26 ޑިސެންބަރު 2022 - 12:17 0
މި ފަހަރުގެ ވޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން ސެނެގާލުން ލަނޑެއް ޖެހުމަށް ފަހު، އެ ޓީމުގެ ކުލިބާލީ (ވ) އާއި އިސްމާއިލާ ސާ އުފާފާޅުކުރަނީ.
26 ޑިސެންބަރު 2022 - 12:17 0
ޑަކާ، ސެނެގާލް (ޑިސެމްބަރު 26) - ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ސެނެގާލް ޓީމު ދަތުރު ނުކުރިޔަސް، ކުއާޓާ ފައިނަލަށް ކަނޑައަޅާފައިވާ ބޯނަސް އެ ޓީމަށް ދޭން ނިންމުމާ ގުޅިގެން، ގިނަ ބައެއް ފާޑުކިއުންތައް އަމާޒުވެއްޖެ އެވެ.
މި އަހަރުގެ ވޯލްޑް ކަޕްގައި ސެނެގާލް އިން ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިނަމަ އެ ޓީމަށް ބޯނަސް ދޭން ސެނެގާލްގެ ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު، ސެނެގާލް ވަނީ މުބާރާތުގެ ދެ ވަނަ ބުރުގައި އިންގްލެންޑް އަތުން 3-0 އިން ބަލިވެ، މުބާރާތުން ކަޓައިފަ އެވެ.
ކުއާޓާ ފައިނަލްގެ ޓާގެޓް ހާސިލްނުވި ނަމަވެސް، ސެނެގާލް ރައީސް މެކީ ސާލް ވަނީ ސެނެގާލްގެ ޓީމަށް ބޯނަސް ދޭނެ ކަމަށް އިއުލާންކުރައްވައިފަ އެވެ.
"ކުއާޓާ ފައިނަލްގެ ޖާއަަކަށް ދޭން ކަނޑައަޅާފައިވާ ބޯނަސް ވޯލްޑް ކަޕްގައި ވާދަކުރި ސެނެގާލްގެ ޓީމަށް ދޭނަން،" ސާލް ވިދާޅުވި އެވެ.
ސެނެގާލްގެ ޓީމަށް ބޯނަސް ދޭނީ އެ ގައުމުގެ ސަރުކާރުން ވޯލްޑް ކަޕަށް ހަރަދުކުރަން ކަނޑައަޅާފައިވާ 23 މިލިއަން ޑޮލަރުގެ ބަޖެޓުންނެވެ. ކުޅުންތެރިން ވޯލްޑް ކަޕްގައި ކުޅެފައިވާ ވަގުތަށް ބަލާފައި، ބޯނަސް ދޭނީ އެކި ކުޅުންތެރިންނަށް އެކި ވަރަށެވެ.
މި ނިންމުމާ އެކު، ސެނެގާލްގެ އާންމުންނާއި ކުރީގެ ކުޅުންތެރިންނާއި އެހެން ކުޅިވަރުތަކުގައި ވާދަކުރާ އެތުލީޓުން ހިތްހަމަނުޖެހި، ސަރުކާރުގެ ނިންމުމަށް ވަނީ ފާޑުކިޔައިފަ އެވެ.
"މޮޅުވިނަމަ ކުޅުންތެރިންނަށް އިނާމު ދޭން ވާނެ. އެކަމަކު ބަލިވުމުން އެމީހުންނަށް އެ ނަތީޖާ އިން އިބުރަތް ލިބެންޖެހޭނެ،" ސެނެގާލްގެ ގައުމީ ޓީމަށް ކުރިން ކުޅުނު ފޯވަޑް ޑިއޮމަންސީ ކަމާރާ ބުންޏެވެ.
އެހެން ކުޅިވަރުތަކުގައި ވާދަކުރާ ސެނެގާލްގެ އެތުލީޓުންގެ އެންމެ ބޮޑު ޝަކުވާ އަކީ އެމީހުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރާއިރު ސަރުކާރުގެ އެެހީތެރިކަމެއް ނުލިބި، އަމިއްލަ އަށް ހަރަދުކުރާއިރު ސެނެގާލްގެ ފުޓްބޯޅަ ޓީމަށް ޓާގެޓް ހާސިލްނުވިޔަސް ސަރުކާރުން ބޯނަސް ދޭތީއެވެ.
"އަހަރެން މި އަހަރު އެފްރިކަން ޗެމްޕިއަންޝިޕްގައި ލޯ މެޑަލް ހޯދި. އެކަމަކު އަދިވެސް ބޯނަހެއް ނުލިބޭ،" ސެނެގާލްގެ ފެންސިން އެތުލީޓެއް ކަމަށްވާ އެންޑެޔޭ ބިންތާ ބުންޏެވެ.
Comment