Advertisement

ބޭރު ނަރުހުންނަށް ނިއުޒީލޭންޑުގައި ވަގުތުން ރެޒިޑެންސީ ދޭން ނިންމައިފި

12 ޑިސެންބަރު 2022 - 16:51 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ނިއުޒީލޭންޑްގެ ބޮޑު ވަޒީރު ޔެސިންޑާ އާޑޭން. -- ފޮޓޯ: އޭއެފްޕީ


ބޭރު ނަރުހުންނަށް ނިއުޒީލޭންޑުގައި ވަގުތުން ރެޒިޑެންސީ ދޭން ނިންމައިފި

12 ޑިސެންބަރު 2022 - 16:51 1

ވެލިންގްޓަން، ނިއުޒީލޭންޑް (ޑިސެމްބަރު 12) - ސިއްހީ ދާއިރާގައި އުޅޭ މުވައްޒަފުންގެ ދަތިކަން ދިމާވެފައި ވާތީ އެހެން ގައުމުތަކުގެ ނަރުހުންނަށް ނިއުޒީލޭންޑުގައި ވަގުތުން ރެޒިޑެންސީ ދޭން ނިންމައިފި އެވެ.

ބޮޑު ވަޒީރު ޔެސިންޑާ އާޑޭން ވިދާޅުވީ އިމިގްރޭޝަން ނިޒާމަށް ގެންނަ ބަދަލުގެ ދަށުން ބުރާސްފަތި ދުވަހުން ފެށިގެން ޝަރުތު ހަމަވާ މީހުންނަށް "ފާސްޓް ޓްރެކްކޮށް" ރެޒިޑެންސީ ލިބޭނެ ކަމަށެވެ.

ނިއުޒީލޭންޑްގެ "ގްރީން ލިސްޓަށް" ސްޕެޝަލިސްޓް ޑޮކްޓަރުން ވެސް ވަނީ އިތުރުކޮށްފަ އެވެ. އެ ލިސްޓަކީ ޕްރޮފެޝަނަލް ވަޒީފާތައް އަދާކުރާ މީހުން ހިމެނޭ، ރެޒިޑެންސީއަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓެވެ.

ނިއުޒީލޭންޑުގެ ނަރުހުން ޖަމިއްޔާއިން ބުނީ އެ ގައުމަށް 4،000 ނަރުހުން އިތުރަށް ބޭނުންވާ ކަމަށެވެ. މި އަހަރުގެ ކުރީކޮޅު ހެލްތު މިނިސްޓަރު އެންޑްރޫ ލިޓްލް ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން އެކަނިވެސް އެތައް ސަތޭކަ ނަރުހުން ބޭނުންވާ ކަމަށެވެ.

ކޮވިޑް ބަލިމަޑުކަމަށް ފަހު ނިއުޒީލޭންޑްގެ ބޯޑަރުތައް އެއްކޮށް ހުޅުވާލީ އޯގަސްޓު މަހު އެވެ. އާޑޭން ވިދާޅުވީ ދުނިޔޭގެ ހުރިހާ ނަރުހުންނަށް ދޭން ބޭނުންވާ މެސެޖަކީ ނިއުޒީލޭންޑަކީ "ދިރިއުޅުމަށާއި މަސައްކަތް ކުރުމަށާއި މުނިފޫހިފިލުވުމަށް އެންމެ ރަނގަޅު" ގައުމު ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ވާދަވެރިވެގެން ނޫނީ ނަރުހުންގެ ދަތިކަމުން އަރައިނުގަނެވޭނެ،" އެކަމަނާ ވިދާޅުވި އެވެ.

ނަރުހުންނަަށް ވަގުތުން ރެޒިޑެންސީ ދޭނެ ކަމަށް ބުނެފައުވާ އިރު، އިތުރު 10 ޕްރޮފެޝަނަލް ވަޒީފާތައް މިހާރު ވަނީ ގްރީން ލިސްޓުގައި ހިމަނާފަ އެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާ އާއި ތައުލީމް އަދި ކޮންސްޓްރަކްޝަންއާ ގުޅުން ހުރި ވަޒީފާތައް ހިމެނެ އެވެ.

ނިއުޒީލޭންޑުގައި ވަޒީފާ ނެތް މީހުންގެ ނިސްބަތަކީ އެންމެ 3.3 ޕަސެންޓެވެ.