Advertisement

މޫސުމީ ބަދަލުތަކަށް ވިލުންވެރިކޮށް ވިޔަފާރި ބިނާކުރުމަށް އެހީވެދޭ ކޯހެއް ހިންގަނީ

1 ޑިސެންބަރު 2022 - 19:49 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މޫސުމީ ބަދަލުތަކަށް ވިލުންވެރިކޮށް ވިޔަފާރި ބިނާކުރާނެ ގޮތް ދަސްކޮށްދޭ ކޯސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އެފްޖޭއެސްގެ ކީނޯޓު ސްޕީޗް ދެއްވަނީ -- ފޮޓޯ: ޝާބިން/އަދަދު


މޫސުމީ ބަދަލުތަކަށް ވިލުންވެރިކޮށް ވިޔަފާރި ބިނާކުރުމަށް އެހީވެދޭ ކޯހެއް ހިންގަނީ

1 ޑިސެންބަރު 2022 - 19:49 0

ޔޫއެސްއެއިޑުގެ ހިލޭ އެހީގެ ދަށުން، ރާއްޖޭގެ އިގުތިސާދު މޫސުމީ ބަދަލުތަކަށް ވިލުންވެރިކޮށް ބިނާކުރާ ހައްލުތަކާ އެކު ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެދޭ ކޯހެއް އެފްޖޭއެސްއިން އިފްތިތާހުކޮށް އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ވިޔަފާރިތަކަށް ހުޅުވާލައިފި އެވެ.

މީރުމާ އިވެންޓު ހޯލުގައި މިއަދު ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތުގައި މި ކޯސް އިފްތިތާހުކޮށްދެއްވީ އެންވަޔަރަމަންޓު މިނިސްޓަރު އައިމިނަތު ޝައުނާ އެވެ.

"އެންޓަޕްރައިޒް ޑިވެލޮޕްމަންޓު ޕުރޮގުރާމް" ގެ ނަމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޯހުގެ ތެރެއިން ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، މޫސުމީ ބަދަލުތަކަށް ވިލުންވެރި ކުރުމަށް އެހީތެރިވެދޭނެ އީޖާދީ ހައްލުތައް ތަރައްގީ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެފްޖޭއެސްއިން ބުނެ އެވެ.

އެފްޖޭއެސް އަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމާއި މީހުން ބިނާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކޮންސަލްޓެންސީ ގުރޫޕެެކެވެ.

މިނިސްޓަރު ޝައުނާ އެންޓަޕުރައިޒް ޑިވެލޮޕްމެންޓު ޕުރޮގުރާމު ތައާރަފުކޮށްދެއްވަނީ -- ފޮޓޯ: ޝާބިން/އަދަދު


ޖުމުލަ 14 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ނިންމާފައިވާ މި ޕްރޮގުރާމުގައި ބައިވެރިވާ ފަރާތްތައް ހޮވާނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިގެންނެވެ. އެފްޖޭއެސް އިން ބުނީ މި ޕުރޮގުރާމުގައި އަންހެނުންނާއި ޒުވާނުން އެ ދާއިރާތަކަށް ޝައުގުވެރިކަން އިތުރުކޮށް، ފަންނީ ގާބިލުކަން އިތުރުކުރުމަށް މި ޕްރޮގުރާމުގައި ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.

"ޔޫއެސްއެއިޑުގެ އެހީއާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއެކު މަސައްކަތްކޮށް، އެ ވިޔަފާރިތައް ފުޅާކޮށް ހަރުދަނާ ކުރުމަށް އެހީތެރިވުމަށް ލިބުނު ފުރުސަތު އެފްޖޭއެސްގެ ފަރާތުން އުފަލާއެކު ބަލައިގަންނަން،" މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެފްޖޭއެސްގެ މެނޭޖިން ޑިރެކްޓަރު ހާމިދު ސާދިގު ވިދާޅުވި އެވެ.

ޔޫއެސްއެއިޑުގެ އަމާޒަކީ ރާއްޖޭގެ އިގުތިސާދު ހަރުދަނާވެ، ތަނަވަސްވެ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިވެދިނުން ކަމަށް މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫއެސްއެއިޑުގެ ޑެޕިއުޓީ އެސިސްޓެންޓު އެޑްމިނިސްޓުރޭޓާ، އަންޖަލީ ކައުރު ވިދާޅުވި އެވެ.

ޔޫއެސްއެއިޑަކީ އެމެރިކާ ސަރުކާރުގެ ޑިވެލޮޕްމަންޓު އޭޖެންސީ އެވެ. އެ އޭޖެންސީން ދަނީ 2001، ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ.

މިހާތަނަށް ތިމާވެށިގެ ދާއިރާއާއި އިގުތިސާދު ހަރުދަނާ ކުރުމާއި ޑިމޮކުރެސީ ކުރިއެރުވުމާއި ސިއްހީ ދާއިރާ އަށް 28 މިލިއަން ޑޮލަރު، އެހީގެ ގޮތުގައި ޔޫއެސްއެއިޑުން ރާއްޖެއަށް ދީފައިވެ އެވެ.