Advertisement

ދީމާގެ ފޯކަސް އޮލިމްޕިކްސް އާއި ގައުމީ ޗެމްޕިއަން ރެކޯޑަށް

1 ޖަނަވަރީ 2023 - 12:14 0

ގައުމީ ޓީޓީ މުބާރާތުގައި މި ފަހަރު ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން ތިން ވަަަނަ ފަހަރަށް ހޯދައި ތަށި މިލްކުކުރި ދީމާ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ދީމާގެ ފޯކަސް އޮލިމްޕިކްސް އާއި ގައުމީ ޗެމްޕިއަން ރެކޯޑަށް

1 ޖަނަވަރީ 2023 - 12:14 0

ގައުމީ ޗެމްޕިއަންކަން ޖެހިޖެހިގެން ތިން ފަހަރު ހޯދައި، ތަށި މިލްކު ކުރުމަށް ފަހު ރާއްޖޭގެ ޓޭބަލް ޓެނިސް (ޓީޓީ) ތަރި، ފާތިމަތު ދީމާ އަލީގެ ފޯކަސް ދެން އޮތީ އޮލިމްޕިކްސް އަށް ކޮލިފައިވުމާއި ރާއްޖޭގެ ގައުމީ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރު ހޯދުމުގެ ރެކޯޑް ހާސިލްކުރަން މަސައްކަތް ކުރުން ކަމަށް ބުނެފި އެވެ.

އުމުރުން 15 އަހަރުގެ ދީމާ މި ފަހަރުގެ ގައުމީ މުބާރާތުގެ ފައިނަލުގައި ވާދަކުރީ އައިޝަތު ރަފާ ނާޒިމްއާ އެވެ. އެ މެޗުން ދީމާ ވަނީ ސީދާ ހަތަރު ގޭމުން މޮޅުވެފަ އެވެ. ދީމާ ގޭމްތައް ގެންދިޔައީ 15-13، 11-08، 11-09 އަދި 11-03 އިންނެވެ.

ފައިނަލް މެޗަށް ފަހު ޕީއެސްއެމް އަށް ދިން އިންޓަވިއުއެއްގައި ދީމާ ބުނީ ތަށި މިލްކުކުރެވުމުން ވަރަށް އުފާވާ ކަމަށެވެ. އަދި އަބަދުވެސް މަސައްކަތް ކުރަނީ ވާދަކުރާ ކޮންމެ މުބާާރާތްތަކުން ކާމިޔާބު ހޯދުމާއި ރާއްޖެ އަށް ރީތި ނަން ހޯދައިިދިނުމަށް ކަމަށް ދީމާ ވަނީ ބުނެފަ އެވެ.

"ދީމާ އުންމީދު ކުރަން ކުރިއަށް އޮތްތަނުގައި ވެސް، ހަމަ މި ގޮތަށް ގައުމީ ޗެމްޕިއަން ހޯދޭތޯ، އަދި ރާއްޖެ އަށް ރީތި ނަން ހޯދައިދެވޭތޯ،" ދީމާ ބުންޏެވެ.

"ދީމާގެ އެންމެ ބޮޑު ފޯކަސް އަކީ އޮލިމްޕިކްސް އަށް ސިލެކްޓް ވުން. ދީމާ އަތުގައި އެބަހުރި ކުޑަ މުބާރާތްތަކެއް ވެސް ކާމިޔާބު ކުރަން ބޭނުންވާ،"

ގައުމީ ޓީޓީ ފައިނަލްގެ ތެރެއިން ދީމާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ދީމާ އަކީ ޕެރިހުގައި 2024 ވަނަ އަހަރު ބާއްވާ އޮލިމްޕިކްސް އަށް އަމާޒުކޮށް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދިން ސްކޮލަޝިޕް އެވޯޑްކުރި އެތުލީޓެކެވެ.

ރާއްޖޭގެ ޓީޓީގައި ގައުމީ ޗެމްޕިއަންކަން ހޯދުމުގައި ރެކޯޑެއް އޮތީ ކުރީގެ އެއް ވަނަ ކުޅުންތެރިޔާ މުއީނާ މުހައްމަދު އަތުގަ އެވެ. މުއީނާ ވަނީ 2003 އިން 2015އާ ހަމައަށް ޖެހިޖެހިގެން 13 އަހަރު ގައުމީ އަންހެން ސިންގަލްސް ޗެމްޕޕިއަންކަން ހޯދައިފަ އެވެ. ޖުމްލަ އެކު މުއީނާ ވަނީ 15 ފަހަރު ގައުމީ ސިންގަލްސް ތަށި އުފުލާލައިފަ އެވެ. މުއީނާގެ 13 އަހަރުވީ ރެކޯޑް ކާމިޔާބީގެ ސިލްސިލާ އަށް ނިމުން އައީ 2016 ވަނަ އަހަރުގެ ގައުމީ ފައިނަލުގައި ރަފާ އަތުން ބަލިވުމުންނެވެ.

މުއީނާ އަތުގައި އޮތް ގައުމީ ޗެމްޕިއަން ރެކޯޑަކީ ދީމާގެ ޓާގެޓެއްތޯ ސުވާލުކުރުމުން ބުނީ އެ އަށް މަސައްކަތް ކުރާނެ ކަމަށެވެ.

"ދީމާ ވަރަށް މަސައްކަތް ކުރާނަން، އައި ގެސް ފިއުޗާގައި ދީމާ ވަރަށް އުންމީދުކުރަން ގައުމީ ޗެމްޕިއަން ހޯދޭތޯ،" ދީމާ ބުންޏެވެ.

ޒުވާން އުމުރުގައި މި ހޯދޭ ކާމިޔާބީތަކުގެ އަސްލެއްގެ ގޮތުގައި ދީމާ ފާހަގަކޮށްފައިވަނީ އޭނާ ޓްރެއިނިންތަކުގައި ވެސް ކުރާ ބުރަ މަސައްކަތެވެ. އެ ގޮތުން މި ފަހަރުގެ ގައުމީ މުބާރާތަށް އައުމުގެ ކުރިން ތައިލެންޑާއި ފްރާންސްގައި ކުރިއަށްގެންދިޔަ ޓްރެއިނިންތަކުގެ ސަބަބުން މިހާރު އޭނާ ހުރި ލެވަލާ މެދު ދީމާ ހިތްހަމަޖެހެ އެވެ.

އެކަމަކު، އަދިވެސް އިތުރަށް ރަނގަޅު ކުރަން ހުރި ކަންތައްތަކަށް ފޯކަސް ކޮށްގެން، ދީމާ ކުރިމަގުގައި ހާސިލްކުރަން ބޭނުންވާ ކާމިޔާބީތައް ވެސް ގިނަ އެވެ.

"އައި ވިލް ކޮންޓިނިއު ޓު ޓްރެއިން ހާޑް،" ދީމާ ބުންޏެވެ.

ވޯލްޑް ޗެމްޕިއަންޝިޕް ކޮލިފިކޭޝަންގެ ސާކް ސަރަހައްދުގެ މުބާރާތުގައި ގްރޫޕުގެ އެއް ވަނައިގައި ދީމާ ވަނީ އޭޝިއަން ޗެމްޕިއަންޝިޕަށް ކޮލިފައިވެފަ އެވެ. ދީމާ ވަނީ މިދިޔަ އަހަރު ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރަނގަޅު ކުރިއެރުންތަކެއް ހޯދައިފަ އެވެ.