Advertisement

މުލީގެ އާބާދީ އިތުރު ކުރަން ރަށުން ބޭރު މީހުންނަށް ގޯތި ދެނީ

3 ޑިސެންބަރު 2022 - 12:33 0

އައިޝަތު އަހުމަދު

އައިޝަތު އަހުމަދު

މުލީގެ އަތިރިމަތިން ނަގާފައިވާ ފޮޓޯއެއް: ރަށުން ބޭރު މީހުންނަށް މުލިން ދޫކުރަނީ 2000 އަކަފޫޓުގެ 10 ގޯތި -- ފޮޓޯ: ފައިލް


މުލީގެ އާބާދީ އިތުރު ކުރަން ރަށުން ބޭރު މީހުންނަށް ގޯތި ދެނީ

3 ޑިސެންބަރު 2022 - 12:33 0

މ. މުލީގެ އާބާދީ އިތުރު ކުރުމުގެ ބޭނުމުގައި އެ ރަށަށް ހިޖުރަ ކުރަން ބޭނުންވާ ރަށުން ބޭރުގެ ފަރާތްތަކަށް ގޯތި ދޫކުރުމަށް ރަށު ކައުންސިލުން ނިންމައިފި އެވެ.

ގާތްގަނޑަކަށް 1000 މީހުންގެ އާބާދީއެއް އޮންނަ މުލީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ އެ ރަށުން 2000 އަކަފޫޓުގެ ޖުމްލަ 135 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށާއި އޭގެ ތެރެއިން 10 ގޯއްޗަކީ އެ ރަށުގައި ދިރިއުޅެން ބޭނުންވާ ރަށުން ބޭރުގެ މީހުންނަށް ދޫކުރާ ގޯތި ކަމަށެވެ.

"ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ރަށުން އަވަހަށް ގޯތި ދޫކުރުން. އަދި ކައުންސިލުން އެންމެ އިސްކަމެއް ދީގެން މިދައުރުގައި ހާސިލުކުރަން ބޭނުންވާ ޓާގެޓަކީވެސް މިއީ،" ކައުންސިލުގެ ރައީސް ޝަމްއޫން ރަމީޒް ވިދާޅުވި އެވެ.

ޝަމްއޫން ވިދާޅުވީ އެންމެ ފަހުން މުލިން ގޯތި ދޫކުރީ 2013 ވަނަ އަހަރު ކަމަށެވެ. އޭގެ ފަހުން ނުވަ އަހަރަށްފަހު ގޯތި ދޫކުރަން އަލުން ނިންމީ އެރަށުން ގޯތި ބޭނުންވާ ގިނަ ބަޔަކު އުޅޭކަން ފާހަގަވެފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއްގެއެއްގައި ދެ އާއިލާ ނުވަތަ ތިން އާއިލާ ވެސް މިހާރު އެ ރަށުގައި ދިރިއުޅެ އެވެ.

މުލިން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު ހުށަހެޅުމުގެ ފުރުސަތު މި ހިނގާ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ޖެނުއަރީ ބާރަ ވަނަ ދުވަހުގެ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން 14:00 ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.