17 ޑިސެންބަރު 2022 - 07:47 0
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ.-- ފޮޓޯ: އޭއެފްޕީ
17 ޑިސެންބަރު 2022 - 07:47 0
ދޯހާ، ގަތަރު (ޑިސެމްބަރު 17) - އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި 2026 ވަނަ އަހަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި 48 ގައުމު ވާދަކުރާނީ ތިން ޓީމުގެ 16 ގްރޫޕްގައި ކަމަށް ކަނޑައަޅާފައިވާ ފޯމެޓާ މެދު އަލުން ބަހުސްކުރަން ޖެހިދާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.
ފީފާ އިން ވޯލްޑް ކަޕްގައި ކުޅޭ ގައުމުތައް އިތުރު ކުރުމަށް ކުރި މަސައްކަތުގެ ތެރޭގައި ނިންމާފައިވަނީ، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފެށިގެން، 48 ގައުމަށް ވޯލްޑް ކަޕްގައި ކުޅެން ފުރުސަތު ލިބޭނީ ތިން ޓީމު ހިމެނޭ ގޮތަށް 16 ގްރޫޕަށް ކަމަށެވެ. އެއީ ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމެއް، ގަދަ 32 ޓީމު ވާދަކުރާ ނޮކައުޓް ބުރަށް ހޮވޭ ގޮތަށެވެ.
އޭރު ވެސް އެ ފޯމެޓާ މެދު ބައެއް ގައުމުތަކުގެ ކަންބޮޑުވުންތައް ހުއްޓެވެ. އެއީ ތިން ޓީމު ހިމެނޭ ގްރޫޕަށް ކުޅެފިނަމަ އެއް މެޗުން މޮޅުވެގެން ނޮކައުޓް ބުުރުގެ ޖާގައެއް ޔަގީންވާ ގޮތަށް އޮތުމުންނެވެ.
ފީފާގެ ރައީސް އިންފަންޓީނޯ، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މިހާރު ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕުން ފެންނަ މަންޒަރުތަކަށް ބަލާއިރު، ހަތަރު ޓީމުގެ ގްރޫޕް އޮންނަ ފޯމެޓަށް ވޯލްޑް ކަޕް ގެންދިއުމަކީ މުބާރާތުގެ ފޯރި އަށް ބަލާއިރު ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"ހަތަރު ޓީމުގެ މެދުގައި ގްރޫޕްގެ މެޗުތައް ކުޅެވޭއިރު، މި ފަހަރު ވެސް ފެނިއްޖެ އެންމެ ފަހު ވަގުތާ ހަމައަށް ނޭވާ ހިފަހައްޓައިލައިގެން ހުންނަން ޖެހޭ ހާލަތަށް ކަންކަން ދާން ޖެހޭކަން، އެއީ ފުޓްބޯޅައިގެ ފޯރި ހުންނަން ޖެހޭނެ ގޮތަކީ،" ދޯހާގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންފަންޓީނޯ ވިދާޅުވި އެވެ.
"އަހަރެމެން އެބަޖެހޭ އަލުން މަޝްވަރާކުރަން، ނޫނީ ބަހުސެއް ކުރަން ވިޔަސް، ހަތަރު ޓީމުގެ ގްރޫޕްގެ ފޯމެޓް ކުރިއަށް ގެންދެވޭތޯ ބަލަން. މީގެ އަހަރެމެން މަޝްވަރާ ކުރަންވީ ރަނގަޅު ގޮތަކީ ގްރޫޕެއްގައި ތިން ޓީމު ހިމެނޭ ގޮތަށް އޮންނަ 16 ގްރޫޕްތޯ ބާއްވަންވީ ނޫނީ ގްރޫޕްގެއްގައި ހަތަރު ޓީމު ހިމެނޭ ގޮތަށް އޮންނަ 12 ގްރޫޕްތޯ ރަނގަޅީ، ކުރިއަށް އޮތް ހަފްތާތަކުގައި މީގެއަށް މަޝްވަރާ ކުރެވޭނެ،"
އިންފަންޓީނޯ ވިދާޅުވީ ގަތަރުގައި މި ފަހަރު މި ބާއްވަނީ ފީފާ ވޯލްޑް ކަޕްގެ އެންމެ އަގުބޮޑު މުބާރާތް ކަމުގައި ވިޔަސް، އެ ރެކޯޑް މާ ގިނަ އަހަރުތަކެއް ވަންދެން ނޯވެދާނެ ކަމަށެވެ.
އެއީ 2026 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕަކީ މިހާރަށް ވުރެ ގިނަ ގައުމުތަކަކާ އެކު ކުރިއަށްދާ މުބާރާތަކަށްވާއިރު، އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ގިނަ މެޗުތައް ކުޅޭ ދަނޑުތަކަކީ ސަޕޯޓަރުންނަށް ވަދެވޭ ޖާގަ އަށް ބަލާއިރު، ގަތަރަށް ވުރެ ބޮޑެތި ދަނޑުތަކެއް ހުރި ގައުމުތަކެއް ކަމަށްވާތީ އިންފަންޓީނޯ ފާހަގަކުރެއްވި ކަމެކެވެ.
Comment