28 ޑިސެންބަރު 2022 - 11:13 0
ކިންގްސްގެ ކުރީގެ ކެޕްޓަން ޒިލާ: އޭނާގެ ޝަރަފުގައި އެ ޓީމުގެ ހަ ނަމްބަރު ޖޯޒީ ރިޓަޔާކުރަން ވަނީ ނިންމާފައި.--- ފޮޓޯ: ހާފްކޯޓް މޯލްޑިވްސް
28 ޑިސެންބަރު 2022 - 11:13 0
ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން މުހައްމަދު ޒިލާލު (ޒިލާ)ގެ ޝަރަފުގައި އޭނާ އެންމެ ފަހުން ކުޅުނު ކުލަބު، ކިންގްސް ބާސްކެޓްބޯޅަ ކުލަބުން، ޒިލާގެ ރަސްމީ "6 ނަންބަރު" ޖާޒީ ރިޓަޔާކުރަން ނިންމައިފި އެވެ.
މީގެ ތިން އަހަރު ކުރިން، 2019 ގައި ކުޅުން ހުއްޓާލި ޒިލާލް އަކީ މިހާރު ކިންގްސް ބާސްކެޓްބޯޅަ ކުލަބުގެ ކޯޗެވެ. ކޯޗަކަށް ވުމުގެ ކުރިން ތިން އަހަރު އެ ކުލަބަށް އޭނާ ކުޅުނެވެ. ކިންގްސް އަށް ކުޅުމުގެ ކުރިން ޒިލާ ވަނީ ރެޑް ލައިން ކުލަބާއި، ޓީރެކްސް ބާސްކެޓްބޯޅަ ކުލަބް އަދި ވިކްޓްރީ ސްޕޯޓްސް ކުލަބަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ.
ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ބާސްކެޓްބޯޅަ ކުުޅުންތެރިޔާ، ޒިލާލް، 2004 ވަނަ އަހަރު ކުލަބު ކެރިއަރު ފެށި ފަހުން ބޭނުންކުރަމުން އައީ "6 ނަމްބަރު" ޖާޒީ އެވެ. އެ ޖޯޒީ ނަމްބަރު، އޭނާ އެންމެ ފަހުން ކުޅުނު ކިންގްސް އިން ރިޓަޔާކުރަން ނިންމާފައިވަނީ އޭނާ ބާސްކެޓަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. ނަންބަރު ރިޓަޔާ ކުރަން ހާއްސަ ހަފްލާއެއް އަންނަ އަހަރު ކުރީކޮޅު ބޭއްވުމަށް ކިންގްސް ބީސީ އިން އަންނަނީ ތައްޔާރު ވަމުންނެވެ.
ޖާޒީ ރިޓަޔާކުރުމުގެ އިތުރުން ޒިލާގެ ކުޅިވަރުގެ ހަޔާތާ ކުޅޭ ބަޔޮގްރަފީއެއް ވެސް ކިންގްސް އިން އަންނަނީ ތައްޔާރު ކުރަމުންނެވެ. މި ބަޔޮގްރަފީ ނެރުމަށް ހަމަޖެހިފައިވަނީ ޖާޒީ ރިޓަޔާކުރުން ފާހަގަކުރުމަށް އޮންނަ ހަފްލާގަ އެވެ.
ޒިލާ އަކީ ބާސްކެޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން ގައުމީ އިނާމް ލިބުނު ފުރަތަމަ ބާސްކެޓްބޯޅަ ކުޅުންތެރިޔާ އެވެ. ސޯޅަ އަހަރުގެ ކުޅުމުގެ ކެރިއަރުގައި ޒިލާ ވަނީ ޒުވާނުންގެ ގައުމީ އިނާމްވެސް ހޯދައިފަ އެވެ.
ކުލަބު ލެވެލްގައި ރާއްޖޭގައި އެންމެ ގިނަ ކާމިޔާބީތައް ހޯދާފައިވާ އެއް ކުޅުންތެރިޔާ، ޒިލާ ވަނި ގައުމީ ޓީމަށްވެސް 16 އަހަރު ކުޅެފަ އެވެ. ގައުމީ ޓީމަށް އެންމެ ގިނަ މުބާރާތްތަކުގައި ކުޅުނު ކުޅުންތެރިޔާގެ ރެކޯޑު ވެސް އޮތީ ޒިލާގެ އަތުގަ އެވެ.
ޒިލާގެ ޖާޒީ ނަންވަރު ރިޓަޔާކުރަން ކިންގްސް ބީސީ އިން ނިންމިއިރު، މިއީ މި ފަދަ ގޮތަކަށް ރާއްޖޭގެ ކުޅިވަރުގައި ކުޅުންތެރިއެއްގެ ޖާޒީ ރިޓަޔާކުރާ މިއީ ފުރަތަމަ ފަހަރެވެ.
ކުޅުންތެރިންގެ އަގުވަޒަންކޮށް ޖާޒީ ނަންބަރު ރިޓަޔާކުރުމަކީ ބައިނަލްއަގްވާމީ ކުޅިވަރުގައި އާންމު ކަމެކެވެ. މިގޮތުން ދުނިޔޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރިންކަމަށްވާ ޕެލޭ، މަރަޑޯނާ، ޔޯހަން ކްރައިފް، ރޮބާޓޯ ބާޖިއޯ އަދި ޕައުލޯ މަލްޑިނީ ފަދަ ތަރިންގެ ކުލަބުން އެ ކުޅުންތެރިން ކުޅުނު ޖާޒީ ނަންބަރުތައް ވަނީ ރިޓަޔާކޮށްފަ އެވެ. ބާސްކެޓްބޯޅަ އަށް ބަލާއިރު، ޖާޒީ ނަންބަރު ރިޓަޔާކޮށްފައިވާ ތަރިންގެ ތެރޭގައި ބާސްކެޓްބޯޅައިގެ އެންމެ މަގުބޫލު ދެ ލެޖެންޑުން ކަމަށްވާ މައިކަލް ޖޯޑަން އާއި ކޯބީ ބްރަޔަން ހިމެނެ އެވެ.
Comment