Advertisement

"އިންޑިއާއަށް ވިއްކި 100 މިލިއަން ޑޮލަރުގެ ބޮންޑުގެ ތަފްސީލު އެމްއެމްއޭއާ ހިއްސާކުރަން ނުޖެހޭ"

15 ޑިސެންބަރު 2022 - 14:46 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް؛ އިންޑިއާ ލޯނުގެ ތަފްސީލްތައް އެމްއެމްއޭއަށް ނުދެވޭނެ ކަމަށް ބުނެފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


"އިންޑިއާއަށް ވިއްކި 100 މިލިއަން ޑޮލަރުގެ ބޮންޑުގެ ތަފްސީލު އެމްއެމްއޭއާ ހިއްސާކުރަން ނުޖެހޭ"

15 ޑިސެންބަރު 2022 - 14:46 1

އިންޑިއާ އިން ބަޖެޓް ސަޕޯޓުގެ ގޮތުގައި މި މަހުގެ ކުރީކޮޅު ރާއްޖެއަށް ދިން 100 މިލިއަން ޑޮލަރުގެ ތަފްސީލް ފިނޭންސް މިނިސްޓްރީން އެމްއެމްއޭއާ ހިއްސާކުރަން ނުޖެހޭ ކަމަށް، މަރުކަޒީ ބޭންކުން ބުނެފި އެވެ.

އެ ލޯނުގެ ތަފްސީލްތައް ހޯދުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑާޝިޕްގެ ހަތަރު ބޭފުޅަކު އެމްއެމްއޭއަށް މިއަދު ވަޑައިގެންނެވި އެވެ.

ގަވަރުނަރު އަލީ ހާޝިމާ ބައްދަލު ކުރެއްވުމަށް ފަހު، އެމްއެމްއޭ ކުރިމަތީގައި ނޫސްވެރިންނާ މައުލޫމާތު ދެއްވަމުން ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އިންޑިއާއަށް ވިއްކި ޓްރެރަޜީ ބޮންޑުގެ ކޫޕަން ރޭޓާއި އެ ނޫން މައުލޫމާތު ވެސް އެމްއެމްއޭއަށް ނޭނގޭ ކަމަށެވެ.

އަބްދުލްރަހީމް ވިދާޅުވީ އެފަދަ އެއްވެސް މައުލޫމާތެއް އެމްއެމްއޭއަށް ސަރުކާރުން ހިއްސާކޮށްފައި ވެސް ނެތް ކަމަށެވެ.

"ގަވަރުނަރަކަށް ވިދާޅުވެ ނުދެއްވުނު، ރާއްޖޭގެ އިގްތިސޯދާ ގުޅޭ ގޮތުން ކަންބޮޑުވުންތަކަށް ހައްލެއް ލިބޭ ވަރުގެ ވާހަކަފުޅެއް، އެއަށް ވުރެ ބޮޑަށް ކަންބޮޑުވާން ޖެހުނީ، އިންޑިއާއިން މި ނަގާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓާއި އޭގެ އެއްވެސް އެއްޗެއް ސީދާ ގަވަރުނަރަށް ވެސް ނޭނގެ،" އޭނާ ވިދާޅުވި އެވެ.

އެ ކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެމްއެމްއޭގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޔުނިޓުގެ ޑެޕިއުޓީ މެނޭޖަރު މުހައްމަދު ނާސިހް "އަދަދު" އަށް ވިދާޅުވީ ދަރަނީގެ ކަންކަން ހަވާލުކޮށްފައި އޮންނަނީ ފިނޭންސް މިނިސްޓްރީއަށް ކަމަށެވެ.

".. އެހެންވީމާ އެ މައުލޫމާތު އެމްއެމްއޭއާ ހިއްސާކުރާކަށް ނޯވޭ، އެ މައުލޫމާތު ދެވޭނީ ފިނޭންސް މިނިސްޓްރީއަށް،" ނާސިހް ވިދާޅުވި އެވެ.

ބަޖެޓް ސަޕޯޓްގެ ފައިސާ އިންޑިއާ ސަރުކާރުން ހަމަޖައްސާދީފައި ވަނީ، ސްޓޭޓް ބޭންކު އޮފް އިންޑިއާ (އެސްބީއައި) މެދުވެރުކޮށް ރާއްޖޭގެ ޓްރެޒަރީ ބޮންޑު ގަނެގެންނެވެ. އެކަމަށްޓަކައި އިންޑިއާއިން ވަނީ އެސްބީއައި އަށް ސޮވެރެއިން ގެރެންޓީ ދީފަ އެވެ.

ބަޖެޓު ސަޕޯޓަށް 100 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގަތީ މި އަހަރުގެ އޯގަސްޓްގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވި މަޝްވަރާތަކުގައި ކަމަށް، ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނެ އެވެ.

ނަމަވެސް އެ ފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތާއި ކޫޕަން ރޭޓެއް، ދެ ގައުމުން ހާމައެއް ނުކުރެ އެވެ.