Advertisement

ވޯލްޑް ކަޕްގެ ކާމިޔާބާ އެކު ދަތިކަމުގެ ތެރެއިން އާޖެންޓީނާގެ ރައްޔިތުންނަށް ބޮޑު އުފަލެއް

20 ޑިސެންބަރު 2022 - 01:10 0

ވޯލްޑް ކަޕްގެ ކާމިޔާބީއާ އެކު އާޖެންޓީނާ އިން ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން.


ވޯލްޑް ކަޕްގެ ކާމިޔާބާ އެކު ދަތިކަމުގެ ތެރެއިން އާޖެންޓީނާގެ ރައްޔިތުންނަށް ބޮޑު އުފަލެއް

20 ޑިސެންބަރު 2022 - 01:10 0

އާޖެންޓީނާގެ ރައްޔިތުންނަށް ފާއިތުވި އަހަރެއްހާ ދުވަހަކީ ވަރަށް ދަތި އުނދަގޫ ދުވަސްތަކެކެވެ. އިގުތިސާދީ އަނދަވަޅަކަށް ގައުމު ވެއްޓި، އިންފްލޭޝަން މަތިވުމާއި ފައިސާގެ އަގު ދަށްވުމުގެ އަސަރު އެންމެ ބޮޑަށް ކުރީ އާދައިގެ ރައްޔިތުންނަށެވެ. އާޖެންޓީނާ 45 މިލިއަން މީހުންގެ އާބާދީގެ ތެރެއިން، 40 އިންސައްތަ މީހުންނަކީ މިހާރު ފަގީރުންގެ ދަރަޖައަށް ފެތޭ މީހުންނެވެ.

ދަތިކަމާއި އުނދަގޫތައް ތަހައްމަލު ކުރަމުންދިޔަ ނަމަވެސް، އާޖެންޓީނާގެ ރައްޔިތުން ފުޓްބޯޅަ އަށް ކުރާ ލޯތްބަކީ ބަދަލުވާނެ ކަމެއް ނޫނެވެ. އެހެންކަމުން، ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި އާދިއްތަ ދުވަހުގެރޭ ފްރާންސް ބަލިކޮށް އާޖެންޓީނާ ވޯލްޑް ކަޕްގެ ތަށި އުފުލާލުމަކީ، ތަކުލީފުތަކުން ކުޑަ ވަގުތުކޮޅަަށް ވެސް ސަލާމަތްވެ، އުފާފާޅުކޮށްލަން އާޖެންޓީނާގެ ރައްޔިތުންނަށް ލިބުނު ފުރުސަތެކެވެ.

ޑިއޭގޯ މަރަޑޯނާގެ ޖާދުލާ އެކު، 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބުކުރި ފަހުން، ތިން ވަނަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި އުފުލާލަން އާޖެންޓީނާ އިން ކުރީ ދިގު އިންތިޒާރެކެވެ. ތިރީސް ހަ އަހަރުގެ ދިގު އިންތިޒާރެެކެވެ. އެކަން ހާސިލްވީ އާޖެންޓީނާގެ ބަތަލު އަދި މިހާރު އެ ގައުމުގެ ރައްޔިތުންނަށް އެ ކުޅުންތެރިޔަކަށް މަރުދޭ ލިއޮނަލް މެސީގެ ފަހު ވޯލްޑް ކަޕްގައެވެ. ރޭގެ ފައިނަލް މެޗު ނިމުމާއެކު، އާޖެންޓީނާގެ ވެރިރަށް ބިއުނޮސް އާރީސްގެ މަގުތަކަށް މީހުން ޖަމާވެ، އުފާފާޅުކުރަމުންދިޔަ މަންޒަރަކީ، ފުޓްބޯޅައިން ގެނެސްދޭ އުފަލާއި އެއްބައިވަންތަކުގެ މިސާލެކެވެ.

އާޖެންޓީނާގެ ސަޕޯޓަރުން އުފާފާޅުކުރަނީ. -- ފޮޓޯ / އޭއެފްޕީ


ގޮންޒާލޯ މޮންޓިއެލް ޖެހި ޕެނަލްޓީ ކާމިޔާބުކޮށް، އާޖެންޓީނާ އަށް ތަށި ކަށަވަރުކުރުމާ އެކު، އާޖެންޓީނާގެ ބީނޯޒް އެރީޒްގެ ޖައްވުގެ ތެރޭގައި ގުގުމާލީ ފަޓާހާއި ބަރުގަނޑުގެ އަޑެވެ.

އާޖެންޓީނާގެ މަޑު ނުލާ ހުދުގެ ޖޯޒީ އާއި ދިދަތަކުން ޖަރީވެ، ތިބި އެތައް މިލިއަން ރައްޔިތުން ނުކުމެ މަގުތައް ފުރާލައި، އުފާފާޅުކުރަން ފެށި އެވެ.

އާޖެންޓީނާގެ މަޝްހޫރު އޮބެލިސްކް ބިނާ ސަރަހައްދަށް ގާތްގަނޑަކަށް ދެ މިލިއަނެއްހާ މީހުން އުފާފާޅުކުރަން ބައިވިރިވިއެވެ. އާދިއްތަ ދުވަހުގެރޭ ދަންވަރާ ހަމައަށް އާޖެންޓީނާގެ މަގުތަކުގައި އުފާފާޅުކުރުމުގެ ހަރަކާތްތައް ކުރިއަށް ދިޔައެވެ. ގައުމުގެ ހާލަތު ގޯސްވެ، ދިރިއުޅުމަށް ދިމާވެފައިވާ ދަތިތަކުގެ ފިކުރުން އާޖެންޓީނާގެ ރައްޔިތުން ކުޑަ ވަގުތު ކޮޅަކަށް ވެސް ސަލާމަތްވިއެވެ.

"މިއީ ހުރިހާ ރައްޔިތުންނަށް ވެސް ލިބުނު އުފަލެއް. މިއީ އަހަރަމެންނަށް އުފާފާޅުކުރަން ލިބުނު ފަހަރު،" ބިއުނޮސް އާރީސްގެ މަގުމަތީގައި ހުރި ހޮޓެލް ރިސެޕްޝަނިސްޓެއް ކަމަށްވާ ހޫލިއޯ ބެރްދުން "އޭއެފްޕީ"އާ ވާހަކަދައްކަމުން ބުންޏެވެ.

އާޖެންޓީނާ އިން މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބުކުރި ހިސާބުން، މި އަހަރުގެ ވޯލްޑް ކަޕާ މެދު އެ ގައުމުގެ ރައްޔިތުން ކުރަމުންދިޔަ އުންމީދުތައް ބޮޑުވި އެވެ. އަދި އާޖެންޓީނާގެ ކެޕްޓަން މެސީގެ ކާމިޔާބު ކެރިއަރުގައި މަދުވާ ހަމައެކަނި ތަށި ކަމަށްވާ ވޯލްޑް ކަޕް އޭނާ އަށް ލިބުމަކީ އާޖެންޓީނާގެ ރައްޔިތުން އެދެމުންދިޔަ ކަމެކެވެ. އެކަން އާދިއްތަ ދުވަހުގެރޭ ހާސިލްވިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ މެސީ އެވެ. ފައިނަލްގައި ވެސް މެސީ ދެ ލަނޑު ޖެހި އެވެ.

އާޖެންޓީނާގައި ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން.


މެސީގެ އިތުރުން މި ފަަހަރުގެ ފައިނަލުގައި އާޖެންޓީނާ އަށް ލަނޑު ޖަހައިދިން އަންހެލް ޑިމާރިއާ ނިސްބަތްވާ އާޖެންޓީނާގެ ރޮސާރިއޯގައި ވެސް ފައިނަލަށް ފަހު ފެނުނީ ތަފާތު މަންޒަރެކެވެ.

ރޮސާރިއާ އަށް ނިސްބަތްވާ ވާދަވެރި ދެ ކްލަބު ކަމަށްވާ ނިިއުވެލްސް އޯލްޑް ބޯއީސް އާއި ރޮސާރިއޯ ސެންޓްރަލްގެ ސަޕޯޓަރުން މެޗަށް ދަހު އުފާފާޅުކުރީ ދެ ކްލަބުގެ މެދުގައި އޮތް ވާދަވެރިކަން އެއްކައިރިކޮށްފަ އެވެ. މަގުތަކަށް ނުކުމެ، އެކަކު އަނެކަކުގައިގައި ބައްދައި، އުފާފާޅުކުރީ އެއްބައެއްގެ ގޮތުގަ އެވެ. ވާދަވެރިކަމާއި ނަފުރަތެއް ނުފެނެވެ.

އާޖެންޓީނާގެ ރައްޔިތުން މިހާރު އިންތިޒާރު ކުރަމުންދަނީ އާޖެންޓީނާޣެ ޓީމު އެނބުރި ގައުމަށް އަންނަ ވަގުތަށެވެ. މިއަދުގެ ވަގުތެއްގައި އާޖެންޓީނާގެ ޓީމު އެނބުރި ގައުމަަށް ދާއިރު، ހޫނު މަރުހަބާއެއް އެ ޓީމަށް ލިބޭނެކަން ޔަގީނެވެ. ރޮސާރިއޯގެ ރައްޔިތުންގެ އުންމީދަކީ އުފާފާޅުކުރުމަށް މެސީ އާއި ޑިމާރިއާ އެ ސިޓީ އަށް ވެސް ޒިޔާޔާތްކުރުމެވެ.