރީގެ ޓްރާންސްފާ ބާޒާރުގައި ސްކޮޑު ވަރުގަދަކުރުމަށް ޓޮޓެންހަމްގެ ޗެއާމަން ޑެނިއެލް ލޭވީގެ ސަޕޯޓް ނުލިބޭނަމަ، ކޯޗުގެ މަގާމުގައި ކޮންޓޭ ދެމިނުހުންނާނެކަމަށް ވަނީ އަޑުފެތުރިފަ އެވެ.

ކޮންޓޭ ޓޮޓެންހަމާ އެކު ހަދާފައިވާ ކޮންޓުރެކްޓް ހަމަވާނީ މި ސީޒަންގެ ނިޔަލަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ކޮންޓޭ ބުނީ ކްލަބުގެ އަމާޒުތަކާއި އޭނާގެ އަމިއްލަ އަމާޒުތަކާ އެއްގޮތްނުވާނަމަ، އޭނާ އަށް ކްލަބުގައި ދެމިނުހުރެވޭނެ ކަމަށެވެ.

"އަހަރެން ޗެލެންޖެއްގެ ގޮތުގައި ބަލަނީ ޕްރިމިއާ ލީގު ކާމިޔާބުކުރުން، ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން. އެކަމަކު މި ކްލަބުގައި، މި ވަގުތު އެއީ އަހަންނާ ހަވާލުކޮށްފައި އޮތް ލަނޑުދަނޑިއެއް ނޫން،" ކޮންޓޭ ބުންޏެވެ.

"މިހާރު އަހަންނަށް ހަވާލުކޮށްފައިވާ މަސައްކަތް ވަރަށް ސާފު. ކްލަބު ރަނގަޅު މިސްރާބަކަށް އެޅުވުން. އަހަރެން މި ކްލަބުގައި މަޑުކުރަން ބޭނުންނަމަ، މިކަން ޖެހޭނީ އަހަރެން ގަބޫލްކުރަން. އެހެން ނޫނީ އަހަރެން ޖެހޭނީ މި ކްލަބު ދޫކޮށްލަން."

ކޮންޓޭ ބުނީ އޭނާ މިހާރު ކުރަމުންދާ މަސައްކަތުގެ ނަތީޖާ ނުފެންނަ ނަމަ، ޓޮޓެންހަމްއާ ވަކިވާންޖެހިދާނެ ކަމަށެވެ.

"އަހަރެން މިހާރު މިކުރާ މަސައްކަތާމެދު ހިތްހަޖެހި، ނަތީޖާ ފެންނަނަމަ ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތް. އެކަމަކު އަހަންނަށް މި ކުރާ މަސައްކަތާމެދު ޔަގީންކަން ނެތްނަމަ، އަހަރެން މަޑުކުރުމުގެ ބޭނުމެއް ނެތް،" ކޮންޓޭ ބުންޏެވެ.

ލީގުގެ ފަސް ވަނައިގައި މި ވަގުތު އޮތް ޓޮޓެންހަމުން މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްރިސްޓަލް ޕެލަސްއާ އެވެ.