3 ޖަނަވަރީ 2023 - 15:10 0
މުހައްމަދު އުޝާމް
3 ޖަނަވަރީ 2023 - 15:10 0
ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވިކަމަށް ބުނެ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް ހިންގަވާ ގާޒީ އަލީ ނަދީމް އެއްވެސް އިރެއްގައި ހިޔާނާތުގެ މައްސަލައެއްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ގާނޫނީ ހިދުމަތް ދެއްވާފައިނުވާނެ ކަމަށް ގާޒީ މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ ފުއްގިރި މުއާމަލާތުގެ މައްސަލާގައި ޔާމީންގެ އިތުރަށް މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.
އެ މައްސަލަ ފުރަތަމަ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ބެއްލެވި ނަމަވެސް މައްސަލައިން ތަނާޒުލްވެ، ގާޒީ ނަދީމްއާ މައްސަލަ ވަނީ ހަވާލުކޮށްފަ އެވެ. ނަދީމް ހަވާލުވި ފަހުން، މިއަދު ފުރަތަމަ ފަހަރަށް އަޑުއެހުމެއް ބޭއްވިއިރު އެ އަޑުއެހުމުގައި ދިފާއީ ވަކީލުން ވަނީ ގާޒީ ތަނާޒުލްވުމަށް އެދިފަ އެވެ. އެއީ އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުގައި ގާޒީ އަލީ ނަދީމް މީގެ ކުރިން މަސައްކަތް ކުރައްވާފައިވާތީ ކަމަށް ދިފާއީ ވަކީލުން މިއަދު ޝަރީއަތުގައި ފާހަގަކުރި އެވެ.
ގާޒީ އަލީ ނަދީމް ވިދާޅުވީ، އަދީބުގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވީ އެހެން މައްސަލައަކާ ގުޅިގެން އަދީބް ބަންދުކުރެވިފައި ހުރި ދުވަސްވަރު ކަމަށާއި އޭނާގެ މައްޗަށް ހިޔާނާތުގެ ތުހުމަތު ކުރެވުނު އެއްވެސް މައްސަލައެއްގައި ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެފައެއް ނުވާނޭ ކަމަށެވެ. ގާޒީ އެ އިޝާރާތްކުރެއްވި މައްސަލައަކީ ފިނިފެންމާ ލޯންޗުގައި ބޮން ގޮއްވާލި ކަމަށް ތުހުމަތުކުރެވޭ މައްސަލަކަމަށް ބެލެވެ އެވެ.
"ސައްހަ ނޫން ފެކްޓްތަކެއް އެބަ ބުނެވޭ، އަޅުގަނޑު އަދީބުގެ ވަކީލެއްގެ ގޮތުގައި ދިޔައީ މީގެ ހަތް އަހަރު ކުރިން، އެއީ ބަންދުގެ މައްސަލައެއް، ނައިބު ރައީސް ކަމުން އަދީބު ވަކިކުރި ފަހުން އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު އެއްވެސް ޖިނާއީ މައްސަލައެއްގައި ގާނޫނީ ހިދުމަތެއް ދީފައެއް ނުވާނެ،" ގާޒީ ވިދާޅުވި އެވެ.
އެހެން ނަމަވެސް މަސްލަހަތުގެ ފުށުއެރުންތަކެއް އޮތް ކަމަށް ދިފާއުން ފާހަގަ ކުރާތީ، ޝަރީއަތުން އެ ކަމާމެދު އިތުރަށް ވިސްނަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އަދީބަކީ އެމްއެމްޕީއާރުސީ ހިޔާނާތުގެ އެންމެ ބޮޑު އެއް މޭސްތެރިޔާ އެވެ. ހިޔާނާތުގައި ބައިވެރިވި ކަމަށް އަދީބު ވަނީ ޝަރީއަތުގައި އެއްބަސްވެފަ އެވެ. އަދި ހިޔާނާތާ ގުޅުން ހުރި މުއާމަލާތްތަކުގެ ތަހުގީގު ހިންގުމުގައި އަދީބު ވަނީ ދައުލަތާއެކު އެއްބަސްވުމެއްވެފަ އެވެ.
ޝަރީއަތަށް ހުށަހެޅިފައިވާ އެހެން މައްސަލަތަކުގައި، މައިގަނޑު އެއް ހެއްކަކީ ވެސް އަދީބުގެ ހެކިބަހެވެ.
އަދީބުގެ އިތުރަށް މި ހިޔާނާތުގައި ބައިވެރިވި ކަމަށް އެއްބަސްވެފައިވަނީ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އެކަންޏެވެ. ދެ މީހުންގެ މައްޗަށް ހުކުމް ކޮށްފައިވާއިރު، އެ ހުކުމް ތަންފީޒު ކުރަމުން ގެންދަނީ ގޭބަންދުގައި ތިބެގެނެވެ.
ފުއްގިރި މައްސަލައިގެ ޝަރީއަތް ހިނގަމުންދާއިރު، ވ. އާރަށު ހިޔާނާތުގެ މައްސަލާގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ މިދިޔަ ޑިސެމްބަރު 25، ވަނަ ދުވަހު އިއްވައިފަ އެވެ. ހުކުމް ތަންފީޒު ކުރުމަށް ޔާމީން ހުންނެވީ މާފުށީ ޖަލުގަ އެވެ. އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ތިން އަހަރަށް ޖަލަށް ލުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ.
Comment