Advertisement

މެޗަކުން ބަލިނުވެ ރާއްޖޭގެ ކުޑަކާއްޓޭ އައި އެޑަމްގެ ޕެއާ ފައިނަލަށް

29 ޑިސެންބަރު 2022 - 16:13 0

މި އަހަރު ރާއްޖޭގައި ބޭއްވި އެފްއައިވީބީ ބީޗް ވޮލީބޯލް ޓުއާގެ މެޗެއްގެ ތެރެއިން ކުޑަކާއްޓެ (ވ) އާއި އެޑަމްގެ ޕެއާ އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މެޗަކުން ބަލިނުވެ ރާއްޖޭގެ ކުޑަކާއްޓޭ އައި އެޑަމްގެ ޕެއާ ފައިނަލަށް

29 ޑިސެންބަރު 2022 - 16:13 0

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފައިނަލުން ރާއްޖޭގެ އާދަމް ނަސީމް (އެޑަމް) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)ގެ ޕެއާ އިން ޖާގަ ހޯދައިފި އެވެ.

މި މަހުގެ 28-30 އަށް ބަންގްލަދޭޝްގެ ކޮކްސް ބަޒާރުގައި ކުރިއަށްދާ ސަރަހައްދީ ބީޗް ވޮލީބޯޅަ މުބާރާތުގައި ހަ ގައުމަކުން ވާދަކުރެ އެވެ. އެއީ މުބާރާތުގެ ހޯސްޓް ބަންގްލަދޭޝް އާއި ރާއްޖޭގެ އިތުރުން، ކިރްގިސްތާން، ބޫޓާން، ނޭޕާލް އަދި ޕާކިސްތާން އެވެ.

ރާއްޖޭގެ އެއް ވަނަ ޕެއާ ކަމަށްވާ އެޑަމް އާއި ކުޑަކާއްޓޭ ސެމީ ފައިނަލު މެޗު ކާމިޔާބު ކުރީ ބަންގްލަދޭޝްގެ އެއް ވަނަ ޕެއާ ކަމަށްވާ ހޮރޮޝިތު ބިސްވާސް އާއި ޕަވެލްގެ ޕެއާއާ ވާދަކޮށްގެންނެވެ. ސީދާ ދެ ސެޓުން ރާއްޖެއިން މެޗު ކާމިޔާބުކުރިއިރު، ސެޓުތައް ނިމުނީ 22-20، 22-20 އިންނެވެ.

ހޮރޮޝިތު ބިސްވާސް އާއި ޕަވެލްގެ ޕެއާ، ސެމީ އަށް ދިޔައީ ރާއްޖޭގެ ޝަމާއިލް ހުސެއިން އާއި އަހުމަދު މުހައްމަދު (ކޯކޭ)ގެ ޕެއާ ބަލިކޮށްގެންނެވެ.

މުބާރާތުގެ ފައިނަލުގައި ރާއްޖޭގެ އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ ނުކުންނާނީ ނޭޕާލްގެ މަން ބަހާދުރު ޝްރެސްތާ އާއި ދިލް ބާހާދުރު ސުނާރުއާ ދެކޮޅަށެވެ. މި ދެ ކުޅުންތެރިންވަނީ ސެމީ ފައިނަލް ދެ ވަނަ މެޗުގައި ކިރްގިސްތާންގެ މެޑެޓްބެކް އޫލޫ އާއި ޒީންބެކް އޫލޫގެ ޕެއާ ބަލިކޮށްފަ އެވެ.

މަން ބަހާދުރު އާއި ދިލް ބަހާދުރު ގްރޫޕް ސްޓޭޖުގައި ވަނީ ރާއްޖޭގެ ދެ ވަނަ ޕެއާ ކަމަށްވާ ކޯކޭ އާއި ޝަމާއިލް ހުސައިން އާ ވާދަކޮށްފަ އެވެ. އެ މެޗުން ރާއްޖޭގެ ޕެއާ ބަލިވީ ދެ ސެޓު އެއް ސެޓުންނެވެ.

ރާއްޖެ އާއި ނޭޕާލް ވާދަކުރާ ސަރަހައްދީ ބީޗް ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު އެވެ.

މި އަހަރު ރަސްމީކޮށް ޕެއާއެއްގެ ގޮތުގައި ކުޅެން ފެށި އެޑަމް އާއި ކުޑަކާއްޓެ ވަނީ ބައިނަލްއަގުވާމީ ގިނަ މެޗުތަކެއް މި އަހަރު ތެރޭ ކުޅެފަ އެވެ. އޭގެ ތެރޭގައި ސްރީ ލަންކާގައި ކުރިއަށްދިޔަ ސެންޓްރަލް ޒޯން ބީޗްވޮލީ މުބާރާތާއި ކޮމަންވެލްތު ކޮލިފައިންގެ އިތުރުން، އިންގްލެންޑްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސް ހިމެނެ އެވެ. އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ވަނީ ކޮމަންވެލްތު ކޮލިފައިން ބުރުގެ ފައިނަލުގައި ކުޅެފަ އެވެ.

ލަންކާގައި ކުރިއަށްދިޔަ ކޮމަންވެލްތު ކޮލިފައިން އަށް ގަތަރުގައި ޓްރެއިނިން ކޭމްޕް ފުރިހަމަކުރުމަށް ފަހު، އެޑަމް އާއި ކުޑަކާއްޓެ އަށް ލިބުނީ ފައިނަލުގައި ކުޅެގެން ދެ ވަނަ އެވެ. އެކަމަކު، އެފްއައިވީބީން ފަހުން ދިން އިންވިޓޭޝަނަލް ފުރުސަތެއްގައި ރާއްޖޭގެ އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ވަނީ ކޮމަންވެލްތު ގޭމްސްގައި ކުޅެފަ އެވެ.