5 ޑިސެންބަރު 2022 - 09:50 2
ސާއިފް ޝިޔާދު
5 ޑިސެންބަރު 2022 - 09:50 2
މަސްތުވާތަކެތީގެ މައްސަލައަކީ ހައްލު ނުކުރެވި ބައި ގަރުނު ވާން ކައިރިވެފައިވާ މައްސަލައެކެވެ. އެފަދަ މައްސަލައެއް އުޅޭކަން އެންމެ ފުރަތަމަ ވިސްނުނީ 1977 ވަނަ އަހަރެވެ. އެއީ މީގެ 45 އަހަރު ކުރި އެވެ. އެ އަހަރު, 350 ގުރާމްގެ ހަޝީޝްއާ އެކު މީހަކު ހައްޔަރު ކުރުމާއެކު, މަސްތުވާތަކެތީގެ މައްސަލައަށް އަވަސް ހައްލެއް ބޭނުން ކަމަށް ނިންމައި ގާނޫނު ނަންބަރު 17/77 އުފަން ކުރުވި އެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރެވެން އޮތީ އޭގެ ބޭނުން ކުރާ މީހުންނަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދީގެން ކަމަށް ގާނޫނު ހަދާ މަޖިލީހަށާއި ސަރުކާރަށް އޮތީ ވިސްނިފަ އެވެ. ފަހަރުގައިވެސް އެބޭފުޅުންގެ މައްސަަލައަކުންނެއް ނޫނެވެ. އޭގެ ހަ އަހަރު ކުރިން, އެމެރިކާއިން “ވޯ އޮން ޑްރަގްސް” އިއުލާން ކުރުމާއެކު އޭރުގެ ގިނަ ގައުމުތަކެއްގެ ގާނޫނުތައް ބައްޓަންވަމުން އައީ އެ އުސޫލުންނެވެ.
އެ ގާނޫނު އުފަންވުމާއެކު, ގާނޫނުގެ ދިގު އަތް ގިނަ ރައްޔިތުންނާ ހަމައަށް ފޯރަން ފެށި އެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި ގިނަ ބަޔަކު ހައްޔަރުވާން ފަށައިފި އެވެ. ކުރިން، 1996 ވަނަ އަހަރު މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި 241 މީހުން ހައްޔަރު ކުރިއިރު, އޭގެ ގާތްގަނޑަކަށް 10 އަހަރު ފަހުން 2007 ވަނަ އަހަރު އެ އަދަދުތައް ހުރީ 1,187 ގަ އެވެ.
ގާނޫނުން ހައްލުކުރަން ބޭނުންވި މައްސަލަ ބޮއްސުން ލައިގެންދަނީ އެވެ. އޭރު ވެސް ދިވެހިރާއްޖޭގެ ޖަލުތަކުގެ ހާލަތު ވަރަށް ގޯހެވެ. ކުރިން، 2004 ވަނަ އަހަރު ޖަލުތަކުގެ ހާލަތު ދިރާސާކޮށް ހެދި ރިޕޯޓުން ދައްކާގޮތުން ޖަލުގައި ދިބި ގައިދީންގެ 80 އިންސައްތައަކީ މަސްތުވާތަކެތީގެ ކޮންމެވެސް މައްސަލައެއްގައި ބަންދުކުރެވިފައިވާ މީހުންނެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުނުކުރެވި ޖަލުތައް ތޮއްޖެހެމުން ދިޔުމުން, އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން 2011 ވަނަ އަހަރު އައު ގާނޫނެއް އުފަންކުރުވި އެވެ. އެ ގާނޫނުގެ ދަށުން ޑުރަގު ކޯޓަކާއި, ނޭޝަނަލް ޑުރަގު އޭޖެންސީއެއް އުފެދިގެން ދިޔައެވެ.
އަދި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ރިހެބިލިޓޭޝަން ފޯރުކޮށްދިނުމަށް އިތުރު އިސްކަމެއް ދެވުނެވެ. ހުރިހާ ގޮތަކުން ބެލި ނަމަވެސް ގާނޫނުން ހާސިލް ކުރަން ބޭނުންވާ ކަންތައްތައް ރަނގަޅެވެ. އެހެންނަމަވެސް, އަދިވެސް ބައްޓަން ކުރެވިފައި އޮތީ ގޯސްކޮށެވެ. ނަތީޖާއަކީ މި ގާނޫނުގެ އަތުންވެސް އެހީ ލިބުނު ފަރާތްތަކަށްވުރެ ގިނައީ ކެހި ލިބުނު ފަރާތްތަކެވެ.
މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު ބައްޓަން ކޮށްފައިވާ ގޮތުން, އެ ގާނޫނުގައި ބުނާ މިންވަރަށްވުރެ އިތުރަށް މަސްތުވާތަކެތި އަތުގައި ހުރެއްޖެ ހަމަ ކޮންމެ މީހަކީ މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅޭ މީހެކެވެ. ކޯޓުން މައްސަލަ ސާބިތުވެއްޖެ ނަމަ އެއީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.
މަސްތުވާތަކެތި ޓުރެފިކު ކުރުން ކަމަށް ބަލަން ގާނޫނުން ބުނާ މިންވަރަކީ ކެނަބިސް ނަމަ 14 ގްރާމް, ޑައިމޯރފިން ނަމަ ހަތަރު ގުރާމެވެ. ކެނަބިސް އަދި ޑައިމޯރފިން ފިޔަވައި އެ ގާނޫނުގެ ޖަދުވަލު އެކެއްގައި ބުނާ މަސްތުވާތަކެތީގެ ކޮންމެ ބާވަތެއްވެސް އެއް ގުރާމަށްވުރެ އިތުރަށް ހުރެއްޖެނަމަ، އެއީ ޓުރެފިކް ކުރުން ކަމުގައި ބެލެވޭނެ އެވެ. މި ގާނޫނަށް މިހާރު 10 އަހަރު ވެފައިވާއިރު, މަސްތުވާތަކެތީގެ މައްސަލައިގައި އެދެވޭ ނަތީޖާއެއް ނެރެވިއްޖެކަމަށް ގަބޫލުކުރާ ހަމަ އެންމެ ދިވެއްސެއްވެސް ނެތެވެ.
ގާނޫނު ބައްޓަންވެފައިވާ ގޮތުން, ގާނޫނުގެ މަގުސަދު ހާސިލު ނުކުރެވޭކަން އެންމެ ބޮޑަށް ސާބިތުވަނީ ޖަލުތަކުގެ ހާލަތަށް ބަލާލުމުންނެވެ. މި ސަރުކާރަށް ހަތަރު އަހަރު ފުރުމާ ދިމާކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އިމްރާން ވިދާޅުވީ, އާބާދީގެ ނިސްބަތުން ގައިދީން އެންމެ ގިނައީ ކޮންމެ ގައުމެއްގައިތޯ ބަލާއިރު އެ ލިސްޓުގެ ހަތަރު ވަނައަށް އޮތީ ރާއްޖެ އެވެ.
ބަންދު ކުރެވޭ މީހުންގެ ތެރެއިން 65-70 އިންސައްތައެއްގެ މީހުންނަކީ މަސްތުވާތަކެތީގެ އެކި ކުށްތަކުގައި ބަންދު ކުރެވޭ މީހުންނެވެ. ދެހާސްހަތަރު ވަނަ އަހަރުގެ ރިޕޯޓުގައި އެ އަދަދުތައް ހުރީ 80 އިންސައްތައިގަ އެވެ. އެ ރިޕޯޓު އެކުލަވާލި އިރު ޖަލުގެ އާބާދީއަކީ 1,000 އެވެ. މިހާރު 1,500-1,700 ދެމެދުގެ އަދަދަކަށް ގައިދީން ކަރެކްޝަނަލް ސާވިސް ތެރޭގައި ދައުރުކުރެވެ އެވެ. އައު ގާނޫނަކާއެކުމެ މަސްތުވާތަކެތީގެ ކުށްތަކުގައި ހައްޔަރު ކުރެވޭ މީހުންގެ އަދަދު މަދު ނުވާކަން ވަރަށް ސާފެވެ.
ތަފާސް ހިސާބުތައް މިހެން ހުރުމާއެކު, ޖަލުގައި ތިބި ގައިދީން ރިހެބިލިޓޭޓް ކުރުމަށް މިހާރު އަންނަނީ އިތުރު އިސްކަމެއް ދެމުންނެވެ. ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު ވިދާޅުވީ އަމާޒަކީ ކުށްވެރިން ޖަލުގައި ހޭދަކުރާ ވަގުތު މަދުކޮށް, އަވަހަށް ރިހަބިލިޓޭޓްކޮށް މުޖުތަމައުގައި ރީއިންޓެގްރޭޓް ކުރުން ކަމަށެވެ.
އެގޮތުން، ރިހަބިލިޓޭޝަން ކޮމާންޑެއް އެކުލަވާލައި, ހިންގުނު ޕްރޮގްރާމްގެ ދަށުން 32 ގައިދީއަކު ރިހިބިލިޓޭޓް ކުރެވިފައިވާ ކަމަށާއި ދެވަނަ ބެޗުގައި 45 ގައިދީއަކަށް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގޭނެ ކަމަށް ބުނެ އެވެ.
މިއީ ރަނގަޅު މަސައްކަތެކެވެ. އެހެންނަމަވެސް, މަސްތުވާތަކެތީގެ މައްސަލައަށް ހަމަ އެކަނި ޖަލުން ހައްލެއް ހޯދަން އުޅުމަކީ މައްސަލަ ފުރިހަމައަށް ވަޒަން ނުކުރެވޭކަން ދޭހަވާކަމެކެވެ. ޖަލުތަކުގައި އަދިވެސް ބަންދު ކުރެވޭ މީހުންގެ ބޮޑު ބަޔަކީ މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގައި ބަންދު ކުރެވޭ މީހުންނެވެ.
ނިމިގެންދިޔަ އޮގަސްޓު އަދި ސެޕްޓެމްބަރު މަހުވެސް ބަންދު ކުރެވުނު މީހުންގެ 50 އިންސައްތައާ ގާތް ކުރާ އަދަދަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދު ކުރެވުނު މީހުންނެވެ. ޖަލުގައި ބަންދު ކުރުމާ އެކު އެ ގެއްލިގެންދަނީ އެތައް މިނިވަންކަމެކެވެ. ވަޒީފާ އަދާކުރުމާއި އާއިލާއަށް އަޅައިލުމުން މަހުރޫމު ކުރެވޭއިރު, އެ ކަމުގެ ސަބަބުން ގެއްލުން ތަހައްމަލު ނުކުރާ ދިވެހި އާއިލާއެއް ވަރަށް މަދެވެ.
މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދޭނީ އެކަން ތަހައްމަލުކުރާ ވަކިވަކި ފަރުދުންގެ ދިރިއުޅުމަށް ކުރާ އަސަރު ވިސްނިގެންނެވެ. ޖަލުގައި ބަންދު ކުރެވޭ ހިސާބުން ފެށިގެން ދިރިއުޅުމަށް އަސަރުކުރާނެކަން ވިސްނި ބަންދު ނުކޮށް ހައްލު ހޯދޭނެ ހުރިހާ މަގެއް ބަލައިގެންނެވެ. ޖަލުން ނިކުންނަ ގިނަ މީހުންނަކީ ތަކުރާރުކޮށް ކުށް ކުރާ ފަރާތްތަކަކަށްވާއިރު, ހަމައެކަނި ޖަލުގައި ރިހެބިލިޓޭޓް ކުރުމުގެ ވިސްނުން ދޫކޮށްލަން ޖެހެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ނިމިގެން މިދާ 2022 ވަނަ އަހަރާއި އަދި ކުރިއަށް އޮތް 2023 ވަނަ އަހަރު ވެސް ފުލުހުންގެ އޮޕަރޭޝަނަލް ޕްރައޯރިޓީގެ އެންމެ މަތީގައި އޮތީ މަސްތުވާތަކެތި ކަމަށެވެ. އަމާޒަކީ މުޖުތަމައުން މަސްތުވާތަކެތި ނައްތާލުމެވެ. ނުވަތަ އޭގެ ބޭނުން ކުރާ މީހުން މަދުކުރުމެވެ. އެ އަމާޒަށް ކުރެވުނު މަސައްކަތްތަކުން ފާއިތުވި ހަތަރު އަހަރު 1.9 ޓަނުގެ މަސްތުވާތަކެތި ނައްތާލައިފި އެވެ.
ފުލުހުން ނިކުމެ މަސްތުވާތަކެތި އަތުލައިގަނެގެން, އެ ނައްތާލުމަކުން މުޖުތަމައުއިން މަސްތުވާތަކެތި މަދުވާކަމަށް އިހުސާސް ކުރަން ދައްޗެވެ. ނުވަތަ އެ ބޭނުންކުރާ މީހުން ރިހެބިލިޓޭޓު ކުރެވޭ ކަމަށްވެސް ގަބޫލުކުރަން ދައްޗެވެ. 1.9 ޓަނުގެ މަސްތުވާތަކެތި ނައްތާލެވުނު އިރު, އަދިވެސް ބޭނުން ކުރާ މީހުންގެ އަދަދު ދަށަށް ދިޔަކަމަށް ނުބެލެވެ އެވެ.
ފާއިތުވި ހަތަރު އަހަރުވެސް, މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި އާބާދީގެ ދެ ޕަސެންޓަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވެ އެވެ. އެއީ 11,955 މީހުންނެވެ. އޭގެ 15 އަހަރު ކުރިޔާ އަޅައި ބަލައިފިނަމަ އެއީ 1000 ޕަސެންޓުގެ އިތުރުވުމެކެވެ. އެއީ މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ހުއްޓުވުމަށް ވަކި ޓާސްކް ފޯހެއް ހަދައި ކުރެވުނު މަސައްކަތުގެ ނަތީޖާ އެވެ.
އެހެންނަމަވެސް, މަސްތުވާތަކެތީގެ މައްސަަލައަކީ ފުލުހުންނަށް އެކަނި ހައްލު ކުރެވޭނެ މައްސަލައެއް ކަމަށް ނުބެލެވެ އެވެ. ފުލުހުންނަށް ކުރެވުނު މަސައްކަތްތަކުގެ އެދެވޭ ނަތީޖާ ނުފެނުމާއި ފުލުހުންނަށް މަތި ކުރެވިފައިވާ ޒިންމާތަކުގެ ސަބަބުން އެ ބޭފުޅުން މަސްތުވާތަކެތީގެ މައްސަލައާ ކުރިމަތިލާ ގޮތް ގޯހީ އެވެ.
ކުށް ކުރުން ރާއްޖޭގައި އިތުރުވެފައިވާއިރު ފުލުހުންނަށް މިކަން ހައްލުކުރަން ދަތިވެފައިވާ ކަމަށާއި ފުލުހުންގެ އަދަދު “ބޮޑު ތަނުން މަދު” ކަމަށް އިދާރާތަކުން ބުނެ އެވެ. ކުރައްވަނީ ކެޕޭސިޓީ މަދު ކަމުގެ ޝަކުވާ އެވެ. ފާއިތުވި ދެ އަހަރަކީ ރާއްޖެ މި ފަހުން ދެކުނު އެންމެ ތަދު ދެ އަހަރަށް ވުމާއެކުވެސް, ފުލުހުންގެ އަދަދު އިތުރު ކުރުމަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދަކަށް ފައިސާ ލިބެ އެވެ.
އެކަމާ ޝެއިހް އިމްރާން ވެސް ދެބަސްވެ ނުލައްވަ އެވެ. މަސްތުވާތަކެތީގެ މައްސަަލައަކީ ފުލުހުންނަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވާ މައްސަަލަކަމަށް ވުމާއެކު, ފުލުހުންނަށް ހަރަދުކުރާ މިންވަރު އިތުރު ކޮށްގެން މައްސަލައަށް ހައްލެއް ލިބިއްޖެ ބާވަ އެވެ؟
ދިވެހިރާއްޖޭގެ ގާނޫނުތައް މިހާރު އެކުލަވާލެވިފައިވާ ގޮތުން, މަސްތުވާތަކެތީގެ ކުޑަ މިންވަރެއް ބޭނުން ކުރާ މީހުންނަށްވެސް ފިޔަވަޅު އަޅަން ދައުލަތުން އެތައް ހޭދައެއް ކުރަންޖެހެ އެވެ. އެމީހުން އަތުލައިގަނެ ހިފެހެއްޓުމަށް ފުލުހުންގެ އަދަދު އިތުރު ކުރަން ޖެހެ އެވެ. ދެން އޮތީ މައްސަލައިގެ ދައުވާ ކުރުމުގެ މަރުހަލާ އެވެ.
އެކަން ކުރަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ. އެ އޮފީހުގެ ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ތަފާސްހިސާބަށް އެކަނި ބަލާލުމުން ވެސް, މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން އެ އޮފީހުން ކުރާ ހޭދަ ސާފުވާނެ އެވެ. އެންމެ ގިނަ އަދަދަކަށް ހުށަހެޅެނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. ސެޕްޓެމްބަރު މަހު އެކަނިވެސް 89 މައްސަލަ އެވެ. ދެން އެންމެ ގިނައިން ހުށަހެޅެނީ ވައްކަމުގެ މައްސަލަތަކެވެ. އޭގެ 41 މައްސަލަ ހުށަހެޅިފައިވާއިރު މިއީ މުޅިން ދެ ބާވަތެއްގެ ކުށް ކަމުގައިވިޔަސް, މިއީ ގުޅިފައިވާ ދެ ބާވަތެވެ.
ނިމިދިޔަ ސެޕްޓެމްބަރު މަހު, ޕީޖީ އޮފީހުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު ދައުވާ ކުރުމަށްވެސް އެންމެ ގިނަ އަދަދަކަށް ފޮނުވާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެއީ 61 މައްސަލަ އެވެ. އޭގެ ތެރެއިން 55 ދައުވާ ހުށަހެޅުނީ ޑްރަގު ކޯޓަށެވެ.
މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެއް ޑްރަގް ކޯޓަށް ހުށަހެޅުމުން, ދައުވާ ކުރެވޭ ފަރާތަކީ ރިހެބިލިޓޭޓްކޮށް މުުޖުތަމައަށް ބޭނުންތެރި މީހަކަށް ހެދޭނެތޯ ނިންމަނީ ގާނޫނީ ފަންނުން ކިޔަވައިގެން ހުރި ގާޒީއެކެވެ. ސިއްހީ ދާއިރާގެ މާހިރެއް, ނުވަތަ އެ ފަންނުން އެއްވެސް ކަހަލަ ތައުލީމެއް ލިބިފައި ހުރި މީހެއް ނޫނެވެ. އެހެންނަމަވެސް އެ ފަނޑިޔާރުގެ ނިންމުން ބިނާކުރާނީ އެދައިރާގެ އެކްސްޕާޓެއްގެ ރައުޔަށެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ޓްރެފިކް ކުރާ މީހުންގެ އިން ވަކި ކުރުމުގައި މިހާރު ގެންގުޅޭ މިންވަރު ބޮޑު ކުރަން ޖެހެއެވެ. ސާދަ ގުރާމްގެ ކެނަބިސް ނޫނީ އެއް ގްރާމް ކޮކެއިން އަތުގައި ހުންނަ މީހާއަކީ ޓްރެފިކް ކުރާ މީހަކަށް ވުމަށްވުރެ ނުވުން ގާތެވެ. ގިނަ ފަހަރަށް އެއީ އެޑިކްޓެކެވެ.
މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނަކީ އަގުބޮޑެތި ކާރުތަކާއި އެޕާޓްމެންޓްތަކުގައި ތަނަވަސް ދިރިއުޅުމެއް އުޅެމުންދާ މީހުންނެވެ. މަގުމަތިން ފުލުހުން ހިފަހައްޓާ ވިހި ފަންސަވީސް އަހަރުގެ ޒުވާނާއަކީ ޓްރެފިކް ކުރާ މީހުން ބޭނުންކުރާ މަނާފުކެވެ. އެއީ އެޑިކްޓެކެވެ. އޭނާއަށް ބޭނުމީ ސިއްހީ ފަރުވާ އެވެ. ޖަލު ހުކުމެއް ނޫނެވެ. އެކަަމާ މަސްތުވާތަކެތީގެ ސަބަބުން ދިރިއުޅުމަށް އަސަރުކޮށްފައިވާ ހަމަ ކޮންމެ އާއިލާއަކުން ވެސް އެއްބަސްވާނެ އެވެ.
އެކަމާ އެންމެ ބޮޑަށް އެއްބަސްވެލައްވާ އަނެއް ބޭފުޅަކަށް ހަމަ ޔަގީނުންވެސް ނޭޝަނަލް ޑްރަގް އޭޖެންސީގެ ސީއީއޯ އިމާދު ސޯލިހު އެވެ.
"މި އިންސްޓިޓިއުޝަންގެ އެންމެ އިސް މަގާމެއްގައި ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ކެރިގެން މިވާހަކަ ދައްކާނަން…..ސޮސައިޓީއެއްގެ ސިފައިގައި މަސައްކަތް ކުރަން އެބަޖެހޭ. ކުރާއިރު މި މައްސަައިގެ ހައްލެއް ނޫން ޖަލަށް ލުމަކީ،" ރާއްޖޭން މަސްތުވާތަކެތީގެ މައްސަލަތަކުގައި އަމަލުކުރާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާކަން ހާމަކުރައްވަމުން އޭނާ ވިދާޅުވެފައިވެ އެވެ.
މަސްތުވާތަކެތީގެ މައްސަަލައަށް އޮތް ހައްލަކީ ހައްޔަރު ކުރުން ކަމަށް ބަލައި ދައުލަތުން މަސައްކަތް ކުރާނަމަ އެ ކުރެވެނީ އިސްރާފެކެވެ. ދެހާސް ބާވީސް ވަނަ އަހަރުގެ ބަޖެޓުގައި އެކަނިވެސް, ފުލުހުންގެ ހިދުމަތަށް 1.8 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް 66.5 މިލިއަން ރުފިޔާ, ޑްރުގް ކޯޓަށް 12.9 މިލިއަން ރުފިޔާ އަދި ކަރެކްޝަނަލް ސަރވިސް އަށް 310.6 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައި ވެ އެވެ.
މަސްތުވާތަކެތީގެ މައްސަލަތަކަކީ މި ހަތަރު މުއައްސަސާގެ ވެސް މެންޑޭޓުގައި ހިމެނޭ އެންމެ މުހިންމު އެއް މަސައްކަތެެވެ. އެހެންނަމަވެސް, ގާނޫނަށް ބަދަލުގެނެސް, މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ރިހިބިލިޓޭޝަންގައި ބައިވެރިވުމަށް އޮތް މަގަކީ ފުލުހުންގެ ފަރާތުން ޕީޖީއަށް މައްސަލަ ހުށަހަޅައި ޑްރަގު ކޯޓުން މައްސަަލައާ މެދު ގޮތެއް ނިންމުން ކަމުގައި ނުވާނަމަ, އެ ސަލާމަތް ކުރެވެނީ އެތައް ވަގުތަކާއި ފައިސާއެކެވެ. އެއީ ފުރިހަމަ ރިހެބިލިޓޭޝަންގެ ހިދުމަތެއް ފަށައި ކުރިއަށް ގެންދިޔުމަށް ބޭނުންކުރެވޭނެ ފައިސާ އެވެ.
މި މައްސަލަައަކީ ރާއްޖެއަށް އެކަނި ކުރިމަތިވެގެން އުޅޭ މައްސަލައެއް ނޫނެވެ. އެ މައްސަލައަށް އެކަށީގެންވާ ހައްލެއް ނުހޯދި ވަނީވެސް ހަމައެކަނި ރާއްޖެއަކަށް ނޫނެވެ. އެހެންނަމަވެސް, މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް, ސައިންޓިފިކް އެކި ހޯދުންތަކާ އެކު ގިނަ ގައުމުތަކެއްގެ ސިޔާސަތުތައް އަންނަނީ ބަދަލުވަމުންނެވެ.
މައްސަލަ ހައްލު ކުރުމަށް އެންމެ މުހިންމީ, މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާމެދު މުޖުތަމައުން ދެކޭ ގޮތް ބަދަލުކުރުމެވެ. ގާނޫނުން އެމީހުންނަކީ ކުށްވެރިންގެ ގޮތުގައި ބެލުމުގެ ބަދަލުގައި, މަސްތުވާތަކެއްޗާއި މެދު ސިއްހީ އެޕްރޯޗެއް ގެންގުޅުމެވެ. އެކަން ކުރެވޭނީ ގާނޫނަށް ބަދަލުތަކެއް ގެނެސްގެންނެވެ.
Comment