Advertisement

ފުވައްމުލަކު ޑިވެލޮޕްމަންޓް ޕްރޮގްރާމުން ޖޫނިއާ ޓީޓީ ތަރިންތަކެއް

25 ޑިސެންބަރު 2022 - 09:24 1

ގައުމީ ޖޫނިއާ ރޭންކިން އާއި ގައުމީ މުބާރާތަށް އައި ފުވައްމުލަކުގެ ޒުވާން ޓީޓީ ޓީމް - ފޮޓޯ: ފުވައްމުލަކު ކައުންސިލް


ފުވައްމުލަކު ޑިވެލޮޕްމަންޓް ޕްރޮގްރާމުން ޖޫނިއާ ޓީޓީ ތަރިންތަކެއް

25 ޑިސެންބަރު 2022 - 09:24 1

ފުވައްމުލަކުގެ ޓޭބަލް ޓެނިސް ޑިވެލޮޕްމަންޓް ޕްރޮގްރާމުން ތަމްރީންވި ކުޅުންތެރިން ދާދި ފަހުން ނިމުނު ގައުމީ ހޯޕްސް އެންޑް ކެޑޭޓް ރޭންކިންގައި ރަނގަޅު ކުރިއެރުމެއް ހޯދައިފި އެވެ.

މާލޭއިން ބޭރުގައި ހުޅުވި ފުރަތަމަ ޓޭބަލް ޓެނިސް ފެސިލިޓީ ފުވައްމުލަކުގައި ހުޅުވާފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އެ ފެސިލީޓީގައި އިންޑިއާގެ ވަރުގަދަ ކޯޗެއް ކަމަށްވާ ސުޕްރަކާޝް ސަހާ ބަހައްޓައިގެން ކުޅުންތެރިން ތަމްރީން ކުރަމުންދިޔަ އެވެ.

މުޅިން އަލަށް ފުވައްމުލަކުގައި ޓޭބަލް ޓެނިސް ތަމްރީން ޕްރޮގްރާމް ގެންދެވުނު ކަމުގައިވިޔަސް ބޮޑު ތަރުހީބެއް ލިބުނެވެ. ގައުމީ ޓީމާއި، ގައުމީ ފެންވަރުގައި ވާދަކުރާ ފެންވަރުގެ ކުޅުންތެރިން ފުވައްމުލަކުން ތައްޔާރު ކުރުމަށް ކޯޗު ސަހާއަށް ހަވާލުކުރެވުނު މަސައްކަތުގައި އޭނާ މި ވަނީ ހަ މަސްތެރޭގައި ރާއްޖޭގެ ޖޫނިއާ ލެވެލްގެ ރަނގަޅު ކުޅުންތެރިންތަކެއް ތައްޔާރުކޮށްފަ އެވެ.

މިދިޔަ ހަފްތާގައި ނިމުނު ހޯޕްސް އެންޑް ކެޑޭޓް ގައުމީ ރޭންކިން މެޗުތަކަށް ބަލާއިރު ފުވައްމުލަކު ކުޅުންތެރިން ރަނގަޅު ކާމިޔާބެއް ހޯދި އެވެ. މި ގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ހޯޕްސް ބައިގައި ހޯދި ކާމިޔާބެވެ.

ތޭރަ އަހަރުން ދަށުގެ (ހޯޕްސް ބައިގެ) ފިރިހެން އެއް ވަނަ އަދި ދެވަނަ ހޯދީ ފުވައްމުލަކު އެކަޑެމީގެ ދެ ކުޅުންތެރިއެކެވެ. އަންހެން ކުދިންގެ ބަޔަށް ބަލާއިރު ދެ އަންހެން ކުޅުންތެރިއަކު ވެސް ރޭންކިންގެ ގަދަ ފަހެއްގައި ހިމެނެ އެވެ.

ކެޑޭޓް ބައިގެ ފިރިހެން ކުދިންނަށް ބަލާއިރު ތިން ވަނަ އާއި ހަތަރު ވަނައިގައި އުޅެނީ ފުވައްމުލަކުގެ ކުޅުންތެރިންނެވެ. އަދި އަންހެން ކުޅުންތެރިއަކު މި ބައިގެ ގަދަ ފަހެއްގައި ހިމެނެ އެވެ.

މިއީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފުވައްމުލަކުގައި ކުރިއަށްގެންދެވުނު ތަމްރީންތަކުން ލިބުނު ބޮޑު ކުރިއެރުމެކެވެ. އަތޮޅުތަކުގައި ޓޭބަލް ޓެނިސް ފުޅާކޮށް ކުރިއެރުވުމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ކުރާ މަސައްކަތުގައި ލިބުނު ބޮޑު ހިތްވަރެކެވެ.

ޓޭބަލް ޓެނިހަކީ ފާއިތުވެދިޔަ ފަސް އަހަރަށް ބަލާއިރު، އެންމެ ބޮޑު ކުރިއެރުމެއް ހޯދައި ބައިނަލްއަގްވާމީ ގިނަ ވަނަތަކެއް ހޯދި އެއް ކުޅިވަރެވެ. އެ ގޮތުން 2019ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)، 2019ގެ ސައުތު އޭޝިއަން ގޭމްސްގެ އިތުރުން ސަހަރައްދީ ޖޫނިއާ މުބާރާތްތަކާއި މި އަހަރު ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ފާހަގަކޮށްލެވެ އެވެ.