Advertisement

ހަބީބާގެ މުޅި ހަޔާތް އިލްމީ މަސައްކަތުގައި، ދޫކުރެއްވީ ދިވެހި ޖީލުތަކަށް އަގުހުރި ފިލާވަޅުތަކެއް!

26 ނޮވެންބަރު 2022 - 08:43 0

އަހުމަދު އަލާ ދީދީ

އަހުމަދު އަލާ ދީދީ

ހަބީބާ ހުސައިން ހަބީބު


ހަބީބާގެ މުޅި ހަޔާތް އިލްމީ މަސައްކަތުގައި، ދޫކުރެއްވީ ދިވެހި ޖީލުތަކަށް އަގުހުރި ފިލާވަޅުތަކެއް!

26 ނޮވެންބަރު 2022 - 08:43 0

ގާނޫނީ ގޮތުން އުފެދުނު ފުރަތަމަ ސަރުކާރުގެ ވަރަށް ގިނަ ވަޒީރުން މޮޓަރުބޯޓު ކަނޑުއްވައިގެން ފިއްލެވި ދުވަސްވަރެވެ. އެއީ އުފެދުނު ސިޔާސީ ގަޑުބަޑެއްގެ ތެރެއިން ގާނޫނު ވީދާލި ދުވަސްވަރެވެ. 1930 ގެ އަހަރުތަކުގެ އެންމެ ކުރީކޮޅެވެ. ރަދުންނާއި ސަރުކާރުގެ ބޮޑުންނާ ދެމެދު ޖެހުނު މައްސަލަ ގަނޑެކެވެ. ވަލީ ޢަހުދެއްގެ މައްސަލައެވެ. މާލިއްޔަތުގެ މައްސަލައެވެ. ސިޔާސީ ބާރުގެ މައްސަލައެވެ. އަދިވެސް މިފަދަ ކިތަންމެ ކަމެކެވެ. މި ދުވަސްވަރަކީ ރާއްޖޭގެ ފަހުގެ ސިޔާސީ ތާރީހުގައި އެތައް ގޮތަކުން ފާހަގަކުރެވޭ ދުވަސްވަރެކެވެ.

ރަސްކަމުގައި އިންނެވީ އާއްމު ވަރަށް ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމު އެބޭފުޅަކަށް ރައްދުކުރެވެމުން ދިޔަ އައްސުލްތޯން މުހައްމަދު ޝަމްސުއްދީނެވެ. ރަދުންގެ ރަސްކަމުން 30 އަށްވުރެ ގިނަ އަހަރު އެއިރުވެސް ފާއިތުވެއްޖެއެވެ. ސަރުކާރު ހިންގުމުގެ ބޮޑުން ގޮތުގައި ތިއްބެވީ އެހައިރަށް ރާއްޖޭގެ ސިޔާސީ މައިދާނުގައި އޮތް އެންމެ ބާރުގަދަ ޕާޓީގެ ބޭފުޅުންނެވެ. ދައުލަތް ހިންގުމުގައި ގިނަ ހިދުމަތްތަކެއް ކުރެއްވި އަތިރީގޭ ހާންދާނުގެ ބޭފުޅުންނެވެ.

ސިޔާސީ މި ސިލްސިލާގެ އެންމެ ފަހު ބައި ކަމުގައިވީ ހެންވޭރު ގަނޑުވަރު ގަޑުބަޑެވެ. "ކްރައުން ޕްރިންސް" ހަސަން އިއްޒުއްދީނުގެ އަރިހު ބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން ބަނޑޭރިގެއަށް ގެންދެވުނީ އެވެ. އެބޭކަލުންގެ ހިމާޔަތަށް ހަސަން އިއްޒުއްދީނު ވެސް ބަނޑޭރިގެއަށް ވަޑައިގަތެވެ. މި ހަބަރު ރަދުންގެ ކަންފަތްޕުޅަށް އެރުމާއެކު އެތަނަށް ފައިންޕުޅު އެޅުއްވީ އެވެ. ދަރިކަލުންގެ ހިމާޔަތުގަ އެވެ. މިއީ ގާނޫނީ ގޮތުން ކުރެއްވި ކުށެއްކަމުގައިވެ ރަސްކަމުގެ ގަނޑުވަރަށް ވަޑައިގަތުން މަނާވި އެވެ. ބަނޑޭރިގޭދޮށުން ވަޑައިގަންނަވަން ޖެހިވަޑައިގަތީ ހެންވޭރު ގަނޑުވަރަށް، އާދެ މިހާރުގެ މުލީއާގެއަށެވެ.

އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނާއި ކްރައުން ޕްރިންސް ޙަސަން ޢިއްޒުއްދީނު


ދެބޭފުޅުން ހެންވޭރު ގަނޑުވަރަށް ވެދެވަޑައިގަތުމުން އެތަނުގައި ބަންދުވީ އެވެ. އެތެރޭގައި ތިބި ބަޔަކު އެތެރޭގަ އެވެ. ބޭރުގައި ތިބި ބަޔަކު ބޭރުގަ އެވެ. އެއްވެސް ބޭފުޅަކަށް އެތަނަށް ވަނުމުގެ އަމުރެއް ސަރުކާރުގެ ބޮޑުންގެ ފަރާތަކުންނެތެވެ. ދޮރޯށިދޮށުގައި ފޯރިމަރަން ސިފައިންވެސް ފޮނުއްވި އެވެ. ހަމަ މި އާއި އެކު އެރޭ ވެވުނު ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއަކުން ރަދުން ރަސްކަމުން އަޒުލުކުރަން ފާސްވެސް ކުރެވުނެވެ. މިކަމެއް ހިނގީ 1934 ވަނަ އަހަރުގެ އޮކުޓޯބަރު މަސް ތެރޭގަ އެވެ. އައްސުލްތޯން މުހައްމަދު ޝަމްސުއްދީނުގެ 33 ވަރަކަށް އަހަރުގެ ދިގު ރަސްކަމުގައި ނިމުމުގެ ސިއްކަ ޖެހި، ރަދުންގެ ފަރާތް ސިޔާސީ ގޮތުން ބަލިވެ އަނެއްކޮޅު މޮޅުވީއެވެ.

އާދެ! އަލްއަމީރާ ހަބީބާ ހުސައިން ޙަބީބުގެ ހަޔާތްޕުޅު ފެށިގެން ދިޔައީ ސިޔާސީ ތާރީހުގެ މި މުހިންމު ދުވަސްވަރުގަ އެވެ. އެކަމަނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1930 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. ކާފާފުޅުގެ ރަސްކަމުގަ އެވެ. އެހެން ނަމަވެސް ހަބީބާ ކިރިޔާ ހަނދުމަފުޅު ހުންނާން ފެށިއިރު ކާފާފުޅު ހުންނެވީ ރަސްކަމުން އަޒުލު ކުރެވި ހެންވޭރު ގަނޑުވަރުގައި ބަންދުކުރެވިފަ އެވެ. މިހެންކަމުން އެއީ އެކަމަނާގެ އެންމެ ދުރު އެއް ހަނދާންކަމުގައިވެސްވެ އެވެ. އެއީ އުމުރުފުޅުން ހަތަރު ފަސް އަހަރުގެ ހަނދާނެކެވެ. ހަބީބާގެ މަންމާފުޅަކީ ޝަމްސުއްދީނު ރަދުންގެ ތުއްތުގޮމަފުޅެވެ. ބައްޕާފުޅަކީ ކަކާގޭ ތުއްތު މަނިއްޕުޅެވެ.

ހަބީބާގެ މަންމާފުޅާއި ބައްޕާފުޅު


ޝަމްސުއްދީނު ރަދުންނާ ގުޅުމެއް އޮތް ފަރާތަކަށް ނޫނީ ކަކާގެ އާއި ގުޅުމެއް އޮތް ފަރާތަކަށް، މާ އެދެވޭ ފަހި ދުވަސްވަރެއް ކަމުގައި ނުބެލެވޭނެ އެވެ. އެއިރުގެ ސިޔާސީ މަސްރަހާއި އެ މަސްރަޙުގައި ތިއްބެވި ބޭފުޅުންގެ ވިސްނުންފުޅު ހުރި ގޮތުންނެވެ. މަންމާފުޅަކީ އަޒުލު ކުރެވުނު ރަދުންގެ ބޭފުޅެކެވެ. މިކަމުގެ އަސަރުތައް ހަބީބާގެ ހަޔާތްޕުޅަށް ވެސް ކޮންމެ ވެސް މިންވަރަކަށް ދިޔައީ ކުރަމުންނެވެ. އެހެނަސް އިސާހިތަކު ފެށިގެން ދިޔައީ ހަބީބާގެ ހަޔާތްޕުޅުގެ މުޅިން އައު ބާބެކެވެ. ތުއްޕުޅު އިރުގައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ އެވެ. ސަބަބަކީ އެކަމަނާގެ ބައްޕާފުޅަށް ރާއްޖެއިން ބޭރުގައި ހުންނަވާން ޖެހިވަޑައިގަތުމެވެ.

ޝަމްސުއްދީނު ރަދުން ދިގު ރަސްކަމުގެ ނިމުމާއި އެކު ޙަސަން ފަރީދު ދީދީގެ އަތްޕުޅަށް މުޅި ދައުލަތް އޮތީ އެދީދީގެ މުށްޕުޅު ތެރޭގައެވެ. މި ބަދަލާއި އެކު ރާއްޖެ ދެކެމުން ދިޔައީ މާ އެދެވޭ ކުލަތަކެއް ކަމުގައި ނުދެންނެވޭނެއެވެ. އެހެނީ ޙަސަން ފަރީދަކީ މުޅިން ތަފާތު މިޒާޖެއްގެ ބޭފުޅަކަށްވާކަމެވެ. އެއީ ޚުދުމުޚުތާރު ސިޔާސަތުތަކެއްގެ ވެރިއެކެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ކިޔަވައިދިނުމާއި ދެކޮޅު ހެއްދެވި ހެއްދެވުމެވެ. އުނގެނުން އެ ދީދީ ވަރަށް ބޮޑަށް މަނާކުރެއްވި އެވެ.

ތަގުދީރު ނިޔާކުރި ގޮތެއްގެ މަތީން ހަބީބާއަށް އިންޑިއާގެ ހައިދަރުއާބާދަށް ވަޑައިގެންނެވުނެވެ. މިއީ އެކަމަނާގެ އިލްމީ ދަތުރުފުޅުގެ ފެށުމެވެ. އިލްމާއި ފިކުރަށް ސިކުނޑިފުޅު ހުޅުވާލުމުގެ ފުރުސަތު ފަހިވެގެން ދިޔަ އެވެ. އޮރުދޫ ބަސް ދަސްފުޅު ކުރެއްވުމުގެ މަގު ފަހިވި އެވެ. ނަތީޖާއަކަށްވީ އަދަބިއްޔާތުގެ ބިންގާ އެކަމަނާގެ ސިކުނޑިފުޅުގައި އެޅިގެން ދިޔުމެވެ. ހަބީބާއަކީ ޅަޒުވާން އުމުރުފުޅުގައިވެސް އެކަމަނާ ފޮތްތެރިކަމަށް ލޯބިކުރެއްވި އެވެ. މިކަންވެސްވީ އިތުރު ބަހެއް ދަސްފުޅު ކުރެއްވުމުގެ ބާރަކަށެވެ. އަދި އެކަމުގެ ސަބަބުން އިލްމީ މަޖައްލާތަކާއި ފިކުރީ ހިޔާލާތުތަކަށް މަގު ތަނަވަސްވި އެވެ. އިންޑިޔާގައި ދުވަސްތަކަށްފަހު އިލްމު އުނގެނުމަށްޓަކައި ސިލޯނުގައިވެސް އުޅުއްވި އެވެ. އެ ދުވަސްވަރު އަނެއްކާ އިތުރު ބަހެއްވެސް ދަސްފުޅު ކުރެއްވިއެވެ. އެއީ އިނގިރޭސި ބަހެވެ. އިލްމީ ކަނޑުގައި ހަބީބާއަށް ފުރިހަމައަށް ދަތުރުފުޅު ކުރާން ފެއްޓެވުނީ ދެނެވެ. އަދަބީ ގޮތުން މުއްސަނދި ދެބަހަކަށް ދޫފުޅު ފަރިތަވުމުންނެވެ.

އުނގެނުމުގެ ހަޔާތްޕުޅު ނިންމަވާލެއްވުމަށް ފަހު، އަނބުރާ ގައުމަށް ވަޑައިގެން އެންމެ ފުރަތަމަވެސް ފެއްޓެވީ އުނގަންނައިދެއްވުމުގެ މަސައްކަތްޕުޅެވެ. ހޯއްދެވި އިލްމު އަނެކުންނަށް ފޯރުކޮށްދެވުމުގެ ބުރަ މަސައްކަތްޕުޅެވެ. މީހުން ހޭލުންތެރި ކުރައްވާ އިލްމުގެ މުހިންމުކަމާއި ފައިދާ ބުނެދެއްވަމުންނެވެ. މަޖީދިއްޔާ އާއި އަމީނިއްޔާގައި ކިޔަވައިދެއްވަން ފެއްޓެވި އެވެ. މިކަމުގައި އެންމެ ފާހަގަކުރެވޭ އެއްކަމަކީ ތާރީހު މާއްދާ ހިޔާރުކުރެއްވިކަމެވެ. ބޮޑުވަމުން އަންނަ ޖީލަކަށް ތަރުބަވީ ނިޒާމުގެ ތެރެއިން އެބައެއްގެ "އައިޑެންޓިޓީ" އަކީ ކޮބައިކަން ބުނެދިނުމުގެ މުހިންމުކަން އެއިރުވެސް ހަބީބާއަށް ވަނީ ވިސްނިވަޑައިގެންފައެވެ.

ބޮޑުފުޅުވީ އަމިއްލަ ބަހާއި، ސަގާފަތާއި، ވަތަނާ ދުރުގައި އުޅެއެވެ. ވަރަށް ތުއްޕުޅު އިރުއްސުރެ އެވެ. އަމިއްލަވަންތަކަމާއި "އައިޑެންޓިޓީ" ގެ މުހިންމުކަން ހަބީބާގެ ސިކުނޑިފުޅުގައި ތަސައްވަރު ކުރެވުނީ މިހެންވެކަމަށްވެސް ވެދާނެ އެވެ. އަދި މީގެ އިތުރަށް އެ ދުވަސްވަރަކީ އިންޑިއާގައިވެސް އިނގިރޭސި އިސްތިއުމާރާ ދެކޮޅަށް އިލްމީ ފިކުރީ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔަ ދުވަސްވަރެކެވެ. ގައުމިއްޔަތުގެ އުންސުރުތައް ތައުލީމުގެ ތެރޭގައިވެސް ކޮންމެވެސް މިންވަރަކަށް ހިމެނިގެންނެވެ. މިހެންކަމުން ޒުވާން ހަބީބާގެ ސިކުނޑިފުޅުގައި ވެސް އަމިއްލަވަންތަކަމުގެ މުހިންމުކަން އިންދިފައި ވަނީކަމަށް ވެދާނެ އެވެ.

ހަބީބާގެ މުޅި ހަޔާތްޕުޅަށް ބައްލަވާލެއްވި ކޮންމެ ބޭފުޅަކަށްވެސް ފެނިވަޑައިގަންނަވާނީ އެކަމަނާގެ މުޅި ހަޔާތް ހޭދަކުރައްވާފައިވަނީ އިލްމީ މަސައްކަތްޕުޅުތަކުގެ ތެރޭގައިކަމެވެ. ވަކީން ހައްސަކޮށް މުޅީންހެން ހީނަރުވެފައި އޮތް ދިވެހި ތާރީހުގެ ދާއިރާ އާއި އަދަބިއްޔާތު ކޮޅަށް ނެގެހެއްޓެވޭތޯ އެވެ. މިގޮތުން ކުރެއްވި މަސައްކަތްޕުޅުތައް އެހާމެ ގިނަގުނަ އެވެ. އެކަމަނާގެ މޭސްތިރިކަމުގެ ދަށުގައި ތާރީހާއި އަދަބިއްޔާތަށް ހާއްސަ މަޖައްލާއެއް ނެރުއްވި އެވެ. ތާރީހީ ދިރާސީ މަޒުމޫނުތައް ލިޔުއްވާ އެކި ނޫސް މަޖައްލާތަކުގެ ޒަރީއާއިން އާއްމުކުރައްވަމުން ގެންދެވި އެވެ. ރީތި ވާހަކަތައް ލިޔުއްވާ ޝާއިއުކުރައްވަމުން ގެންދެވި އެވެ. އޮރުދޫ ބަހުގެ އަދަބީ ޅެންޅެން ދިވެހި އަދަބިއްޔާތުގެ ތެރެއަށް ގެންނަވަމުން ގެންދެވި އެވެ. ހަމަ އެހެންމެ އަމިއްލަފުޅު ޅެންތަކާއިވެސް އެކީގަ އެވެ. މި އެންމެހައި އިލްމީ މަސައްކަތްޕުޅުތައް ކުރައްވަމުން ގެންދެވީ ދިރިއުޅުމުގެ ވަޒީފާވެސް އަދާކުރައްވަމުންނެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ވަޒީފާއަކީ ރާއްޖޭގެ ގައުމީ ކުތުޚާނާ ހިންގެވުމުގެ މަސްޢޫލިއްޔަތެވެ. އެކަމަނާ ވަނީ 29 އަކަށް އަހަރު ކުތުބުޚާނާ ހިންގެވުމުގެ ވެރިއެއްގޮތުން ހިދުމަތްކުރައްވާފައެވެ. މީގެ އިތުރުން ވެސް ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވެވި އެވެ.

އިށީނދެވަޑައިގެން ކަނާއަތުން 4 ވަނައަށް ހަބީބާ


އާދެ އަދަބާ ސަގާފަތާއި ތާރީހުގެ ދާއިރާއިން އެކަމަނާ ގައުމަށް ދޫކުރެއްވި އެންމެ އަގުބޮޑު ހަދިޔާއަކީ އަދި މިއެއް ނޫނެވެ. މީގެ ކުރިޔަށް އެއްވެސް ދިވެހި މުއައްރިޚަކު ވަކި އިލްމެއްގެ ގޮތުގައި ބައްލަވާފައި ނުވާ ދާއިރާއެއް އެކަމަނާ ވަނީ ދިވެހި އިލްމީ މަސްރަހަށް އުފަން ކުރައްވާފައެވެ. އެއީތޯއެވެ؟ "ފޯކުލޯރު އިލްމެވެ" ތާރީހު ދިރާސާކުރުމުގައި ފޯކުލޯރު އަދާކުރާ މުހިންމު ދައުރަކީ ކޮބައިކަމާއި އެއީ ކޮން އެއްޗެއްކަމާއި އަދި އޭގެ ބައިތައް ވަކިކޮށް ބުނެދިނުމުގެ ގޮތުން ހަބީބާ ވަނީ ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފަ އެވެ. މި މުހިންމު މަސައްކަތްޕުޅާ ގުޅޭ ގޮތުން ޝަމްއޫން ޖަލީލު ލިޔުއްވާފައިވަނީ؛

"....މިހާތަނަށް ހާއްސަ ގޮތެއްގައި ފާހަގަކުރެވިފައި ނުވި ނަމަވެސް ހަބީބާ ހުސައިން ހަބީބުގެ ހިދުމަތުގެ ސަފުން އެންމެ އަގުހުރި އެއް ހިދުމަތަކީ ދިވެހި ރާއްޖޭގައި ފޯކުލޯރު އިލްމު ގެ ބިންގާ އެޅުއްވުމެވެ. ދިވެހި ތާރީހާ ސަގާފަތުގެ އިލްމީ ވަކި ދާއިރާއެއްގެ ގޮތުގައި ފޯކުލޯރުގެ މައްޗަށް ދިރާސީ ގޮތެއްގައި ލިޔުއްވަން ފެއްޓެވުމެވެ. ފޯކުލޯރުގެ މުހިންމުކަމުގެ މައްޗަށް ލިޔުއްވަމުން ގެންދެވި މުހިންމު ލިޔުއްވުންތަކެވެ. ފޯކުލޯރަކީ މިއަދުގެ ދިރާސީ ދުނިޔޭގައި ތާރީހާއި ސަގާފަތުގެ ވަކި ހާއްސަ ދާއިރާއެކެވެ. ހަބީބާ ހުސައިން ހަބީބު ފޯކުލޯރާއި މެދު ދިރާސީ ގޮތެއްގައި ލިޔުއްވަން ފެއްޓެވުމުގެ ކުރީގައި ދިވެހި ތާރީހާއި ސަގާފަތުގެ ފުޅާ ދާއިރާގައި ފޯކުލޯރަކީ ވަކި އިލްމެއްގެ ގޮތުގައި ދެކިގެން ލިޔުންތައް ލިޔެފައި ނުވެއެވެ. ވަކި ފަންނެއްގެ ގޮތުގައި ފޯކުލޯރަށް ސަމާލުކަން ދެވިފައިވެސް ނެތެވެ..."

ހަބީބާ ދޫކުރެއްވީ އަގުނުކުރެވޭ ފަދަ އިލްމީ ހިދުމަތްތަކެވެ. އުފެދޭނެހައި ދިވެހި ޖީލުތަކަށް ދޫކުރެއްވީ އަގުހުރި ފިލާވަޅުތަކެވެ. ޝައްކެއްވެސްނެތެވެ! އަދަބާ ސަގާފަތުގެ އިލްމުވެރިއެކެވެ. ފޯކުލޯރާއި ތާރީހުގެ މުއައްރިޚެކެވެ. ދިވެހި އިލްމީ އުޑުގައި ފިޔަޖަހާލި ކުލަގަދަ ތަރިއެކެވެ. އަދުގައި އޮއްސިގެން ދިޔައީއެވެ. އަލްއަމީރާ ހަބީބާ ހުސައިން ހުބީބު އަވަހާރަވީއެވެ. އެ ކަމަނާގެ ޅެން ބައިތެއްގައިވެ ވެ އެވެ؛

"ނިމޭތާ ހުންނެވުން އެދެމޭ، ނިކަން ހެކިވާށަ ދުނިޔޭގައި

ނިމޭ ހިނދު ވާނެޔޭ މާޔޫސް، ޢުމުރަށް ގެއްލުމަށް ފަހުގައި"