Advertisement

ގަތަރު "ބޮއިކޮޓް ކުރަން" ބުނި ސަބަބު ވެން ހާލް ކިޔައިދީފި

25 ނޮވެންބަރު 2022 - 11:40 0


ގަތަރު "ބޮއިކޮޓް ކުރަން" ބުނި ސަބަބު ވެން ހާލް ކިޔައިދީފި

25 ނޮވެންބަރު 2022 - 11:40 0

ދޯހާ، ގަތަރު (ނޮވެމްބަރު 25) - މިދިޔަ މާޗް މަހު ދިން އިންޓަވިއުއެއްގައި ނެދަލެންޑްސްގެ ކޯޗު ލުއީ ވެން ހާލް ވަނީ ގަތަރު ވޯލްޑް ކަޕް ބޮއިކޮޓް ކުރަން ބޭނުންވާ ސަޕޯޓަރުންނަށް އޭނާ ތާއީދުކުރާނެ ކަމަށް ބުނެފަ އެވެ. އޭގެ ފަހުން، މި ފަހަރުގެ ވޯލްޑް ކަޕް ތެރޭގައި ވެސް ވެން ހާލް ވަނީ އެ މޭރުމުން ވާހަކަ ދައްކައިފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ނޫސްވެރިންގެ ކުރިމައްޗަށް ވެން ހާލް، ހުއްޓޭ ކޮންމެ ފަހަރަކު "ބޮއިކޮޓް ގަތަރު" ކެމްޕެއިނަށް ވެން ހާލް ސަޕޯޓްކުރި ސަބަބެއް އޮޅުންފިލުވަން އެކި ނޫސްވެރިން އޭނާއާ ސުވާލުކުރެ އެވެ.

ވޯލްޑް ކަޕްގައި މިރޭ ނެދަލެންޑްސް އިން އިކުއެޑޯއާ ކުޅޭ މެޗުގެ ކުރިން ވެން ހާލް ވަނީ "ބޮއިކޮޓް ގަަތަރު" ގެ ވާހަކަ އެ ގޮތަށް ބުނަން ޖެހުނު ސަބަބު މިޑީއާ އަށް އޮޅުންފިލުވައިދީފަ އެވެ.

"ގަތަރަކީ ކުޑަ ގައުމެއް، އަހަރެން އެ ގޮތަށް ބުނީ، ވޯލްޑް ކަޕް ބޭއްވޭނެ ބޮޑެތި ގައުމުތަކެއް ހުރެފައި، މި ގައުމަށް އެކަން ކުރަން ފުރުސަތު ދިނީމަ، މި ގައުމުގައި މި މުބާރާތް ބޭއްވޭއިރު، އަހަރެންގެ އާއިލާ މީހުން އަހަންނަށް ގުޅާ ހުންނާނެ ތަނެއް ހޯދަން އުނދަގޫވެގެން، މިއީ އަހަންނަށް ވެސް އޮތް ޗެލެންޖެއް،" ވެން ހާލް ބުންޏެވެ.

"މި ހުރިހާ ކަމަކަށް ވެސް ބަލާފައި އަހަރެން އެހެން ބުނީ (ގަތަރު ބޮއިކޮޓް ކުރުމަށް ތާއީދުކުރާ މީހުންނަށް ސަޕޯޓް އެބައޮތޭ). އެހެންވީމަ، އަހަރެން ދެކެނީ ވޯލްޑް ކަޕް ބޮއިކޮޓް ކުރަން ކޮންމެ މީހަކަށް ވެސް އަމިއްލަ ސަބަބެއް އޮވެދާނެއޭ، އެ މީހެއްގެ ވިސްނުމުގައި ހުރި ގޮތަކަށް އެ މީހަކު ކަންކުރީމަ އޭގެ މައްސަލައެއް އޮންނާނެ ކަމަށް އަހަރެން ނުދެކެން،"

ވޯލްޑް ކަޕް ބާއްވަން ގަތަރުން ބިޑް ކާމިޔާބު ކުރިތާ 12 އަހަރު ފަހުން މުބާރާތް ހޯސްޓްކުރާއިރު، މުބާރާތުގެ ވަސީލަތްތައް ހުރީ ދުނިޔޭގެ ލެވަލުން ބަލާއިރު، އެންމެ މަތީ ފަންތީގައި ކަމަށް ވެން ހާލް ވަނީ ބުނެފަ އެވެ.

"ދެން ހުރި އިންތިޒާމްތަކަށް ބަލާއިރު، ސްޓޭޑިއަމްތައް، ހޮޓާތައް، ކަންކަން ރޭވުން، މި ކަންކަން ހުރީ ވަރަށް ރަނގަޅަށް،" ވެން ހާލް ބުންޏެވެ.

ނެދަލެންޑްސް އަށް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ހޯދައިދިން ވެން ހާލް މި ފަހަރުގެ މުބާރާތް ފެށީ ފުރަތަމަ މެޗުގައި ސެނެގާލް އަތުން 2-0 އިން މޮޅުވެގެންނެވެ.

ޕްރޮސްޓޭޓް ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ވެން ހާލް ބުނީ މި ފަހަރުގެ ވޯލްޑް ކަޕްގެ ތަށި ނެދަލެންޑްސް އަށް ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

"އަހަރެމެން އަދިވެސް މި ތިބީ ވޯލްޑް ކަޕް ޗެމްޕިއަންކަން ލިބޭނެ ކަމުގެ ޓާގެޓާ އެކު،" ތިން ވަނަ ފަހަރަށް ނެދަލެންޑްސް އަށް ކޯޗުކަން ކޮށްދޭން ޓީމާ އެކު ހުރި ވެން ހާލް ބުންޏެވެ.

އެއް ޖިންސުގެ ގުޅުމަށް ހިތްވަރުދޭ "އެލްޖީބީޓީ ކޮމިއުނިޓީ" އަށް ސަޕޯޓް ދޭން ޖަރުމަނު ގައުމީ ޓީމުން ފަށާފައިވާ އަނގަމަތީ އަތްއަޅައިގެން ޓީމު ފޮޓޯ އަށް ހުއްޓުމުގެ ކެމްޕެއިނުގައި ނެދަލެންޑްސް އިން ބައިވެެރިނުވާނެ ކަމަށް ވެން ހާލް ވަނީ ބުނެފަ އެވެ.

ނެދަލެންޑްސްގެ ފޯކަސް ހުރީ "ހަމައެކަނި ފުޓްބޯޅަ" އަށް ކަމަށް ވެން ހާލް ބުންޏެވެ.

ގްރޫޕް އޭގެ ދެ މެޗު މިއަދު ކުޅޭއިރު، ގަތަރާއި ސެނެގާލް މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން، ނެދަލެންޑްސް އަށް އިކުއެޑޯ ބަލިކޮށްގެން، މި ފަހަރުގެ މުބާރާތުގައި ގްރޫޕް ސްޓޭޖު ފަހަނައަޅައި އަނެއް ބުރުގެ ޖާގަ ޔަގީންކުރާ ފުރަތަމަ ޓީމުގެ ޝަރަފް ހޯދިދާނެ އެވެ.

މުބާރާތުގައި މިއަދު ހައެއް ޖަހާއިރު ކުޅޭ މެޗުގައި ގަތަރު ކުޅޭނީ ސެެނެގާލާ ދެކޮޅަށެވެ. އަދި ނެދަލެންޑްސް އިން މިރޭ ނުވައެއް ޖަހާއިރު، އިކުއެޑޯއާ ކުޅޭނެ އެވެ.