Advertisement

އެންޒޯގެ ސޮއި ހޯދަން ލިވަޕޫލް، ޔުނައިޓެޑް، ޗެލްސީ އަދި ޕީއެސްޖީގެ ގަދަހިފުމެއް

28 ޑިސެންބަރު 2022 - 12:22 0


އެންޒޯގެ ސޮއި ހޯދަން ލިވަޕޫލް، ޔުނައިޓެޑް، ޗެލްސީ އަދި ޕީއެސްޖީގެ ގަދަހިފުމެއް

28 ޑިސެންބަރު 2022 - 12:22 0

ލަންޑަން (ޑިސެމްބަރު 28) - ގަތަރުގައި މި ފަހަރު ކުރިއަށްދިޔަ، ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދިއިރު، އެ ޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި މިޑްފީލްޑަރު، އެންޒޯ ފެނާންޑޭޒްގެ ސޮއި ހޯދަން، ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އަދި ޕީއެސްޖީން ގަދަހިފުމަކަށް ގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދި އެންޒޯ، 21، މިހާރު ކުޅެމުން އަންނަ ބެންފީކާ އަށް ބަދަލުވީ މި އަހަރުގެ ޖޫން މަހު 15 މިލިއަން ޑޮލަރަށެވެ. އެންޒޯއާ އެކު އޭރު، ބެންފީކާ އިން ސޮއިކުރި ކޮންޓްރެކްޓްގައިވާ ގޮތުން، އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، އެންޒޯގެ ކޮންޓްރެކްޓް ގަންނަން ދައްކަން ޖެހޭ ރިލީސް ކްލޯސް، 120 މިލިއަން ޑޮލަރަށް އަރާނެ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޗެލްސީން އޮތީ އެންޒޯގެ ކޮންޓްރެކްޓް ގަންނަން ދައްކަން ޖެހޭ ފީ ދައްކަން ތައްޔާރަށެވެ. އެންޒޯގެ ޑީލް ފުރިހަމަ ކުރުމުގެ ގޮތުން ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީން އެންގޯލޯ ކާންޓޭ ދޫކޮށްލުމުގެ ފުރުސަތު ވެސް އެބައޮތެވެ. ކާންޓޭގެ އަނިޔާގެ މައްސަލަތަކާ ހެދި އެ ކްލަބުން އޭނާ ދޫކޮށްލުމުގެ ވިސްނުން ގެންގުޅޭ ކަމަށް ފްރާންސްގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ޗެމްޕިއަންސް ލީގުގައި ޕީއެސްޖީގެ މެސީ (ކ) އަތުން ބޯޅަ ހޯދަން ބެންފީކާގެ އެންޒޯ މަސައްކަތް ކުރަނީ.


އެންޒޯގެ ސޮއި ހޯދުމުގެ ރޭހުގައި ދެން އޮތް އިނގިރޭސި ދެ ކްލަބް ކަމަށްވާ ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑުން ވެސް އަންނަނީ އޭނާގެ އޭޖެންޓާ މަޝްވަރާ ކުރަމުންނެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެންޒޯ އަށް 100 މިލިއަން ޑޮލަރުގެ ބިޑެއް ކުރަން މި ވަގުތު ޔުނައިޓެޑުން ބޭނުމެއް ނުވެ އެވެ. ޔުނައިޓެޑުން މަޝްވަރާ ކުރަން ބޭނުންވަނީ ޖުލައި މަހު އެންޒޯ އެ ޓީމަށް ގެނެވޭ ގޮތަށް ޕްރީ-ކޮންޓްރެކްޓެއް ހެދޭތޯ އެވެ.

ލިވަޕޫލުން މި ސީޒަނުގައި ބެންފީކާ އިން، އުރުގުއޭ ގައުމީ ޓީމުގެ ފޯވާޑް، ޑާވިން ނޫނޭޒް ގަތްއިރު، އޮތް ގުޅުން އަދިވެސް އެ ކްލަބާ އެކު އޮތުމުން، އެންޒޯގެ ޑީލް ނިންމުމުގައި ވެސް ހައްލުތަކެއް ހޯދޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެންޒޯ ގަތުމުގެ ރޭހަށް ޕީއެސްޖީން ވަނީ އެ ކްލަބުން، އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީގެ ކޮންޓްރެކްޓް އިތުރު އެއް އަހަރަށް އާ ކުރަން އެއްބަސްވި ފަހުންނެވެ.

ދެކުނު އެމެރިކާގެ ކުޅިވަރު މީޑިއާއެއް ކަމަށްވާ ޓައިކް ސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި އެންޒޯ ގަންނަން ޕީއެސްޖީން ވެސް މަސައްކަތް ފަށަން އެދުނީ މެސީ އެވެ.

ބެންފީކާ އަށް މި ސީޒަނުގައި އެންޒޯ ކުޅުނު 24 މެޗުގެ ތެރޭގައި ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ދެ މެޗު ވެސް ހިމެނެ އެވެ. އެންޒޯ ވަނީ މި ސީޒަނުގައި ބެންފީކާ އަށް މިހާތަނަށް ތިން ގޯލު ޖަހައިދީ ފަސް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު އާޖެންޓީނާގެ ސީނިއާ ޓީމަށް ކުޅެން ފެށި އެންޒޯ، މިހާތަނަށް ގައުމީ ޓީމަށް ކުޅެދިން 10 މެޗުގެ ތެރެއިން ޖެހި ހަމައެކަނި ލަނޑަކީ މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި މެކްސިކޯ ކޮޅަށް ޖެހި ގޯލެވެ.