Advertisement

"ދަ ސާޕަންޓް" ސިލްސިލާ ގާތިލު ނޭޕާލުން ޑީޕޯޓުކޮށްފި

24 ޑިސެންބަރު 2022 - 08:24 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އުމުރުން 78 އަހަރުގެ ޗާލްސް ސޮބްރާޖް މިނިވަން ކުރަން ކޯޓުން ނިންމީ އޭނާގެ އުމުރުން ދުވަސްވުމާއި ޖަލުގައި އަހުލާގު ރަނގޅުވުމުގެ ސަބަބުން. -- ފޮޓޯ: ގެޓީ އިމޭޖާޒް


"ދަ ސާޕަންޓް" ސިލްސިލާ ގާތިލު ނޭޕާލުން ޑީޕޯޓުކޮށްފި

24 ޑިސެންބަރު 2022 - 08:24 0

"ދަ ސާޕަންޓް"ގެ ނަމުން މަގްބޫލުވެފައިވާ ފްރާންސްގެ ސިލްސިލާ ގާތިލު ނޭޕާލުގެ ޖަލުން މިނިވަން ކުރުމަށް ފަހު ޑީޕޯޓުކޮށްފި އެވެ.

އުމުރުން 78 އަހަރުގެ ޗާލްސް ސޮބްރާޖް މިނިވަން ކުރަން ކޯޓުން ނިންމީ އޭނާގެ އުމުރުން ދުވަސްވުމާއި ޖަލުގައި އަހުލާގު ރަނގޅުވުމުގެ ސަބަބުންނެވެ.

ނޭޕާލުގެ ޖަލުގައި އޭނާ 19 އަހަރު ހޭދަކުރީ 1975 ވަނަ އަހަރު އެމެރިކާ އާއި ކެނެޑާގެ ދެ ފަތުރުވެރިން މަރާލުމުގެ ކުށުގަ އެވެ. އޭނާގެ ޝިކާރައަކަށް ގިނައިން ހުޅަނގުގެ ފަތުރުވެރިންނެވެ.

ހުކުރު ދުވަހު ޗާލްސް ސޮބްރާޖް ފްރާންސަށް ޑީޕޯޓު ކުރި އިރު، ރިޕޯޓުތައް ބުނާ ގޮތުން ކުރިއަށް އޮތް 10 އަހަރު އޭނާއަށް ނޭޕާލަށް އެތެރެނުވެވޭނެ އެވެ.

ނޭޕާލުން ފުރުމުގެ ކުރިން އޭއެފްޕީއަށް ދިން އިންޓަވިއުގައި އޭނާ ބުނީ މިނިވަންވުމުން "އުފާކުރާ" ކަމަށާއި ނޭޕާލް ސަރުކާރާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

އޭނާގެ އަނިޔާވެރި ވާހަކައިގެ މައްޗަށް ބީބީސީ އާއި ނެޓްފްލިކްސްގެ ޓީވީ ޑްރާމާ "ދަ ސާޕަންޓް" ނެރުނެވެ. ބެލެވޭ ގޮތުގައި އޭނާ ވަނީ 1972 އާއި 1982 އާ ދެމެދު 20 އަށް ވުރެ ގިނަ މީހުން މަރާލައިފަ އެވެ.

ނޭޕާލުގައި ކުށް ސާބިތުވުމުން ކުރިން، ޗާލްސް ސޮބްރާޖް އިންޑިއާގައި ވެސް 20 އަހަރު ޖަލުގައި ހޭދަކުރި އެވެ. އެއީ ފްރާންސްގެ ފަތުރުވެރިންތަކަކަށް ޒަހަރު ދިން މައްސަލައިގަ އެވެ.

އިންޑިއާގައި ހުރި އިރު، ގާޑުންނަށް އޮޅުވާލައި މަސްތުކޮށްގެން ޖަލުން ފިލި އެވެ. އޭނާ ބުނީ ޖަލުން ފިލީ ތައިލޭންޑަށް ފޮނުވާލަން އުޅޭތީ ކަމަށެވެ. ތައިލޭންޑުގައި ވެސް އޭރު އޭނާއާ ގުޅުން ހުރި ފަސް މަރުގެ މައްސަލަ އޮތެވެ.

އިންޑިއާއިން 1997 ވަނަ އަހަރު ޗާލްސް ސޮބްރާޖް ދޫކޮށްލުމުން، އޭނާ ފްރާންސަށް ގޮސް، ނޫސްވެރިން ފައިސާ ހުށަހެޅުމުން އިންޓަވިއުތައް ދޭން ފެށި އެވެ. އެކަމަކު އޭނާ އެނބުރި ނޭޕާލަށް ދިޔުމުން 2003 ވަނަ އަހަރު ހައްޔަރު ކުރި އެވެ.