23 ނޮވެންބަރު 2022 - 09:35 0
23 ނޮވެންބަރު 2022 - 09:35 0
ދޯހާ، ގަތަރު (ނޮވެމްބަރު 23) - އުތުުރު ކޮރެއާ އަކީ ވޯލްޑް ކަޕެއް ހޯސްޓްކުރެވިދާނެ ގައުމެއް ކަމަށާއި އޭގެ ސަަބަބުތަކެއް ވެސް އެބަހުރި ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.
ދި އެތުލެޓިކް އަށް ދިން އިންޓަވިއުއެއްގައި އިންފަންޓީނޯ ވިދާޅުވީ ވޯލްޑް ކަޕެއް ހޯސްޓްކުރުމަކީ އޭގެ ސަބަބުން ގިނަ ކަންތައްތަކަކަށް އެކަށީގެންވާ ބަދަލެއް އަންނަ ކަމެއް ކަމަށެވެ. އެ ގޮތުން އުތުރު ކޮރެއާ ފަދަ ގައުމެއްގައި ވެސް ވޯލްޑް ކަޕެއް ހޯސްޓްކޮށްފިނަމަ އެއީ "ވަރަށް އުންމީދީ މަންޒަރެއް" ސިފަކޮށްދޭނެ ކަމެއް ކަމަށް އިންފަންޓީނޯ ފާހަގަކުރެއްވި އެވެ.
އިންފަންޓީނޯ މި ގޮތަށް ވާހަކަ ދައްކަވާފައިވަނީ ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން ގެންގުޅޭ ނަފްރަތު އުފެއްދުމުގެ ސިޔާސަތަށް އަމާޒުކޮށެވެ. ގަތަރަކީ ވޯލްޑް ކަޕް ބާއްވަން އެކަށީގެންވާ ގައުމެއް ނޫން ކަމަށް ދައްކަން ހުޅަނގުގެ މީޑިއާތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ގަތަރު ވޯލްޑް ކަޕްގެ ކަންކަން ވަރަށް ބޮޑަށް ދިފާއުކުރައްވައި ވާހަކަ ދައްކަވަމުން އަންނަ އިންފަންޓީނޯ ވިދާޅުވީ ފީފާ އަކީ "ސިޔާސީ މަސައްކަތެއް ކުރާ" ތަނެއް ނޫން ކަމަށާއި މިއީ އެންމެންގެ އިހުތިރާމް ލިބިފައިވާ ދުނިޔޭގެ މަގުބޫލު ފެޑެރޭޝަނެއް ކަމަށެވެ.
"ފުޓްބޯޅަ އަކީ މީހުން ގުޅާލައިދޭ ކުޅިވަރެއް. އެއްބައިވަންތަ ކަމުގެ ރަމްޒެއް. މިއީ އެންމެން ވެސް ގަބޫލުކުރާ ކަމެއް. ފީފާގައި މި ތިބީ ފުޓްބޯޅައިގެ މީހުން. ސިޔާސީ މީހުންނެއް ނޫން. އަހަރެމެން ބޭނުންވަނީ ދުނިޔޭގެ އެންމެނަކީ ވެސް ގުޅޭ ބައެއްގެ ގޮތުގައި ދައްކުވައިދޭން،" އަންނަ މާޗް މަހު ތިން ވަނަ ދައުރަަކަށް ފީފާގެ ރައީސްގެ މަގާމު ފުރުއްވަން ތައްޔާރުވަމުން އަންނަ އިންފަންޓީނޯ ވިދާޅުވި އެވެ.
"ކޮންމެ ގައުމަކަށް ވެސް މުބާރާތެއް ހޯސްޓްކުރެވިދާނެ. އަހަރެން ވަރަށް ބޭނުން ނޯތު ކޮޮރެއާގައި ވޯލްޑް ކަޕެއް ބާއްވަން. ކީއްވެ ނުވާންވީ. އަހަރެން މީގެ ކުރިން ނޯތު ކޮރެއާ އަށް ދިޔައިން. އަހަރެން އެ މީހުންނާ މަޝްވަރާ ވެސް ކުރިން ސައުތު ކޮރެއާއާ ގުޅިގެން އަންހެނުންގެ ވޯލްޑް ކަޕް ބާއްވަން، އޭރު އެ މީހުން އެއްބަހެއްނުވި، އެކަމަކު، އަހަރެން ކުރިއަށް އޮތްތަނުގައި ބަލާނަން. ނޯތު ކޮރެއާ އަށް މުބާރާތެއް ގެއްދެވޭނެ ފުރުސަތެއް އޮތްތޯ،"
އިންފަންޓީނޯ ވިދާޅުވީ ވޯލްޑް ކަޕެއް ބޭއްވުމަކީ އެ ގައުމަކާ މެދު މީހުން ދެކޭ ގޮތް ބަދަލުވާ ކަމެއް ކަމަށާއި، ވޯލްޑް ކަޕެއް ހޯސްޓްކޮށްގެން އުތުރު ކޮރެއާ އަށް ވެސް އެކަން ކުރެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގެ ތެރެއިން 2030 ވަަނަ އަހަރު ފީފާ ވޯލްޑް ކަޕް ބާއްވާ ގައުމެއް ނިންމާނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment