Advertisement

މީހުންގެ ދުއާއާ އެކު މިހުރީ ގަދަަކޮށް: ޕެލޭ

4 ޑިސެންބަރު 2022 - 06:33 0


މީހުންގެ ދުއާއާ އެކު މިހުރީ ގަދަަކޮށް: ޕެލޭ

4 ޑިސެންބަރު 2022 - 06:33 0

ސައޮ ޕައޮލޯ، ބްރެޒިލް (ޑިސެމްބަރު 4) - ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބްރެޒިލްގެ ލެޖެންޑް، ޕެލޭގެ ބަލި ހާލު ބޮޑުވެ، ކުއްލި ގޮތަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށް، ފަރުވާދެމުން އަންނައިރު، މީހުންގެ ދުއާއާ އެކު އޭނާގެ ބަލީގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފި އެވެ.

ޕެލޭ، 82، ގެ ބަލި ހާލަތު ގޯސްވެފައިވަނީ މިދިޔަ އަހަރު އޭނާގެ ގޮހޮރުގައި އުފެދުނު ޓިއުމަރެއް ނެގި ފަހުންނެވެ. އޭގެ ފަހުން، އާންމުކޮށް، އޭނާ ޑޮކްޓަރަށް ދައްކަމުން އަންނައިރު، ކެންސަރު ބަލީގެ އިތުރުން ހިތުގެ ބައްޔަށް ޕެލޭ އަންނަނީ ފަރުވާ ހޯދަމުންނެވެ. މިދިޔަ އަންގާރަ ދުވަހުން ފެށިގެން، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ޕެލޭ އަށް ފަރުވާ ދެމުން އަންނަނީ ރެސްޕިރޭޓަރީ އިންފެކްޝަނަކަށެވެ.

އިއްޔެ މީޑިއާގައި އަޑުފެތުރުނީ، ޕެލޭ އަށް ދޭނެ ފަރުވާއެއް ނެތި، އުންމީދު ކަނޑާލާފައިވާ ކަމަށެވެ.

އެކަމަކު، ޕެލޭގެ އާއިލާ އާއި އޭނާ އަށް ފަރުވާ ދެމުން އަންނަ ހޮސްޕިޓަލް، ސައޮ ޕައޮލޯގެ އަލްބާޓް އެއިންސްޓަން ހޮސްޕިޓަލުން ބުނާ ގޮތުގައި ޕެލޭގެ ހާލަތު ގޯސްވާ ކަމުގެ ކަމެއް އަދި ފެނިފައިނުވާ ކަމަށެވެ. އެ ވާހަކަތަކަށް އިޝާރާތްކޮށް ޕެލޭގެ ފަރާތުން ވަނީ ބަޔާނެއް ނެރެފަ އެވެ.

"އަހަރެންގެ ހުރިހާ އެކުވެރިންގެ ކިބައިން އެދެނީ، ހަމަޖެހިގެން ޕޮޒިޓިވް ކަމާ އެކު ތިބެން. އަހަރެން މި ހުރީ ތި އެންމެންގެ ދުއާއާ އެކު ވަރުގަދަކޮށް. އަހަރެން މި ނަގަނީ ކުރިއެކޭ ވެސް އެއްގޮތަށް ނަގަމުން އަންނަ ޓްރީޓްމަންޓް،" ޕެލޭގެ ފަރާތުން އިންސްޓަގްރާމްގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވެ އެވެ.

ޕެލޭގެ ބަލިހާލަތު ގޯސްވަމުން އަންނަ ކަމަށް މީޑިއާގައި ދެކެވުނު ވާހަކަތަކަށް އިޝާރާތްކޮށް މަޝްހޫރު ގިނަ ކުޅުުންތެރިން ވަނީ ޕެލޭ އަށް އޮތް ސަޕޯޓް ދައްކުވައިދިނުމުގެ ގޮތުން ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ފްރާންސްގެ ކީލިއަން އެމްބާޕޭ އާއި އިންގްލެންޑްގެ ހެރީ ކޭން ހިމެނެ އެވެ.

ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާ، ޕެލޭ ވަނީ މިހާރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ބްރެޒިލްގެ މެޗުތައް ވެސް ބަލަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ޕެލޭ އަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ލެޖެންޑެވެ. ޕެލޭ އަކީ ފީފާ ވޯލްޑްކަޕް ތިން ފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ. ޕެލޭ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުނު 92 މެޗުގައި 77 ގޯލު ޖަހައިފަ އެވެ.