Advertisement

ގްރީޒްމަން އުފާފާޅުކުރަން ބޭނުމީ ފައިނަލަށް ފަހު

15 ޑިސެންބަރު 2022 - 11:16 0


ގްރީޒްމަން އުފާފާޅުކުރަން ބޭނުމީ ފައިނަލަށް ފަހު

15 ޑިސެންބަރު 2022 - 11:16 0

ދޯހާ، ގަތަރު (ޑިސެމްބަރު 15) - ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅުމުގެ ފުރުސަތު ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ލިބުނަސް އެހާ ބޮޑަށް އުފާފާޅުކުރުމުގެ ބޭނުމެއް ނެތް ކަމަށާއި އެންމެ ރަނގަޅު ގޮތަކީ މި ވަގުތު ހަމަބިމުގައި ތިބެ، ފައިނަލަށް ތައްޔާރުވުމަށް ފަހު، ފައިނަލް ކުޅެ ނިމުމަށް ފަހު އޭގެ ފަހުން އުފާފާޅުކުރުންތައް ކުރިއަށްގެންދިއުން ކަމަށް ފްރާންސްގެ ތަރި އެންޓޮއިން ގްރީޒްމަން ބުނެފި އެވެ.

ވޯލްޑް ކަޕް ސެމީ ފައިނަލުގައި ފްރާންސް އިން ވަނީ ރޭ 2-0 އިން މޮރޮކޯ ބަލިކޮށްފަ އެވެ. މި މޮޅާ އެކު އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އަށް ވަނީ 60 އަހަރު ތެރޭ ފީފާ ވޯލްޑް ކަޕްގެ ތަށި ދިފާއުކުރާ ފުރަަތަމަ ޓީމަށް ވުމުގެ ފުރުސަތު ފަހިވެފަ އެވެ.

މޮރޮކޯއާ ދެކޮޅަށް ފްރާންސް ކުޅުނު ސެމީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގްރީޒްމަން އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި އެހެން ފަހަރުތަކާ ހިލާފަށް ގްރީޒްމަން ކުޅެން ޖެހޭ މަގާމު ތަފާތެވެ.

އަނިޔާގެ ސަބަބުން ފްރާންސް ޓީމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދަން، ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް، ގްރީޒްމަން ބޭނުންކުރަނީ މެދުތެރެއިން ކުރިއަށް ކުޅޭ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެ ރޯލުގެ ޒިންމާ ގްރީޒްމަން އަންނަނީ ވަރަށް ފުރިހަމަ އަށް އަދާކުރަމުންނެވެ. މޮރޮކޯ ކައިރީގައި ވެސް ގްރީޒްމަން ދެއްކި ކުޅުން ތަފާތު ވުމަކީ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ އޭނާ އަށް ލިބުމެވެ.

"ހަތަރު އަހަރު ކުރިން ސެމީ ފައިނަލަށް ފަހު، އަހަރެން އުފަލުން ރޯން ހުރީ. އެކަމަކު، މި ފަހަރު އަހަރެން މި ވިސްނަނީ ކުރިއަށް މި އޮތް ފައިނަލަށް،" ރޭގެ މެޗަށް ފަހު ގްރީޒްމަން ބުންޏެވެ. "ފައިނަލަށް ދެވުނީތީ އުފާފާޅުކުރުމުގެ ބަދަލުގައި އަހަރެމެން ހަމަބިމުގައި ތިބެ، ފައިނަލަށް ތައްޔާރުވާން އެބަޖެހޭ،"

އަންނަ އާދިއްތަ ދުވަހުގެރޭ ކުޅޭ ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި ފްރާންސް ކުޅޭނީ އާޖެންޓީނާއާ އެވެ. މި ދެ ޓީމު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ބައްދަލުކުރި މެޗުން މޮޅުވީ ފްރާންސް އެވެ. އެކަމަކު، ގްރީޒްމަން ބުނީ މިހާރު މެޗު ކުޅެން ޖެހޭ ހާލަތު ތަފާތު ކަމަށެވެ.

ގްރީޒްމަން ބުނީ މޮރޮކޯ ވެސް އައީ ވަރަށް ތަފާތު ރޫހެއްގައި ކަމަށާއި އެ ޓީމު އަތުން މޮޅުވެވުނީ ވަރަށް މަސައްކަތުން ކަމަށެވެ. ފައިނަލާ ބެހޭގޮތުން، ގްރީޒްމަން ބުނީ ލިއޮނަލް މެސީ ހުންނަ ޓީމަކާ ކުޅެން ޖެހުމަކީ އަބަދުވެސް ޗެލެންޖެއްގެ ގޮތުގައި ފެންނަ ކަމެއް ކަމަށެވެ.

އާޖެންޓީނާ އަކީ ހަމައެކަނި މެސީ ކަމަށް ވެސް ނުދެކޭނެ ކަމަށާއި އެ ޓީމާ ދެކޮޅަށް ސަމާލުވާންޖެހޭ ގިނަ ސަބަބުތަކެއް އެބައޮތް ކަމަށް ގްރީޒްމަން ވަނީ ބުނެފަ އެވެ.