Advertisement

ވޭލްސް އަށް 64 އަހަރުގެ ދިގު އިންތިޒާރެއް: ގައުމު އުފާކޮށްދޭން ބޭލް ތައްޔާރު

21 ނޮވެންބަރު 2022 - 14:08 0


ވޭލްސް އަށް 64 އަހަރުގެ ދިގު އިންތިޒާރެއް: ގައުމު އުފާކޮށްދޭން ބޭލް ތައްޔާރު

21 ނޮވެންބަރު 2022 - 14:08 0

ދޯހާ، ގަތަރު (ނޮވެމްބަރު 21) - ވޭލްސް އަށް 64 އަހަރު ފަހުން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގައި ކުޅެލަން ލިބުމަކީ ބޮޑު ކާމިޔާބެއްކަމަށާއި، ނަމަވެސް މިހާރު ހުރިހާ އަމާޒެއް ހުރީ ފުރަތަމަ މެޗުގައި އެމެރިކާ އަތުން ރަނގަޅު ނަތީޖާއެއް ހޯދައި މުޅި ގައުމު އުފާކޮށްދިނުމަށް ކަމަށް ވޭލްސް ގައުމީ ޓީމުގެ ކެޕްޓަން ގެރެތް ބޭލް ބުނެފި އެވެ.

ރޭ ގަތަރުގައި ފެށި ވޯލްޑް ކަޕަކީ ވޭލްސް އިން ކުޅޭ ދެ ވަނަ ވޯލްޑް ކަޕެވެ. އެ ޓީމުން މީގެ ކުރިން ވޯލްޑްކަޕްގައި ކުޅުނީ 1958 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން މި އަހަރުގެ މުބާރާތަށް އެ ޓީމު ކޮލިފައިވިއިރު، މިއީ ވޯލްޑްކަޕްގެ ތާރީޚުގައި ވެސް އެއް މުބާރާތް ކުޅެފައިވާ ޓީމެއް ދެ ވަނަ ފަހަރަށް ވޯލްޑްކަޕްގައި ކުޅެން ނެގި އެންމެ ދިގު މުއްދަތެވެ.

މި އަހަރުގެ މުބާރާތުގައި ވޭލްސް ކުޅޭ ފުރަތަމަ މެޗުގައި އެ ޓީމު ނުކުންނާނީ އެމެރިކާއާ ދެކޮޅަށެވެ. ގްރޫޕް ބީގައި ހިމެނޭ މި ދެ ޓީމު ކުރިމަތިލުން އޮންނާނީ މިރޭ އެވެ.

މި މެޗުގެ ކުރިން ބޭލް ބުނީ ވޯލްޑް ކަޕްގައި ގައުމު ތަމްސީލްކުރަން ލިބުމަކީ ގައުމީ ޓީމާ އެކު ލިބޭ އެންމެ ބޮޑު ފަހުރު ކަމަށާއި، މިހާ ދިގު މުއްދަތަކަށް ފަހު މިހާ ހިސާބަށް އާދެވުމަކީ ވެސް ބޮޑު ކާމިޔާބެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

އޭނާ ބުނީ ވޯލްޑް ކަޕްގައި ކުޅުމަކީ ވޭލްސްގެ ހުރިހާ ރައްޔިތުންގެ ވެސް ބޮޑު ހުވަފެނެއް ކަމަށާއި، އެކަން ހަގީގަތަކަށްވެ، ޓީމުގެ އެންމެ އިސް މީހެއްގެ ގޮތުގައި ހުރެވޭތީ އުފާކުރާ ކަމަށެވެ.

"މި ވޯލްޑްކަޕަކީ ވޭލްސްގެ ކުޑަކުދިންނަށް ލިބޭނެ ބޮޑު ހިތްވަރަކަށް ވާނެ، އެ މީހުންނަށް ބޮޑެތި ހުވަފެންތަކެއް ބަލަން ލިބޭނެ ފުރުސަތެއް. އަހަރެން ގަބޫލުކުރަނީ މި ވޯލްޑްކަޕްގެ ސަބަބުން ވޭލްސް އިން އާ ވަރުގަދަ ޓީމެއް ބިނާކުރަން ރަނގަޅު މިސްރާބެއް ލިބޭނެކަން" ބޭލް، 33، ބުންޏެވެ.

މި މެޗަށް ނުކުންނައިރު ވޭލްސް އަށް އޮތް ހަމައެކަނި ކަންބޮޑުވުމަކީ ތަޖުރިބާކާރު މިޑްފިލްޑަރު ޖޯ އެލަން އަނިޔާގައި ހުރުމެވެ. ވޭލްސް އިން 2016ގެ ޔޫރޯގައި ތަފާތު ދެއްކިއިރު މޮޅު ކުޅުމެއް ދައްކައިދިން އެލަން އަކީ ކޯޗު ރޮބާޓް ޕޭޖްގެ ގޭމް ޕްލޭންގެ މުހިންމު ކުޅުންތެރިއެކެވެ.

އެލަން ނެތަސް މިޑްފިލްޑަރު އާރޮން ރަމްސޭ މިހާރު ހުރީ ފިޓުކޮށެވެ. އަދި ގެރެތް ބޭލްވެސް މިހާރު ފިޓްކޮށް ހުރުމަކީ ޕޭޖަށް އޮތް ހިތްހަމަޖެހުމެކެވެ.

ކޯޗު ބުނީ މި ގްރޫޕަކީ ވަރަށް ވާދަވެރިވާނެ ގްރޫޕެއް ކަމަށާއި، މިހާ ހިސާބަށް އައިސް ވޭލްސް އަށް ގެއްލޭނެ އެއްވެސް އެއްޗެއް ނެތް ކަމަށެވެ. އޭނާ ބުނީ ގްރޫޕުގެ ކޮންމެ ޓީމަކަށް ވެސް ދެ ވަނަ ބުރުގެ ފުރުސަތު އޮތީ ހަމަހަމަކޮށް ކަމަށް ގަބޫލުކުރާ ކަމަށާއި، ވޭލްސް ޓީމުގައި ބާކީ އޮތް ތިން ޓީމް މާޔޫސް ކޮށްލެވޭނެ ފެންވަރު އެބަހުރި ކަމަށެވެ.

"އަހަރުމެން ތަންކޮޅެއް އާވެދާނެ މި މުބާރާތަށް. އެކަމަކު، ވަރުގަދަ ނެދަލެންޑްސްއާ ދެކޮޅަށް އަހަރެމެން ރަނގަޅަށް ކުޅެފިން މީގެ ކުރިން. އެހެން ޓީމްތަކަށް ވެސް ވޭލްސް އަށް ވެސް އޮތީ ހަމަހަމަ ފުރުސަތެކެވޭ ބުނާނީ. އަހަރުމެންނަށް އެއްވެސް ޕްރެޝަރެއް އޮތްކަމަށް ގަބޫލެއް ނުކުރަން. ކޮންމެ މެޗެއްވެސް އެންޖޯއީ ކޮށްލަން ކުޅުމުގެ ވިސްނުން އޮތީ" ކޯޗު ޕޭޖް ބުންޏެވެ.

ވޭލްސްއާ ދެކޮޅަށް ނުކުންނައިރު އެމެރިކާ ޓީމްގެ މުހިންމު ދެ ކުޅުންތެރިންކަމަށްވާ ސާޖިނިއޯ ޑެސްޓް އަދި ވެސްޓަން މެކެނީގެ ފިޓްނަސް ހުރީ އެންމެ ރަނގަޅަކަށް ނޫނެވެ. ކޯޗު ގްރެގް ބާހޯލްޓާގެ އުއްމީދަކީ މި މެޗުގެ ކޮންމެވެސް ހިސާބަކުން ދެ ކުޅުންތެރިން ފެނުމެވެ.

މެޗާއި ގުޅޭގޮތުން އެމެރިކާގެ ބާހޯލްޓާ ބުނީ އެ ޓީމުގެ އެންމެ ބޮޑު ހަތިޔާރަކީ ޒުވާން ކުޅުންތެރިންގެ ހިތްވަރާ ޖޯޝު ކަމަށާއި، އެ ޓީމުން މި މެޗުގައި ކުޅޭނީ އެގްރެސިވް ގޭމެއް ކަމަށެވެ.

މި މުބާރާތުގައި އެމެރިކާގެ އަމާޒަކީ ދެ ވަނަ ބުރު ކަމަށާއި، އެކަމަކު، މެޗަކަށް ފަހު މެޗަކާ މެދު ވިސްނައި މަޑުމަޑުން ޓީމުން ތަފާތު ފެންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރުމެން ކުޅޭނީ އެގްރެސިވް ގޭމެއް. ވޭލްސް އަކީ ވަރުގަދަ ޓީމެއް. އެ ޓީމްގެ ބަލިފައިތައް ދެނެގަނެ އެއަށް އަހަރުމެން ހަމަލާދޭނީ. ބޭނުންވާ ވަރަށް ތައްޔާރުވެފައި މިއޮތީ" ބާހޯލްޓާ ބުންޏެވެ.

އެމެރިކާ އާއި ވޭލްސް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 00:00 ގަ އެވެ.