Advertisement

ރާއްޖޭގެ ކޯޗުކަން ކުރަން ހީކުރާހާ ފަސޭހައެއް ނޫން: މޮރިއޭރޯ

4 ޖަނަވަރީ 2023 - 11:16 0

ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ރާއްޖޭގެ ކޯޗުކަން ކުރަން ހީކުރާހާ ފަސޭހައެއް ނޫން: މޮރިއޭރޯ

4 ޖަނަވަރީ 2023 - 11:16 0

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރުމަކީ ހީކުރާހާ ފަސޭހަކަމެއް ނޫން ކަމަށް މި ވަގުތު ގައުމީ ޓީމުގެ ކޯޗުގެ ޒިންމާއާ ހަވާލުވެހުރި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

އިޓަލީގައި މި ވަގުތު ޗުއްޓީ ހޭދަކުރަމުން އަންނަ މޮރިއޭރޯ، 53، އެ ގައުމުގެ ނޫހެއް ކަމަށްވާ "ލާ ރިޕަބްލިކާ" އަށް ދިން އިންޓަވިއުއެއްގައި ވަނީ ރާއްޖޭގެ ފުޓްބޯޅަ އާއި އޭނާ ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ސުވާލުތަކަކަށް ޖަވާބު ދީފަ އެވެ.

މީގެ ތިން މަސް ކުރިން ގައުމީ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރު އެއް އަހަރަށް އާ ކުރި މޮރިއޭރޯ ބުނީ ރާއްޖޭގެ ގައުމީ ޓީމަށް ކޯޗުކޮށްދިނުން ފަސޭހަކަމެއްގެ ގޮތުގައި ނުބެލެވޭނެ ސަބަބުތަކެއް އެބަހުރި ކަމަށެވެ.

"ތި ހީކުރާހާ ފަސޭހަކަމެއް ނޫން މިއީ. ތެދެއް، ވަރަށް ގިނަ މީހުން އަހަންނާ ދިމާލަށް ބުނޭ، ހުރިހާ އެއްޗެއް ވިސްނޭ މީހެއް ނޫންހެއްޔޭ ތިއީ. އެކަމަކު، މި ކަން މި އޮތީ މިހާ ފަސޭހަ ގޮތަކަށް ނޫން. އަހަރެން ޓްރެއިން ކުރަން މި ޖެހެނީ ނޮން ޕްރޮފެޝަނަލް ކުޅުންތެރިއެއް،" އިޓަލީގެ ގައުމީ ޓީމާއި އިންޓަ މިލާނަށް މީގެ ކުރިން ކުޅެފައިވާ މޮރިއޭރޯ ބުންޏެވެ.

"ބައެއް ކުޅުންތެރިންނަކީ ވަޒީފާ އަށް ދާ ކުދިން، ފިހާރަ ތަކުގައި މަސައްކަތްކުރާ ކުދިން. އެ ކުދިން ފުޓްބޯޅަ ކުޅޭހިތުން އެކަމުގެ ޝައުގުވެރިކަމާ އެކު ވަރަށް މަސައްކަތް ކުރޭ، އެކަމަކު، ފުޓްބޯޅައިގެ ނަޒަރުން ބަލާއިރު، އެހެންކަމެއްގައި އުޅެގެން ފުޓްބޯޅަ އަށް އެއްކޮށް ފޯކަސް ކުރަން ފަސޭހަނުވާނެ،"

ގައުމީ ޓީމުގެ ކޯޗުކަމާ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަވާލުވި މޮރިއޭރޯގެ އިރުޝާދުގެ ދަށުން ރާއްޖެ ވަނީ ޖުމްލަ 11 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ފަސް މެޗުން ބަލިވިއިރު، ހަތަރު މެޗު ވަނީ މޮޅުވެފަ އެވެ. އަދި ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ރާއްްޖެ މޮޅުވީ މި އަހަރު މާޗް މަހު އެކުވެރިކަމުގެ މެޗެއްގައި ބަންގްލަދޭޝް އަތުންނާއި މިދިޔަ ޖޫން މަހު އޭޝިއަން ކަޕް ކޮލިފައިންގައި ސްރީ ލަންކާ އަތުންނާއި ސްޕެޓެމްބަރު މަހު، އެކުވެރިކަމުގެ މެޗުތަކެއްގައި ބްރުނާއީ ދާރުއްސަލާމް އާއި ލާއޯސް އަތުންނެވެ. ބަލިވީ މިދިޔަ އަހަރު ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް އަތުންނާއި މި އަހަރު އޭޝިއަން ކަޕް ކޮލިފައިންގައި އުޒްބެކިސްތާނާއި ތައިލެންޑް އަތުންނާއި އެކުވެރިކަމުގެ މެޗުތަކެއްގައި މިދިޔަ މަހު މެލޭޝިއާ އާއި ސިންގަޕޫރު އަތުންނެވެ. އެއްވަރުވީ މިދިޔަ އަހަރު، ފޯ ނޭޝަންސް ކަޕްގައި ސްރީ ލަންކާ އާއި ސީޝެލްސްއާ ދެކޮޅަށެވެ.

ގައުމީ ޓީމާ އެކު ކުރިއަށް އޮތްތަނުގައި ހާސިލްކުރަން ބޭނުންވާ ޓާގެޓްތަކެއް މޮރިއޭރޯގެ އެބައޮތެވެ. މޮރިއޭރޯ ބުނީ މީގެ ކުރިން އައިވަރީ ކޯސްޓާއި އަލްބޭނިއާގައި މަސައްކަތްކުރިއިރު ވެސް ގިނަ ކަންތައްތަކެއް ކުރަން ބޭނުންވިއިރު، ދަތުރުތަކެއް ކޮށްގެން ވެސް ކަންކަން ހާސިލްކުރަން ޝައުގުވެރިވި ކަމަށެވެ.

"އަހަންނަށް ނޭނގެ ދިރިއުޅުމުގައި އަހަންނަށް ކުރިއަށް އޮތްގޮތެއް. އެކަމަކު، އަހަރެންގެ ހުރިހާ ވިސްނުމެއް މި ހުރީ ރާއްޖޭގެ ޓީމަށް. އަހަރެމެން އެބަޖެހޭ ސަރަހައްދީ މުބާރާތް ކާމިޔާބުކުރަން، ޒުވާން ކުޅުންތެރިން ތަރައްގީ ކުރަން ވެސް، ދެން، ހާއްސަ މުބާރާތަކަށް ކޮލިފައިވުމަކީ ވެސް އަމާޒެއް،" މޮރިއޭރޯ ބުންޏެވެ.

އެންމެ ފަހުން ރާއްޖޭގެ ގައުމީ ކޯޗުކަމާ ހަވާލުވި ހަތަރު ކޯޗުންނަށް ވެސް އެފްއޭއެމުން ދިން ޓާގެޓަކީ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ.

މޮރިއޭރޯ ބުނީ ކޮންޓްރެކްޓް އޮތްގޮތުން އަހަރު ދުވަހު އެއްކޮށް ރާއްޖޭގައި ހުންނަން ޖެހޭ ކަމަށެވެ. ރާއްޖޭގައި ހުންނައިރު، އިޓަލީގައި ދިރިއުޅޭ އާއިލާ މަތިން ހަނދާންވާ ކަމަށާއި ހާއްސަކޮށް އެންމެ ހަގު ދަރި ސްކޫލަށް ދާތީ އޭނާގެ ކަންކަމާ މެދު ވިސްނަން ޖެހޭ ފަހަރު އަންނަ ކަމަށެވެ.