Advertisement

ޓީޓީ އާ ހޯލާ އެކު ބޭނުންވާ ޝެޑިއުލަށް ގިނަ މުބާރާތް ބޭއްވޭނެ: ޝިއުރީ

5 ޑިސެންބަރު 2022 - 10:52 0


ޓީޓީ އާ ހޯލާ އެކު ބޭނުންވާ ޝެޑިއުލަށް ގިނަ މުބާރާތް ބޭއްވޭނެ: ޝިއުރީ

5 ޑިސެންބަރު 2022 - 10:52 0

މިދިޔަ މަހު މާލޭގައި ހުޅުވި ޓޭބަލް ޓެނިސް އާ ހޯލާ އެކު ބޭނުންވާ ޝެޑިއުލަށް ގިނަ މުބާރާތްތައް ބާއްވަން ފުރުސަތު ލިބޭނެކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން (ޓީޓީއޭއެމް)ގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވިދާޅުވީ އެވެ.

އަލަށް ތަރައްގީކުރި ޓޭބަލް ޓެނިސް ހޯލަކީ މިހާތަނަށް ރާއްޖޭގައި ތަރައްގީކުރި ޓޭބަލް ޓެނިހަށް ހާއްސަ އެންމެ ބޮޑު ފެސިލިޓީ އެވެ. މި ހޯލުގައި 12 މޭޒު ބެހެއްޓޭއިރު، މިއީ ގައުމީ އަދި ބައިނަލްއަގްވާމީ މުބާރާތްތައް ބާއްވަން ބަލާއިރު ޖާގައިގެ ގޮތުން ތަނަވަސް ފެސިލިޓީއެކެވެ.

އާ ހޯލާ ގުޅޭގޮތުން ޝިއުރީ ވިދާޅުވީ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެސޯސިއޭޝަނުން ބޭނުންވާ ޝެޑިއުލަކަށް މުބާރާތްތައް ބާއްވަން ލިބޭ ފުރުސަތެވެ.

މީގެ ކުރިން ޓޭބަލް ޓޭނިހުގެ ގައުމީ ފެންވަރުގެ މުބާރާތްތައް ބާއްވަމުން އައީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގަ އެވެ. މިހާތަނަށް ރާއްޖޭގައި ބޭއްވި ޓޭބަލް ޓެނިހުގެ ބައިނަލްއަގްވާމީ މުބާރާތްތައްވެސް ބޭއްވީ ޒުވާނުންގެ މަރުކަޒުގަ އެވެ.

އަނެއްކޮޅުން، ކޮންމެ މުބާރާތެއް ބާއްވާއިރު، އެ ހޯލު ބޭނުންކުރާ އެހެން ކުޅިވަރުތައް ކަމަށްވާ ބާސްކެޓްބޯޅަ، ވޮލީބޯޅަ އަދި ނެޓްބޯޅަ ކަލަންޑަރަށް ވެސް ބަލަން ޖެހެ އެވެ. ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގަ ހަތަރު ކުޅިވަރުން ވެސް މުބާރާތް ބާއްވަނީ އެއް މުބާރާތް އަނެއް މުބާރާތާ ފުށު ނާރާ ގޮތަށް ބަހާލައިގެންނެވެ.

ޝިއުރީ ވިދާޅުވީ އާ ހޯލާއެކު މިހާރު އެހެން ކުޅިވަރަކަށް ނުބަލައި ޓީޓީގެ މުބާރާތްތައް ބޭނުންވާ ގޮތަށް ރާވާއި ހިންގޭނެކަމަށެވެ.

"އަސްލު އެންމެ ބޮޑު ފަސޭހައަކީ އެސޯސިއޭޝަނުން ބޭނުންވާ ދުވަހަކު ބޭނުން މުބާރާތެއް ބޭއްވޭނެ. ޖާގަ އޮތް ތަނެއް މި ލިބުނީ. އަނެއްކޮޅުން މިހާރު މުބާރާތްތައް ބޭނުންވާ ސްޕީޑުގައި ކުރު މުއްދަތެއްގައިވެސް ނިންމާލެވެނޭ" އޭނާ ވިދާޅުވި އެވެ.

މާލޭ ޓީޓީ ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ މުބާރާތަކީ މިމަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ ޓޭބަލް ޓެނިސް މުބާރާތެވެ. މިމަހުގެ 25-30 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތަށް ކުޅުންތެރިން ފަރިތަކުރަމުން އަންނަނީވެސް މާލޭ ޓީޓީ ހޯލުގަ އެވެ.

މިއަހަރުގެ ގައުމީ މުބާރާތުގައި ކުރިން މުބާރާތްތަކުގައި ކުޅުނު އިވެންޓުތަކުގެ އިތުރުން ވެޓްރަންސް ބައިވެސް ވަނީ ހިމަނާފަ އެވެ. މިއީ 40 އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަކޮށް ރޭންކިން މުބާރާތެއް ބައްވާ ފުރަތަމަ ފަހަރެވެ.

މިވަގުތު ގައުމުން ބޭރުގައި ތަމްރީން ހަދަމުން އަންނަ ގައުމީ ޓީމްގެ ކުޅުންތެރިންވެސް ގައުމީ މުބާރާތަށް ރާއްޖެ އަންނާނެ އެވެ. މިގޮތުން ތައިލެންޑުގައި މިހާރު ތަމްރީން ހަދަމުން އަންނަ ފާތިމަތު ދީމާ އަލީ އާއި ކްރޮއޭޝިއާގައި ތަމްރީން ހަދަމުން އަންނަ ތިން ކުޅުންތެރިންކަމަށްވާ އައިޝަތު ރަފާ ނާޒިމް، ޝައްފާން އިސްމާއިލް އާއި އަޚްޔާރު އަހުމަދު ހާލިދުވެސް މިމަހުގެ މެދު ތެރޭގައި މާލެ އަންނާނެ އެވެ.