Advertisement

އުނގޫފާރު ހޮސްޕިޓަލް؛ އާ އިމާރާތާ އެކު ހިދުމަތްތައް ފުޅާކޮށް ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް

30 ނޮވެންބަރު 2022 - 11:16 0

ނިމާ ހަސަން

ނިމާ ހަސަން

އުނގޫފާރު އާ ހޮސްޕިޓަލް އިމާރާތުގައި ހެލްތް މިނިސްޓްރީގެ ޓީމް ހަރަކާތްތެރިވަނީ


އުނގޫފާރު ހޮސްޕިޓަލް؛ އާ އިމާރާތާ އެކު ހިދުމަތްތައް ފުޅާކޮށް ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް

30 ނޮވެންބަރު 2022 - 11:16 0

އެކި ރަށްރަށުން އެތައް ހާސް ބަޔަކަށް ހިދުމަތްދެމުން އަންނަ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އަނެއްކާވެސް ތައްޔާރުވަމުން މި އަންނަނީ ސަރަހައްދު ރައްޔިތުންނަށް އިތުރު ހިދުމަތްތަކެއް ފޯރުކޮށްދީ، ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންނެވެ. އެ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް ނިންމާ، އިއްޔެ ހަވާލުކޮށްފައި ވާއިރު، އެ އިމާރާތުން ރައްޔިތުންނަށް ހިދުމަތް ދޭން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރެވެ.

"ހޮސްޕިޓަލަށް އަންނަ ކުރިއެރުމާއެކު އެންމެ ބޮޑު އުފަލަކީ، ކޮންމެ ކަމެއްގައި މާލެއަށް ދަތުރުކުރަން ނުޖެހި، ސަރަހައްދުގެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް މި ހޮސްޕިޓަލުން ފޯރުކޮށްދެވުން" އުނގޫފާރު ހޮސްޕިޓަލުގެ މެނޭޖަރު އިބްރާހިމް ޒަޔާން ވިދާޅުވި އެވެ.

އާ އިމާރާތުން އަންނަ އަހަރު ހިދުމަތްތައް ފަށަން ހަމަޖެހިފައިވީ ނަމަވެސް އުނގޫފާރު ހޮސްޕިޓަލުން ދަނީ މުވައްޒަފުން އިތުރު ކުރުމުގެ މަސައްކަތް މިހާރުއްސުރެ ފަށާފަ އެވެ. އާ އިމާރާތާއި ހިދުމަތްތަކާއެކު ވަޒީފާގެ ގިނަ ފުރުސަތުތަކެއް އެ ހޮސްޕިޓަލުން ފަހިވެގެންދާނެ އެވެ.

އުނގޫފާރު ހޮސްޕިޓަަލަށް އަންނަ ކުރިއެރުންތަކާއެކު ކުޑަކުޑަ ސިއްހީ ކަންކަމަށް މާލެ އަންނަން ޖެހޭ ޖެހުން މިވަނީ އެ ސަރަހައްދު ރައްޔިތުންނަށް ނިމުމަކަށް އައިސްފަ އެވެ. ހޮސްޕިޓަލް މެނޭޖަރު ޒަޔާން 'އަދަދު' އަށް ވިދާޅުވި ގޮތުގައި، ސަރަހައްދު ރައްޔިތުންނަށް ބޭނުންވާ ގިނަ ހިދުމަތްތައް މިހާރުވެސް ހޮސްޕިޓަލުން ލިބެމުން އަންނަ ކަމަށާއި، މިއައި ބަދަލާއެކު ހިދުމަތް އަވަސްވެގެންދާނެ ކަމަށެވެ. މިއީ ސަރަހައްދު ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ލުޔެއް ކަމަށް އޭނާ ސިފަ ކުރައްވަ އެވެ.

މިހާރުގެ ހޮސްޕިޓަލުގައި އެކްސްރޭ ނެގުމަށް އެއް ކޮޓަރި ހުންނައިރު، އާ އިމާރާތުގައި އެކަމަށް ދެ ކޮޓަރި ކަނޑައަޅާފައިވެ އެވެ. އެހެންކަމުން އެކްސްރޭގެ ހިދުމަތް ވެސް ކުރިއަށްވުރެ އަވަސްވާނެ ކަމަށް ޒަޔާން ލަފާ ކުރައްވަ އެވެ. އެކްސްރޭގެ އިތުރުން އަލްޓްރާސައުންޑް އަދި ސީޓީ ސްކޭންތަކަށް ވެސް އާ އިމާރާތުގައި ވަނީ ޖުމްލަ ހަތަރު ކޮޓަރި ކަނޑައަޅާފަ އެވެ.

އުނގޫފާރު ހޮސްޕިޓަލުގެ އާ އިމާރާތުގެ ތެރެއިން


މިހާތަނަށް އުނގޫފާރު ހޮސްޕިޓަލުން ކާމިޔާބު ކުރި ކަންތައްތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ކަށީގެ އޮޕަރޭޝަންތަކެވެ. ކަން މިހެން އޮތްއިރު، އެ ހޮސްޕިޓަލުގެ އާ އިމާރާތުގައި ކަށީގެ އޮޕަރޭޝަންތަކަށް ހާއްސަ އޮޕަރޭޝަން ތިއޭޓަރަކާއި އެހެނިހެން އޮޕަރޭޝަންތަކަށް ތިއޭޓަރެއް ވަނީ އިމަރާތްކޮށްފަ އެވެ. އެހެންކަމުން، ކަށީގެ އޮޕަރޭޝަންތައް ވެސް ކުރަމުން އައި ގޮތަށް އިތުރު ފުރިހަމަކަމެއް އަންނާނެ އެވެ.

ޒަޔާން ވިދާޅުވީ، މިހާރު އެ ހޮސްޕިޓަލުން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 400-500 މީހުންނަށް ހިދުމަތް ދެމުން އަންނަ ކަމަށާއި، އަންނަ އަހަރު އާ އިމާރާތުގެ ހިދުމަތްތައް ފެށުމާއެކު ދުވާލަކަށް 600-700 މީހުންނަށް ހިދުމަތް ދެވޭނެ ގާބިލުކަން އެ ހޮސްޕިޓަލުގައި ހުންނާނެ ކަމަށެވެ.

އޭގެ އިތުރުން ވެސް އުނގޫފާރު ހޮސްޕިޓަލުގެ އާ އިމާރާތް ފަރުމާކޮށްފައި ވަނީ ގިނަ ހިދުމަތްތަކެއް ލިބޭނެ ގޮތަށެވެ. އެގޮތުން، މިހާރަށްވުރެ ފުރިހަމަ އެމަޖެންސީ ޔުނިޓެއް ގާއިމްކޮށްފައިވާއިރު، ހައި-ޑިޕެންޑެންސީ ހަތަރު އެނދާއި ލޯ-ޑިޕެންޑެންސީ ހަތަރު އެތަނުގައި ހުންނާނެ އެވެ. އަދި، އާ ލެބޯޓްރީއާއެކު އެ ހިދުމަތްވެސް ފުޅާވެގެންދާނެ އެވެ.

އެ ހޮސްޕިޓަލުގެ ފިޒިއޮތެރަޕީ ޑިޕާޓްމަންޓު މިހާރު ހިންގަމުން ދަނީ ވަކިން ހުންނަ އިމާރާތެއްގަ އެވެ. ނަމަވެސް، އެ ޑިޕާޓްމަންޓުވެސް އާ އިމާރާތާސް ބަދަލުކޮށް ހިދުމަތް ފުޅާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ހަމައެއާއެކު، އާ އިމާރާތުގައި ގާއިމްކޮށްފައިވާ 10 ކޮޓަރީގެ ޕްރައިވެޓް ވާޑާ އެކު، ހޮސްޕިޓަލުގެ ޕްރައިވެޓް ރޫމުގެ އަދަދު 16 އަށް އިތުރު ވެގެންދާނެ އެވެ. މިއީ ގިނަ އޮޕަރޭޝަންތަކެއް ކުރާ ހޮސްޕިޓަލެއްގައި ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ފަސޭހައެކެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އައި ބަދަލާއެކު ސަރަހައްދު ރައްޔިތުންނަށް ލުޔެއް ލިބިގެންދާއިރު، މިއީ ތިމާވެއްޓާވެސް ރައްޓެހި ބަދަލެކެވެ. އެގޮތުން، އާ އިމާރާތުގެ މަޝްރޫއުގައި ހިމަނައިގެން ވަނީ 310 ކިލޯވޮޓްގެ ސޯލާޕެނަލް ހަރުކޮށްފަ އެވެ. މިދިޔަ އަހަރު މަސައްކަތް ފެށި މި އިމާރާތުގެ މަސައްކަތަށް ހަރަދުވެފައި ވަނީ 80 މިލިއަން ރުފިޔާ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.