28 ނޮވެންބަރު 2022 - 15:17 0
28 ނޮވެންބަރު 2022 - 15:17 0
ދޯހާ، ގަތަރު (28 ނޮވެމްބަރު) - ފީފާ ވޯލްޑް ކަޕްގައި މިއަދު ދެކުނު ކޮރެއާއާ ދެކޮޅަށް ގާނާ ނުކުންނައިރު، ދެކުނު ކޮރެއާގެ ފޯވަޑް ސޮން ހެއުން މިން ހުއްޓުވުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށް ގާނާގެ ކޯޗު އޮޓޯ އައްޑޯ ބުނެފި އެވެ.
އައްޑޯ އަކީ ސޮންގެ ކުރީގެ ކޯޗެކެވެ. ޖަރުމަންގެ ހެމްބާގްގެ 19 އަހަރުން ދަށުގެ ޓީމުގެ ކޯޗެއްގެ ގޮތުގައި އައްޑޯ މަސައްކަތް ކުރިއިރު، ސޮން ކުޅެމުންދިޔައީ އެ ޓީމަށެވެ. އޭރު ވެސް ސޮންގެ ފެންވަރު ވަޒަންކުރެވި، މުސްތަގުބަލުގައި ރަނގަޅު ކުޅުންތެރިއަކަށް ވާނެ ކަމަށް އައްޑޯ ގަބޫލްކުރި އެވެ.
"ވަރަށް މަސައްކަތްކުރާ، އަހުލާގު ރަނގަޅު ކުޅުންތެރިއެއް ސޮން އަކީ. އޭނާގެ ފެންވަރު އަހަންނަށް ފެނުނީމަ، ސީނިއާ ޓީމަށް އޭނާ ނަގަން ލަފާދިނިން. އޭނާގެ ކެރިއަރު ވަރަށް ކާމިޔާބު،" އައްޑޯ ބުންޏެވެ.
ގާނާގެ ކޯޗު އައްޑޯ: އޭނާ ވަނީ ސޮން އަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ބުނެފައި.
އައްޑޯ ބުނީ ސޮން އަކީ ދެކުނު ކޮރެއާ ޓީމުގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށާއި ގާނާ އަށް އޭނާ ހުއްޓުވޭނީ ޓީމެއްގެ ގޮތުގައި ކުޅެގެން ކަމަށެވެ.
"އަހަރަމެން އޭނާ (ސޮން) ހުއްޓުވުމަށް މަސައްކަތްކުރާނީ ޓީމެއްގެ ގޮތުގައި. ކުޅުންތެރިން ނަގާ ރަންތައް ހުއްޓުވައި، ޖާގަ ކުޑަކުރުމަކީ ޓީމެއްގެ ގޮތުގައި ކުރެވޭނެ ކަންކަން،" އައްޑޯ ބުންޏެވެ.
ވޯލްޑް ކަޕް ގާތްވެފައި ވަނިކޮށް، ސޮން އަށް ލިބުނު އަނިޔާއަކާ ގުޅިގެން، އޭނާ އަށް މި އަހަރުގެ ވޯލްޑް ކަޕްގައި ކުޅެވޭނެ ކަމާމެދު ސުވާލު އުފެދުނެވެ. އެކަމަކު، މުބާރާތަށް އޭނާ ވަނީ ފިޓުވެފަ އެވެ. ލޯމަތީގެ ކަށިގަނޑަށް ލިބުނު އަނިޔާ އަށް ފަހު، ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗަށް ސޮން ނުކުތީ ރައްކާތެރިކަމަށް މާސްކެއް އަޅައިގެނެވެ.
ޕޯޗުގަލްގެ ކޯޗު ޕައުލޯ ބެންޓޯ ބުނީ އަނިޔާ އިން އެނބުރި އައިސް، މާސްކަކާ އެކު ކުޅުމަށް ސޮން ހޭނެމުންދާ ކަމަށެވެ. އަދި މިރޭ ގާނާއާ ދެކޮޅަށް ސޮންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
"މުޅި ޓީމުން ވެސް ބަލަނީ ސޮންގެ ހުނަރުތައް އަހަރަމެންނަށް އެންމެ ރަނގަޅަށް ބޭނުންކުރެވޭ ގޮތަށް ކުޅެން،" ބެންޓޯ ބުންޏެވެ.
ގާނާ ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޕޯޗުގަލް އަތުން ބަލިވެފައެވެ. ދެކުނު ކޮރެއާ ވަނީ އުރުގުއޭއާ އެއްވަރުވެފައެވެ. އެހެންކަމުން މިރޭގެ މެޗަކީ ދެ ޓީމަށް ވެސް މޮޅެއް މުހިންމު މެޗެކެވެ.
ގާނާ އާއި ދެކުނު ކޮރެއާ ކުޅޭ މެޗު ފަށާނީ މިއަދު އިރުއޮއްސި ހައެއް ޖަހާއިރު އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment