29 ޑިސެންބަރު 2022 - 10:59 0
29 ޑިސެންބަރު 2022 - 10:59 0
ލީޑްސް (ޑިސެމްބަރު 29) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާލިން ބްރައުޓް ހާލަންޑް ރެކޯޑަކާ ހަމަކުރި ގޯލުތަކާ އެކު، 3-1 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށް މެންޗެސްޓާ ސިޓީ ލީގުގެ ދެ ވަނަ އަށް އަލުން ޖެހިލައިފި އެވެ.
ރޭގެ މެޗަށް އެންމެ ފަހުގެ ޗެމްޕިއަން ސިޓީ ނުކުތްއިރު، ދެ ވަނައިގައި އޮތީ މި ހަފްތާގައި ކުޅުނު މެޗުން މޮޅުވެ، ނިއުކާސަލް ޔުނައިޓެޑް އެވެ. އެކަމަކު، ސިޓީ ވަނީ ލީޑްސް ބަލިކޮށް 15 މެޗުން 35 ޕޮއިންޓް ހޯދައި، ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެއް ވަނައިގައި އޮތް އާސެނަލަށް ވަނީ 15 މެޗުން 40 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ނިއުކާސަލް އޮތީ 15 މެޗުން 33 ޕޮއިންޓާ އެކު އެވެ.
ލީޑްސްގެ އެލަން ރޯޑްގައި ކުޅުނު މެޗު ފަށައިގެން ފުރަތަމަ މިނިޓްގައި ހާލަންޑް ޖެހި ބޯޅަ ލީޑްސްގެ ކީޕަރު އިލާން މެލިއޭ ވަނީ މަތަކޮށްފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުުތުގައި ސިޓީން ލީޑުނެގީ ރޮޑްރީ ޖެހި ގޯލުންނެވެ. މިއީ ސިޓީގެ ރިޔާދު މާރޭޒް ޖެހި ބޯޅައެއް ލީޑްސް ކީޕަރު މެލިއޭ އަތުގައި ޖެހިފައި ރީބައުންސް ބޯޅަ ނިކުތް ވަގުތު ރޮޑްރީ ޖެހި ލަނޑެކެެވެ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ހަ މިނިޓް ތެރޭ ސިޓީން ލީޑުފުޅާކުރީ ލީޑްސް ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައިގެންނެވެ. ލީޑްސް ޑިފެންޑަރުން އަތުން ހާފުގެ މެދެއްހާ ހިސާބުން ގެއްލުނު ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ސިޓީގެ ޖެކް ގްރީލިޝް ދިނީ ހުސްކޮށް އެރި ހާލަންޑަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. މެޗުގެ 64 ވަނަ މިނިޓްގައި ސިޓީގެ ތިން ވަނަ ލަނޑު ޖެހީ ވެސް ހާލަންޑް އެވެ. މިއީ ވެސް ގްރީލިޝް ދިން ބޯޅައަކުން ހާލަންޑް ޖެހި ލަނޑެވެ.
މި ލަނޑުތަކާ އެކު ހާލަންޑް ވަނީ މުޅި ސީޒަނުގައި ޖުމްލަ އެކު، 26 ލަނޑު ހަމަކޮށްފަ އެވެ. މީގެ ތެރެއިން 20 ލަނޑަކީ ޕްރިމިއާ ލީގުގައި ޖެހި ގޯލުތަކެވެ. ހާލަންޑް، 20 ޕްރިމިއާ ލީގު ލަނޑު ހަމަކުރީ 14 މެޗުންނެވެ. މިއާ އެކު އޭނާ އަކީ އެންމެ އަވަހަށް އެ އަދަދަށް ގޯލު ޖެހި ކުޅުންތެރިޔާ އެވެ.
ލީޑްސް އަކީ ނޯވޭ އަށް ނިސްބަތްވާ ހާލަންޑް އުފަންވި ސިޓީ އެވެ. ރޭގެ މެޗަށް ފަހު ހާލަންޑް ބުނީ ލީޑްްސް ދަނޑުގައި މެޗެއް ކުޅެލަން ލިބުމަކީ އޭނާ އަށް ހާއްސަ އުފަލެއް އިހުސާސް ކުރެވޭ ކަމެއް ކަމަށެވެ. އަދި އެންމެ އަވަހަށް 20 ގޯލު ހަމަކުރި ފޯވާޑްގެ ރެކޯޑް ހާލަންޑަށް ލިބުމަކީ އުންމީދުކުރި ކަމެއް ނޫން ކަމަށާއި އޭގެ ކްރެޑިޓް ސިޓީގެ ކުޅުންތެރިންނަށް ވެސް ހައްގުވާ ކަމަށެވެ.
ލީޑްސް އިން މި މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ މެޗުގެ 73 ވަނަ މިނިޓްގަ އެވެ. މިއީ ގްރީންވުޑް ނެގި ކޯނަރަކުން ޕަސްކާލް ސްޓްރައުކް ޖެހި ލަނޑެކެވެ.
Comment