Advertisement

މަންކީޕޮކްސްގެ ނަން އެމްޕޮކްސްއަށް ބަދަލުކޮށްފި

29 ނޮވެންބަރު 2022 - 08:39 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް. -- ފޮޓޯ: ގެޓީ އިމޭޖާޒް


މަންކީޕޮކްސްގެ ނަން އެމްޕޮކްސްއަށް ބަދަލުކޮށްފި

29 ނޮވެންބަރު 2022 - 08:39 0

ދުނިޔޭގެ ބައެއް ގައުމުތަކުގައި ފެތުރިފައިވާ މަންކީޕޮކްސްގެ ނަން "އެމްޕޮކްސް" އަށް ބަދަލުކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ނިންމައިފި އެވެ.

އދ. ގެ ސިއްހަތާ ބެހޭ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ދެ ލަފުޒު ވެސް އެއް އަހަރު ވަންދެން ބޭނުން ކުރާނެ ކަމަށާއި "މަންކީޕޮކްސް" ލަފްޒު ބޭނުން ކުރާ ވަރު މަދު ކުރަމުން ގޮސް އެއްކޮށް ހުއްޓާލާނެ ކަމަށެވެ.

މަންކީޕޮކްސް ވައިރަސް އެންމެ ފުރަތަމަ ފެނުނީ 1958 ގައި ރާމާމަކުނުގެ ގައިންނެވެ. އެކަމަކު އެއީ އާއްމުކޮށް މީދާ އާއިލާގެ ޖަނަވާރުން ފެންނަ ވައިރަހެކެވެ.

އޯގަސްޓު މަހުން ފެށިގެން މަންކީޕޮކްސް ކޭސްތަަކުގެ އަދަދު ވެއްޓެމުން ދިޔަ ނަމަވެސް، އެ ވައިރަހުގެ ނުރައްކާ ފަގީރު ގައުމުތަކަށް އަދިވެސް ބޮޑެވެ.

ޑަބްލިއުއެޗްއޯއިން ބުނީ އެ ވައިރަހަށް މަންކީޕޮކްސްގެ ނަން ދިނީ ބަލިތަކަށް ނަން ދިނުމުގައި އަމަލު ކުރާނެ އުސޫލު 2015 ވަނަ އަހަރު އާއްމުކުރުމުގެ ކުރިން ކަމަށެވެ.

އެ ބަލި އެންމެ ފުރަތަމަ އިންސާނުންގެ ގައިން ފެނުނީ 1970 ގެ އަހަރުތަކުގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. ހުޅަނގު އަދި މެދުތެރޭ އެފްރިކާގެ ގައުމުތަކުގައި މިހާރު ވެސް އެ ބަލި ދޭތެރެ ދޭތެރެއިން ފެތުރެ އެވެ.

އެފްރިކާ ބައްރުން ބޭރުގައި ބަލި ފެތުރެން ފެށީ މި އަހަރުގެ މޭ މަހު އެވެ. މިހާތަނަށް 110 ގައުމަކުން 81،107 ކޭސް ރިޕޯޓުކޮށްފައިވާ އިރު 55 މީހުން މަރުވެފައިވެ އެވެ.

މަންކީޕޮކްސްގެ ބަދަލުގައި ބޭނުންކުރާ "ތަފާތު ކުރުން ކުޑަ" ނަމެއް ހޯދަަމުންދާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނީ އޯގަސްޓު މަހުގެ ތެރޭގަ އެވެ.

ވައިރަހަށް ކިޔާ ނަމާ ގުޅުވައިގެން ބައެއް ގައުމުތަކުގައި ރާމާމަކުނަށް ހަމަލާ ދިނެވެ. ޑަބްލިއުއެޗްއޯއިން ބުނީ އެފަދަ ކަންކަމުން ދުރުވުމަށް ނަން ބަދަލުކުރުން މުހިއްމު ކަމަށެވެ.