Advertisement

ކޮކާކޯލާގެ ނަސީބުވެރިންނަށް ތަޖުރިބާކޮށްލަން ލިބުނީ ގަތަރު ވޯލްޑް ކަޕްގެ ހާއްސަ މެޗެއް

11 ޑިސެންބަރު 2022 - 12:58 0

ދޯހާ، ގަތަރު

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ކޮކާކޯލާގެ ބައެއް ނަސީބުވެރިން ލުސައިލް އައިކޮނިކް ސްޓޭޑިއަމްގެ ތެރޭގައި ނަގާފައިވާ ފޮޓޯއެއް.


ކޮކާކޯލާގެ ނަސީބުވެރިންނަށް ތަޖުރިބާކޮށްލަން ލިބުނީ ގަތަރު ވޯލްޑް ކަޕްގެ ހާއްސަ މެޗެއް

11 ޑިސެންބަރު 2022 - 12:58 0

ދޯހާ، ގަތަރު

ރާއްޖޭގެ ކޮކާކޯލާ ކުންފުނިން މިދިޔަ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް، ކުރިއަށްގެންދިޔަ، "އަންކެޕް، ބިލީވް، ފުލައި،" މި ޕްރޮމޯޝަނުގެ ތެރެއިން މިދިޔަ އަންގާރަ ދުވަހުގެރޭ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ޕޯޗުގަލް އިން 6-1 އިން ސްވިޒަލެންޑް ބަލިކުރި މެޗު ބެލުމުގެ ފުރުސަތު، 20 ދިވެއްސަކަށް ލިބިގެންދިޔަ އެވެ.

އެއީ ނަސީބުވެރިންގެ ގޮތުގައި ދަތުރުގައި ބައިވެރިވި، 16 ފަރާތުގެ އިތުރުން، ކޮކާކޯލާގެ ތިން ފަރާތަކާއި ނޫސްވެރިއަކަށެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގެ އިންތިޒާމްތައް ގަތަރުން ހަމަޖައްސާފައިވާ ގޮތުން، ދުބާއީގައި ޗުއްޓީއެއް ހޭދަކޮށްލުމަށް ފަހު ވެސް ވޯލްޑް ކަޕް މެޗެއް ބަލާލުމުގެ ފުރުސަތު އޮތީ ފަހިކޮށެވެ. ކޮކާކޯލާ ކުންފުނީގެ ދަތުރުގައި ބައިވެރިވި 20 ފަރާތަށް އެ ކުންފުނީގެ ފަރާތުން ހަމަޖައްސައިދީފައި އޮތީ، ދުބާއީގައި ރަނގަޅު ޗުއްޓީ އަކަށް ފަހު، ހަމައެކަނި މެޗަށް ގަތަރަށް ދާ ގޮތަށެވެ.

ފްލައިދުބާއީގެ ޝަޓްލް ފްލައިޓެއްގައި އަންގާރަ ދުވަހު ގަތަރަށް ގޮސް، މި ފަހަރުގެ ވޯލްޑް ކަޕްގައި ފެނިގެންދިޔަ އެންމެ ގިނަ ގޯލު ފެނިގެންދިޔަ އެއް މެޗު ކަމަށްވާ، ސްވިޒަލެންޑާއި ޕޯޗުގަލްގެ ކުރިމަތިލުން ބަލާލަން ފުރުސަތު ލިބުނީ 83،720 މީހުން، ދަނޑަށް ވަން މެޗެއްގަ އެވެ.

މި މެޗު ހާއްސަވީ ގިނަ ސަބަބުތަކެއް ވެސް އެބައޮތެވެ. އެ ގޮތުން، ބަލާއިރު، މިއީ 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޮޑު މުބާރާތެއްގައި ޕޯޗުގަލް އިން ނޮކައުޓް މެޗަކަށް، އެ ޓީމުގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ އެގާރައިގައި ނުހިމަނައި، ނުކުތް ފުރަތަމަ މެޗެވެ. ކޮކާކޯލާ ނަސީބުވެރިންގެ ތެރޭގައި ރޮނާލްޑޯގެ ފޭނުން ވެސް ހިމެނެ އެވެ.

"ރޮނާލްޑޯ ސްޓާޓް ނުކުރިޔަސް، މި މެޗު ބަލާލަން ލިބުނީމަ އެއީ ވަރަށް ބޮޑު ކަމެއްދޯ،" ކޮކާކޯލާ ނަސީބު ވެރިއަކު، ރޮނާލްޑޯ މެޗުގެ ފުރަތަމަ އެގާރައިގައި ނުހިމެނޭތީ އެ ކަމަށް އިޝާރާތްކޮށް ބުނެލި އެވެ.

ސްވިޒަލެންޑާއި ޕޯޗުގަލް މެޗަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި 90 މިނިޓަށް ބަލާނަމަ އެންމެ ގިނަ ގޯލު ފެނިގެންދިޔަ ތިން މެޗުގެ ތެރެއިން އެއް މެޗެވެ.

ކޮކާކޯލާގެ ނަސީބުވެރިން ލުސައިލް އައިކޮނިކް ސްޓޭޑިއަމް ބޭރުގައި ނަގާފައިވާ ފޮޓޯއެއް: މެޗު ބަލަންދިޔައިރު، ކޮންމެ ނަސީބުވެރިއަކު ކަހަލަ ގޮތަކަށް ދިވެހި ދިދަ ދަނޑަށް ގެންދިޔަ.


ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ޕޯޗުގަލްގެ ފޯވާޑް، ގޮންކާލޯ ރާމޯސް، 21، ހެޓްރިކެއް ހެދިއިރު، މިއީ މި ފަހަރުގެ ވޯލްޑް ކަޕްގައި ފެނިގެންދިޔަ، ހަމައެކަނި ހެޓްރިކް އެވެ. ތާރީހީ ވޯލްޑް ކަޕެއްގެ މި ތާރީހީ ހެޓްރިކް ދަނޑުގައި ތިބެ، ބަލާލުމުގެ ނަސީބު ވެސް ކޮކާކޯލާގެ ފަރާތުން މި މެޗަށް ދިޔަ ނަސީބުވެރިންނަށް ލިބިގެންދިޔައީ އެވެ.

ނަސީބުވެރިން "ދަނޑުގެ ފޯރީ" ގައި ވެސް ބައިވެރިވި

ގަތަރުގެ ލުސައިލް އައިކޮނިކް ސްޓޭޑިއަމްގައި ޕޯޗުގަލް އާއި ސްވިޒަލެންޑް ބައްދަލުކުރި މެޗަށް، ކޮކާކޯލާގެ ނަސީބު ވެރިން ދަނޑަށް ވަނީ މެޗު ފަށަން ގާތްގަނޑަކަށް ދޮޅު ގަޑިއިރެއްހާއިރަށް ވެފައި އޮއްވަ އެވެ.

ދަނޑުގައި ކޮކާކޯލާ ނަސީބުވެރިންނަށް ސީޓު ލިބުނީ ޕޯޗުގަލް ސަޕޯޓަރުން ތިބޭ ދިމާލުގެ ކަނުން ކޯނަރު ދަނޑިއާ ވީފަޅި ކައިރިންނެވެ. އެއީ، ދަނޑުގެ ސީޓީން އެރޭންޖްމަންޓްސް އަށް ބަލާއިރު، ހޮސްޕިޓާލިޓީ އޭރިއާ އިން ހަމަޖެހިފައިވާ ޓިކެޓްތަކެއް ކަމަށްވާތީ، މިއީ ދަނޑުގައި ހުރެ، މެޗެއް ބަލާލަން ލިބޭނެ އެންމެ ރަނގަޅު އެއް ދިމާކަން ޔަގީނެވެ.

މި މެޗު ކުރިންނާއި މެޗު ފަށައިގެން ވެސް ޕޯޗުގަލް ސަޕޯޓަރުން ނަގަމުންދިޔަ ފޯރީގައި، ކޮކާކޯލާގެ ނަސީބު ވެރިން ވެސް ބައިވެރިވި އެވެ. ޕޯޗުގަލް ސަޕޯޓަރުންގެ ޔޫފޯރިއާ ކްލެޕާއި އާއި ދަނޑުގެ އެ ފަޅިން ފޯރިނަގަން ކުރިއަށްގެންދިޔަ، މެކްސިކަން ވޭވްގައި ވެސް ކޮކާކޯލާ ނަސީބުވެރިން ބައިވެރިވި އެވެ.

މީގެ އިތުރުން މެޗުގެ ދެ ވަނަ ހާފުގައި ދަނޑުގައި ތިބި ސަޕޯޓަރުން ޕޯޗުގަލްގެ ތަރި ރޮނާލްޑޯ މެޗު ކުޅެން އަރުވަން އެދި ޝުއޫރުފާޅުކުރިއިރު، އެ ކަމުގައި ވެސް ވަނީ ބައިވެރިވެފަ އެވެ.

ޔަގީނުން ވެސް ކޮކާކޯލާގެ ފަރާތުން މި ފަހަރުގެ ވޯލްޑް ކަޕްގެ މެޗެއް ބެލުމަށް، މި ދިން ފުރުސަތަކީ، ގިނަ ނަސީބުވެރިންގެ ހަޔާތުގައި ހާއްސަވާނެ ދުވަހެކެވެ.

ނަސީބުވެރިން ތެރޭގައި ހިމެނޭ ގިނަ ފަރާތްތަކަކީ ބައިނަލްއަގުވާމީ މި ފަދަ މުބާރާތެއްގެ މެޗެއް ދަނޑުގައި އިނދެގެން، ތަޖުރިބާ ކޮށްލަން ފުރަތަމަ ފަހަރަށް ލިބުނު ފަރާތްތަކެވެ. ހާއްސަކޮށް، ދުނިޔޭގެ ފުޓްބޯޅައިގައި މިހާރު ނަން ހިނގާ މަޝްހޫރު ކުޅުންތެރިން ކުޅޭ ނޮކައުޓް މެޗެއް ބަލާލަން ލިބުނީތީ، ގިނަ ނަސީބުވެރިން އެކަމަށްޓަކައި އުފާކޮށް، ކޮކާކޯލާ އިން މި ފަދަ އާދަޔާހިލާފު ފުރުސަތެއް ލިބޭ ޕްރޮމޯޝަނެއް ކުރިއަށްގެންދާތީ ޝުކުރު އަދާކުރި އެވެ.