Advertisement

އޭޝިއަން ޗެމްޕިއަންޝިޕަށް މުންސިފް ވެސް ކޮލިފައިވެއްޖެ

10 ޑިސެންބަރު 2022 - 13:38 0

މި ފަހަރުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ މެޗެއްގެ ތެރެއިން މުންސިފް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު


އޭޝިއަން ޗެމްޕިއަންޝިޕަށް މުންސިފް ވެސް ކޮލިފައިވެއްޖެ

10 ޑިސެންބަރު 2022 - 13:38 0

ނޭޕާލްގައި މިހާރު ކުރިއަށްދާ ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ސައުތު އޭޝިއާ ކޮލިފައިން ބުރުގެ ގަދަ 16ގެ ޖާގަ އެއް ޔަގީންކޮށް ރާއްޖޭގެ މޫސާ މުންސިފް އޭޝިއަން ޗެމްޕިއަންޝިޕުން ޖާގަ ހޯދައިފި އެވެ.

ސައުތް އޭޝިއަން ރީޖަނަލް ކޮލިފައިންގެ ގޮތުގައި މި މަހުގެ 8-11 އަށް ކުރިއަށްދާ މުބާރާތުގައި އަންހެެން އަދި ފިރިހެން ބައިވެސް ހިމެނެ އެވެ. މި ކޮލިފައިންގައި ރާއްޖެއިން ވާދަކުރަނީ މުންސިފް އާއި ދީމާ އެވެ.

ގައުމީ ޓީޓީ ޓީމުގެ ދެ ކުޅުންތެރިންގެ ތެރެއިން ދީމާ ވަނީ އޭނާ ކުޅުނު ގްރޫޕުގެ އެއް ވަނަ ހޯދައި ގަދަ 16ގެ ޖާގަ ޔަގީންކޮށްފަ އެވެ. މުންސިފް ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވުމުން ރޭންކިން މެޗުތަކުގައި އޭނާ ޖެހުނީ ކުޅޭށެވެ.

ރޭންކިން މެޗުތަކުގެ ފުރަތަމަ ބުރުގައި އޭނާ ނުކުތީ ބަންގްލަދޭޝްގެ ރިޕޮން ހާންއާ ދެކޮޅަށެވެ. މި މެޗު 3-1 ސެޓުން މުންސިފް ވަނީ ކާމިޔާބުކޮށްފަ އެވެ.

ދެ ވަނަ މެޗުގައި މުންސިފް ނުކުތީ ބަންގްލަދޭޝްގެ ރަމްހިމްއިލާން ބައުންއާ ދެކޮޅަށެވެ. މި މެޗު މުންސިފް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ރަމްހިމްއިލާން އަތުން މި ކޮލިފައިންގައި މުންސިފް މޮޅުވިއިރު ތުރުކީގެ ކޮންޔާގައި މި އަހަރުގެ އޮގަސްޓު މަހު އޮތް އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރަމްހިމް އަތުން މުންސިފް ވަނީ ބަލިވެފަ އެވެ.

މި ދެ މެޗުން ހޯދި މޮޅާ އެކު މުންސިފް އަށް ގަދަ 16 ކުޅުންތެރިންގެ ތެރޭގައި ހިމެނޭނެކަން މި ވަނީ ޔަގީންވެފަ އެވެ. އެހެންކަމުން، ރޭންކިން ބުރުގެ ބާކީ އެއް މެޗު އޮއްވައި، މުންސިފް މި ވަނީ ވޯލްޑް ޗެމްޕިއަންޝިޕްގެ ކޮލިފައިންގެ އޭޝިއަން މުބާރާތުން ޖާގަ ލިބިފަ އެވެ. އޭޝިއާ ކޮލިފައިންގައި ވާދަކުރާނީ އޭޝިއާގެ އެކި ސަރަހައްދުތަކުގެ އެންމެ ވަރުގަދަ ކުޅުންތެރިންނެވެ.

މުންސިފް އާއި ދީމާ ސައުތު އެޝިއަން ރީޖަނަލް ކޮލިފައިންގައި ވާދަކޮށް މި ހޯދި ކާމިޔާބަކީ މިއަހަރުގެ ފަހުކޮޅު އޮންނަ ގައުމީ ޓެބަލް ޓެނިސް މުބާރާތަށް ލިބުނު ރަނގަޅު ހިތްވަރަކަށްވާނެ އެވެ. ގައުމީ ޓޭބަލް ޓެނިސް މުބާރާތް އޮންނާނީ މިމަހުގެ 25-30 އަށް މާލޭ ޓޭބަލް ޓެނިސް ހޯލުގަ އެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހުޅުވި އެންމެ ބޮޑު ޓޭބަލް ޓެނިސް ހޯލުގައި ބާއްވާނެ ފުރަތަމަ މުބާރާތެވެ.