21 ޑިސެންބަރު 2022 - 07:20 0
އިންޑިއާގެ ފުޓްބޯޅަ ރައީސް ޗޯބޭ (ވ) އާއި ފީފާގެ ރައީސް އިންފަންޓީނޯ.
21 ޑިސެންބަރު 2022 - 07:20 0
ނިއު ދިއްލީ، އިންޑިއާ (ޑިސެމްބަރު 21) - އާބާދީގެ ގޮތުންނާއި ފުޓްބޯޅައިގެ ފޯރި އާލާވަމުން އަންނަ ގައުމުތަކުގެ ތެރެއިން އެންމެ ވަރުގަދަ އެއް ގައުމަކީ އިންޑިއާ ކަމަށާއި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިންޑިއާ ވާދަކުރާތަން ދެކެން ބޭނުންވާ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.
ވޯލްޑް ކަޕްގެ 22 މުބާރާތް މިހާތަނަށް ބޭއްވުނުއިރު، އިންޑިއާ ވާދަކޮށްފައެއް ނުވެ އެވެ.
އެކަމަކު، އިންޑިއާ އަށް ބްރެޒިލްގައި 1950 ވަނަ އަހަރު އޮތް ވޯލްޑް ކަޕުން އޭޝިއާގެ ޓީމަކަށް ދޭން ނިންމި ޖާގަތަކުގެ ތެރެއިން ފުރުސަތު ދިނެވެ. ހުސްފައިގައި ކުޅެން އިންޑިއާގައި އޭރު އޮތް ޓީމުން ބޭނުންވުމާއި، އެކަމަކު އޭރު ފީފާ އިން ހުސްފައިގައި ކުޅުން މަނާކޮށްފައި އޮތުމުގެ އިތުރުން އިންޑިއާގެ ސަމާލުކަން އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓަށް އޮތުމާ އެކު، އިންޑިއާ އިން ފީފާ ވޯލްޑް ކަޕްގައި ކުޅެން ލިބުނު ފުރުސަތު ދޫކޮށްލަން ނިންމީ އެވެ.
ފީފާ އިން މިހާތަނަށް 32 ގައުމު ވާދަކުރި ވޯލްޑް ކަޕުން އޭޝިއާ އަށް ދެމުން އައީ ސީދާ ހަތަރު ޖާގަ އާއި ޕްލޭއޮފްގައި ކުޅެން އެއް ޖާގަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު، ފީފާ އިން 2026 ވަނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ވޯލްޑް ކަޕުން ފެށިގެން 48 ޓީމު ވާދަކުރާއިރު، އޭޝިއާ އަށް އަށް ޖާގަ ދޭން ވަނީ ނިންމައިފަ އެވެ.
"ދެން އޮތް ވޯލްޑް ކަޕް މި އޮތީ 48 ގައުމާ އެކު، 2026 ވަނަ އަހަރު. އެހެންވީމަ ހަމަޔަގީނުން ވެސް އިންޑިއާ އަށް އެބައޮތް ފުރުސަތު ކޮލިފައިވުމުގެ،" އިންފަންޓީނޯ ވިދާޅުވި އެވެ.
"ޔަގީނުން ވެސް ދެން އަހަންނަށް ބުނެވެން އޮތީ އިންޑިއާ ފުޓްބޯޅަ ކުރިއަރުވަން އަހަރެމެން މި އަންނަނީ ވަރަށް އިންވެސްޓް ކުރަމުން. ފުޓްބޯޅަ އަކީ އިންޑިއާގައި މަގުބޫލު ކުޅިވަރަކަށް ހެދޭނެ،"
އިންޑިއާގައި ފީފާ އިން ވަނީ 2017 ވަނަ އަހަރު 17 އަހަރުން ދަށުގެ ފިރިހެނުންގެ ވޯލްޑް ކަޕާއި މި އަހަރު 17 އަހަރުން ދަށުގެ އަންހެނުންގެ ފީފާ ވޯލްޑް ކަޕް ވެސް ބާއްވައިފަ އެވެ.
މި އަހަރު ތެރޭ އިންޑިއާ ފުޓްބޯޅައިގެ ހުރި މައްސަލަތައް ހައްލު ނުކޮށްގެން ފީފާ އިން އިންޑިއާ ސަސްޕެންޑް ވެސް ކުރި އެވެ. އެކަމަކު، މައްސަލަތައް ހައްލުކުރިހާ އަވަހަކަށް ވަނީ ސަސްޕެންޝަން އުވާލައިފަ އެވެ.
ކްރިކެޓަށް މަރުދޭ ގައުމެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އިންޑިއާ އިން އަމިއްލަ ގައުމުގެ ލީގު ވަރުގަދަކޮށް، ދުރު ރާސްތާ ޕްލޭނެއްގެ ތެރެެއިން އެންމެ ހާސިލްކުރަން ބޭނުންވާ ޓާގެޓަކީ ވޯލްޑް ކަޕްގައި ކުޅުމެވެ.
Comment