Advertisement

ނިރުފެހިގޭ އަލިފާނުގައި ހާލުގައި ޖެހުނު ފަރާތްތަކަށް މާލީ އެހީ ދީފި

24 ނޮވެންބަރު 2022 - 18:54 0

ނިރުފެހިގޭގައި ރޯވެ ހިނގި އަލިފާން ނިއްވާލުމުގެ މަސައްކަތުގެ ތެރެއިން--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ނިރުފެހިގޭ އަލިފާނުގައި ހާލުގައި ޖެހުނު ފަރާތްތަކަށް މާލީ އެހީ ދީފި

24 ނޮވެންބަރު 2022 - 18:54 0

މި މަހު 10 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުން އާންމު ހާލަތަށް ގެންދިއުމަށް މާލީ އެހީތެރިކަން ދޫކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާޒްޓާ މެނޭޖުމަންޓް އޮތޯރިޓީން ބުނެފި އެވެ.

އެންޑީއެމްއޭއިން ބުނީ، ހާދިސާއާ ގުޅިގެން މިހާރު ވަގުތީ ބޯހިޔަވަހިކަމުގައި އެއްވެސް ފަރާތެއް ނެތް ކަމަށެވެ.

މި ހާދިސާގައި ހަ ގޭބިސީއަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށާއި މި އާއިލާތައް އެހެންތަނެއް ކުއްޔަށް ހިފުމަށް ދެ މަހުގެ އެޑްވާންސް ފައިސާއާއި އެއް މަހުގެ ކުލި ޖަމާކޮށްދީފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެ އެވެ.

މީގެ އިތުރުން ހާދިސާ ހިނގި ނިރުފެހިގޭގައި ދިރިއުޅުނު ނުވަ ބިދޭސީއެއްގެ ދިރިއުޅުން އާންމު ހާލަތަށް ބަދަލުކުރުމަށް ދޭން ޖެހޭ އެހީތެރިކަން ރެޑް ކްރެސެންޓާއެކު ދެމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

އެންޑީއެމްއޭއިން އިތުރަށް ބުނީ ހާދިސާގައި ގެއްލުންވި ގޭގޭގެ ޑެމޭޖު އެސެސްމެންޓު ހަދައި ނިމިފައިވާ ކަމަށާއި ގެއްލުންތައް އަގުކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

އެ ހާދިސާގައި އެ ގޭގެ ތިރީގައި ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ ގަރާޖަކާއި މަތީ ދެ ބުރީގައި ބިދޭސީންނަށް ދޫކޮށްފައިހުރި ކޮޓަރިތަކެއްވަނީ އެއްކޮށް އަނދާ ހުލިވެފަ އެވެ.

ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 10 ބިދޭސީން މަރުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް އިންޑިއާ ރައްޔިތުންނާއި ބަންގްލަދޭޝްގެ ދެ މީހެކެވެ. އެމީހުންގެ ހަށިގަނޑުތައް އާއިލާގެ އެދުމުގެ މަތިން މިހާރު ވަނީ އެ ގައުމުތަކަށް ފޮނުވާލާފަ އެވެ.