24 ނޮވެންބަރު 2022 - 07:34 0
މުހައްމަދު ޝަހްޒާން
މިޔަހެލި ޕުރޮގުރާމުގެ އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ދިޔަ ތިން ޖަމިއްޔާ -- ފޮޓޯ: އުރީދޫ
24 ނޮވެންބަރު 2022 - 07:34 0
ޔޫއެންޑީޕީއާއި އުރީދޫ ގުޅިގެން ސިވިލް ސޮސައިޓީ ޖަމިއްޔާތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ "މިޔަހެލި" ޕްރޮގުރާމު ނިންމުމުގެ ރަސްމިއްޔާތު ބާއްވައި، އެންމެ ރަނގަޅު ތިން ހުށަހެޅުން ހޮވައިފި އެވެ.
މިޔަހެލި ޕުރޮގުރާމަކީ މުޖުތަމައުގައި ހުންނަ މައްސަލަތަކަށް އާ ހައްލު ހޯދައި އެ ހިޔާލުތަކުގެ މައްޗަށް ދެމިހުންނާނެ ގޮތަށް ވިޔަފާރިއެއް ބިނާކުރަން މީހުން ތަމްރީނު ކުރުމަށްޓަކައި 2016 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ޕްރޮގުރާމެކެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ފަހަރުގެ ޕްރޮގުރާމުގައި 11 ޖަމިއްޔާއަކުން ބައިވެރިވި އެވެ.
މިފަހަރުގެ ޕްރޮގުރާމުގެ އެންމެ ރަނގަޅު ތިން ހުށަހެޅުން ހޮވާފައި ވަނީ އެކަމަށް ހާއްސަ ޖަޖިން ޕެނަލްއަކުން ޖުމްލަ 12 ބާރަ ހިޔާލުގެ ތެރެއިންނެވެ. އެގޮތުން މި ޕުރޮގުރާމުގެ އެއްވަނަ ހޯދާފައި ވަނީ އައިކޮންސް އެސޯސިއޭޝަނުންނެވެ. ބުލައިންޑު އެންޑު ވިޝުއަލީ އިމްޕެއާޑު ސޮސައިޓީއަށް ދެވަނަ ލިބުނު އިރު، ތިންވަނަ ލިބުނީ މޯލްޑިވްސް ކޮންޒާވޭޝަން ސޮސައިޓީއަށެވެ.
މިޔަހެލި ޕުރޮގުރާމުގެ ބައިވެރިން -- ފޮޓޯ: އުރީދޫ
އެންމެ މޮޅު ތިން ހުށަހެޅުމަށް ހޮވުނު ފަރާތްތަކަށް އެފަރާތުގެ ހިޔާލާ އެއްގޮތަށް ސޯޝަލް އިނޮވޭޝަން ޕުރޮޖެކްޓުތައް ހިންގުމަށް ހާއްސަ ގުރާންޓު ފަންޑުގެ ދަށުން އެހީތެރިކަން ލިބޭނެ އެވެ.
އޮސްޓުރޭލިއާ ސަރުކާރުގެ އެހީއާ އެކު ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓު ޕްރޮގުރާމް (ޔޫއެންޑީޕީ) އަދި އުރީދޫ ގުޅިގެން ހިންގަމުން އަންނަ މި ޕްރޮގުރާމަކީ ޒުވާނުން ބާރުވެރި ކުރުވުމަށާއި އިޖުތިމާއި ކުރިއެރުމުގައި ޒުވާނުންގެ ބައިވެރިވުން ބޮޑު ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.
މީގެ ކުރީގެ ޕްރޮގުރާމުތަކެކޭ އެއްގޮތަށް މިފަހަރު ވެސް އެންމެ ބޮޑަށް ބާރުއަޅާފައި ވަނީ އެންމެ ބޮޑަށް ބޭނުން ޖެހިފައި ތިބި މީހުންނަށް ހާއްސަކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށާއި އިތުރު ފުރުސަތުތައް ފަހިކޮށްދީ ބާރުވެރިކުރުވުމުގެ އިތުރުން މުޖުތަމައަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އީޖާދީ ހައްލެއް ހޯދައިދީ، އެންމެންނަށް ވެސް ދިރިއުޅެން ފަސޭހަ އުފާވެރި މާހައުލެއް ބިނާ ކުރުމަށެވެ.
އެކި އަހަރު އެކި ތީމްތަކަށް ކުރިއަށް ގެންދާ މި ޕްރޮގުރާމަކީ ޒުވާން ލީޑަރުން އުފައްދައި ގައުމުގެ ތަރައްގީގައި ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުމުގެ އަމާޒުގައި ހިންގަމުން އަންނަ ޕުރޮގުރާމެކެވެ. އެގޮތުން 2016، ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުން 150 ބައިވެރިން މި ޕުރޮގުރާމު ފުރިހަމަ ކޮށްފައި ވެއެވެ.
Comment