Advertisement

މޮލްޓާ ކުޅުންތެރިއެއް ބަލިކޮށް ބަހްރެއިން ޗެލެންޖުގައި ނިބާލް އަށް ކުރިއެރުން

1 ޑިސެންބަރު 2022 - 10:11 1

ގައުމީ ބެޑްމިންޓަން ޓީމުގެ ކުުޅުންތެރިޔާ، ނިބާލް: ބަހްރެއިން މުބާރާތުގައި ރަނގަޅު މޮޅެއް ހޯދާފައިވޭ.


މޮލްޓާ ކުޅުންތެރިއެއް ބަލިކޮށް ބަހްރެއިން ޗެލެންޖުގައި ނިބާލް އަށް ކުރިއެރުން

1 ޑިސެންބަރު 2022 - 10:11 1

މިހާރު ކުރިއަށްދާ ބަހްރެއިން އިންޓަނޭޝަނަލް ޗެލެންޖުގައި ވާދަކުރަމުން އަންނަ ރާއްޖޭގެ އުއްމީދީ ބެޑްމިންޓަން ތަރި ނިބާލް އަހުމަދު، ފިރިހެން ސިންގަލްސް ކޮލިފައިން ބުރުގެ ދެ މެޗު ކާމިޔާބުކޮށް ރަނގަޅު ކުރިއެރުމެއް ހޯދައިފި އެވެ.

މިދިޔަ މަހު ކުރިއަށް ދިޔަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި ނިބާލް ބަހްރެއިން އިންޓަނޭޝަނަލް ޗެލެންޖުގެ ކޮލިފައިން ބުރުގެ ފުރަތަމަ މެޗުގައި ނުކުންނަން ޖެހުނީ ރާއްޖޭގެ މުހައްމަދު އަޖުފާން ރަޝީދުއާ ދެކޮޅަށެވެ. މި މެޗު ނިބާލް ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. އެއީ 21-11 އާއި 22-20 އިންނެވެ. ގައުމީ މުބާރާތުގެ ސެމީ ފައިނަލުގައި ވެސް ނިބާލް ވަނީ އަޖުފާން ބަލިކޮށްފަ އެވެ. އެ ފަހަރު ނިބާލް އަޖުފާންގެ މައްޗަށް ކުރި ހޯދީ ފަހަތުން އަރައި 2-1 ސެޓުންނެވެ.

ބަހްރެއިން އިންޓަނޭޝަނަލް ޗެލެންޖުގެ ފިރިހެން ސިންގަލްސް ކޮލިފައިން ދެ ވަނަ މެޗުގައި ނިބާލް ނުކުތީ މޮލްޓާގެ ސެމިއުލް ކަސާއާ ދެކޮޅަށެވެ. މި މެޗުވެސް ނިބާލް ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ނިބާލް ގެންދިޔައީ 21-9 އާއި 21-17 އިންނެވެ.

މި މޮޅާ އެކު ނިބާލް މުބާރާތުގެ މެއިން ޑްރޯއަށް ކޮލިފައިވިއިރު، މެއިން ޑްރޯގައި އޭނާ ފުރަތަމަ ކުޅެން ޖެހުނީ ދުނިޔޭގެ ރޭންކިންގެ 30 ވަނައިގައި މި ވަގުތު އޮތް އިންޑިއާގެ ސައި ޕްރަނީތުއާ އެވެ. މެޗުގެ ސެޓުތައް ޕްރަނީތު ގެންދިޔައީ 5-21 އާއި 11-21 އިންނެވެ. ސައި ޕްރަނީތު، 30، އަކީ 2019ގެ ވޯލްޑް ޗެމްޕިއަންޝިޕުގައި ބްރޮންޒް މެޑަލް ހޯދި ކުޅުންތެރިއެކެވެ.

ބަހްރެއިން އިންޓަނޭޝަނަލް ޗެލެންޖުގެ ފިރިހެން ކޮލިފައިން ބުރުގައި ނިބާލް އާއި އަޖުފާންގެ އިތުރުން ރާއްޖޭގެ ރިވައިވަލް ސްޕޯޓްސް ކްލަބްގެ ޒަޔާން ޒަކީ ވެސް ވާދަކުރި އެވެ. ކޮލިފައިންގެ ފުރަތަމަ މެޗުން ޒަޔާން ބަލިވީ އިންޑިއާގެ ރަވީ އަތުން 13-21 އާއު 6-21 އިންނެވެ.

އެހެން އިވެންޓުތަކަށް ބަލާއިރު ފިރިހެން ޑަބަލްސް ކޮލިފައިންގައި ބުރުގައި ވާދަކޮށް ނިބާލް އާއި އަޖުފާންގެ ޕެއާ ވަނީ ބަލިވެފަ އެވެ. ޗައިނީސް ޓައިޕޭގެ ހޯވެން ސުން އާއި ލިން ޓިން ޔޫ އަތުން ރާއްޖޭގެ ޕެއާ ބަލިވީ 17-21 އަދި 14-21 އިންނެވެ.

މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުގައި ރާއްޖޭގެ ޒަޔާން އާއި ފާތިމަތު ނަބާހާގެ ޕެއާ މިއަދު މެންދުރު ވާދަކުރާނެ އެވެ. މި ދެ ކުޅުންތެރިން ނުކުންނާނީ އިންޑިއާގެ ނަވަނީތް އާއި ކޮންޖެންބަމްގެ ޕެއާއާ ދެކޮޅަށެވެ.

މީގެ އިތުރުން އަންހެން ޑަބަލްސް އިވެންޓުގައި ނަބާހާ އާއި އާމިނަތު ނަބީހާގެ ޕެއާ ވެސް މިއަދު ވާދަކުރާނެ އެވެ. މި ދެ ކުޅުންތެރިންނާ ދެކޮޅަށް ނުކުންނާނީ ޗައިނީސް ތައިޕޭގެ ލިއަން ޓީ ޔޫ އާއި ވޫ ޓީ ޖޭގެ ޕެއާ އެވެ.

ބަހްރެއިން އިންޓަނޭޝަނަލް ޗެލެންޖުގައި ވާދަކުރުމުގެ ކުރިން ރާއްޖޭގެ ކުޅުންތެރިންވަނީ ބަހްރެއިން އިންޓަނޭޝަނަލް ސީރީސްގައި ކުޅެފަ އެވެ.