Advertisement

އާރަށު ހިޔާނާތުގެ ޝަރީއަތް ނިމުމަކަށް، މަސް ދުވަސް ތެރޭ ހުކުމް

30 ނޮވެންބަރު 2022 - 17:17 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން؛ ޔާމީންގެ މައްޗަށް ކުރިއަށްދާ އާރަށު ޚިޔާނާތުގެ ޝަރީއަތުގައި ދެން އޮންނާނީ ހުކުމް - ފޮޓޯ: އާއިމް ޒަމީރު / އަދަދު


އާރަށު ހިޔާނާތުގެ ޝަރީއަތް ނިމުމަކަށް، މަސް ދުވަސް ތެރޭ ހުކުމް

30 ނޮވެންބަރު 2022 - 17:17 0

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ނިންމާލިއިރު، ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ހުކުމް ކުރުމުގެ މަޖިލިސް ބާއްވާނެ ކަމަށް ޝަރީއަތުން ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ އެއް މުއާމަލާތް ކަމަށް ބުނާ އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ދައުލަތުން ކުރެ އެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ރިޝްވަތު ހިފުމުގެ ދައުވާ ކޮށްފައިވެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ މައްސަލައިގެ ހަސްމުން ހުލާސާ ބަޔާން އިއްވުމެވެ. ހުލާސާ ބަޔާނަކީ، ޝަރީއަތުގެ އެހެން ހުރިހާ މަރުހަލާއެއް ނިންމުމަށް ފަހު ޝަރީއަތް ހިނގައިދިޔަ ކަންކަމުގެ މައްޗަށް ކޮންމެ ހަސްމަކުން ހުލާސާ ގޮތެއްގައި ދެކޭ ގޮތް ހިމަނައިގެން އިއްވާސާ ބަޔާނެކެވެ.

ދައުލަތް ތަމްސީލް ކުރައްވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ވަކީލުންނާއި، ޔަމީންގެ ވަކީލުން އަދި ޔޫސުފް ނައީމްގެ ވަކީލުންގެ ފަރާތުން ވެސް ހުލާސާ ބަޔާން އިއްވައި ނިންމި އެވެ.

އަޑުއެހުން ނިންމަވާލައްވަމުން، މައްސަލަ ބައްލަވާ، ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ގޮތުގެ މަތިން ދެން އޮންނާނީ ހުކުމް އިއްވުމަން ކަމަށެވެ. އަދި ގާނޫނުގައި އޮންނަ ގޮތުގެ މަތިން، 30 ދުވަހުގެ ތެރޭގައި އެ މަޖިލިސް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ދައުލަތުން ކުރާ ދައުވާގައިވާ ކަންކަން؛

ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ.

ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީ ކަމުގަ އެވެ.

ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.

ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

ޔާމީނާއި ޔޫސުފް ނައީމް ވެސް މި ދައުވާތަކަށް އިންކާރު ކުރައްވަ އެވެ. ޔާމީނާއި ޔޫސުފް ނައީމް ވެސް ވިދާޅުވާ ގޮތުން އެ ދެ މީހުންގެ ދެމެދުގައި ހިނގާފައިވާ ކަމަށް ދައުލަތުން ބުނާ މުއާމަލާތަކީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެކެވެ. އަދި އާރަށް ކުއްޔަށް ދޫކުރުމުގައި ހިނގީ ވަކި އެހެން މުއާމަލާތެއް ކަމަށެވެ. އަދި ހިޔާނާތުގެ އެއްވެސް އަމަލެއް ހިންގަވާފައިނުވާނެ ކަމަށެވެ.

ޔޫސުފް ނައީމާއި ޔާމީން ވެސް ވަނީ އެ ކަން ސާބިތު ކުރުމަށް ދިފާއީ ހެކިންތަކެއް ވެސް ހުށަހަޅައިފަ އެވެ.