Advertisement

ގަތަރުގެ ދިފާއުގައި ހުޅަނގަށް ފީފާގެ ރައީސް އިންފަންޓީނޯގެ ވަރުގަދަ ރައްދެއް!

19 ނޮވެންބަރު 2022 - 20:29 1


ގަތަރުގެ ދިފާއުގައި ހުޅަނގަށް ފީފާގެ ރައީސް އިންފަންޓީނޯގެ ވަރުގަދަ ރައްދެއް!

19 ނޮވެންބަރު 2022 - 20:29 1

ދޯހާ (ނޮވެމްބަރު 19) - ވޯލްޑް ކަޕްގެ ހޯސްޓް ގަތަރާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން ފަށާފައިވާ ކެމްޕޭނާ ހެދި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ކެތްތެރިކަން ކޮޅުންލައި، ހުޅަނގުގެ ގައުމުތަކަށް ވަރުގަދަ ރައްދެއް މިއަދު ދެއްވައިފި އެވެ.

ދޯހާގައި މިއަދު އިންފަންޓީނޯ ދެއްވި ޕްރެސް ކޮންފަރެންސް ގަޑިއިރަކަށް ދިގުދެމިގެންދިޔައިރު، ގަތަރު ދިފާއުކުރެއްވުމަށް އޭނާ ވަނީ އަމިއްލަ ހަޔާތްޕުޅުގައި ކުރެވުނު ތަޖުރިބާތަކެއް ވެސް ހިއްސާ ކުރައްވައިފަ އެވެ.

މާދަމާ ފަށާ ވޯލްޑް ކަޕްގެ ހޯސްޓް ގަތަރާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން ފަށާފައިވާ ކެމްޕޭންގައި އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ ވޯލްޑް ކަޕްގެ އެކި މަސައްކަތްތައް ކުރުމަށް ގަތަރަށް ގެނެސްފައިވާ ބިދޭސީ މަސައްކަތްތެރީންގެ ހައްގުތައް ރައްކާތެރި ނުކުރެވުމެވެ. މީގެ އިތުރުން، އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓްކުރުމަށް ގަތަރުން ދެކޮޅު ހެދުމަކީ ވެސް ފާޑުކިއުންތައް އަމާޒުވި އެއް ކަމެވެ. އެކަމަކު، ވޯލްޑް ކަޕަށްޓަކައި، އިސްލާމީ އުސޫލުތައް ދޫކޮށްލައި އެއްވެސް ކަމެއް ކުރުމަކީ ގަތަރުން ބޭނުންވާ ގޮތެއް ނޫނެވެ.

ގަތަރާ ދެކޮޅަށް ފަށާފައިވާ ކެމްޕޭން އެންމެ ވަރުގަދަކޮށް ހިންގަނީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގަ އެވެ.

އިންފަންޓީނޯ ވިދާޅުވީ ގަތަރަށް އަމާޒުވެފައިވާ ގިނަ ފާޑުކިއުންތަކަކީ "އިންސާފުވެރި" ގޮތަކަށް ކުރެވޭ ކަމެއް ނޫން ކަމަށެވެ.

"އަހަރެން މިހެން މި ބުނަނީ އަހަންނަށް އިވިފައިވާ އަޑުތަކާއި އަހަރެން ގާތު މީހުން ދައްކާފައިވާ ވާހަކަތަކަށް ބިނާކޮށް. އަހަންނަކީ އެއްޗެހި ކިޔާ މީހެއް ނޫން. އެހެން ނޫންނަމަ އަހަރެން ވަރަށް ޑިޕްރެސްވާނެ ކަންނޭނގެ،" ފީފާގެ ރައީސްކަމުގެ ތިން ވަނަ ދައުރެއް ޔަގީންކުރައްވާފައިވާ އިންފަންޓީނޯ ވިދާޅުވި އެވެ.

ގަތަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިންފަންޓީނޯ.--- ފޮޓޯ: އޭއެފްޕީ


"ކުރިއަށް އޮތް 3000 އަހަރަށް ވެސް މާފަށް އެދެންވީ ޔޫރަޕުން"

ގަތަރުގައި ބިދޭސީން މަސައްކަތްތެރީންގެ ހައްގުތައް ހިމާޔަތްނުކުރާ ކަމަށް ބުނެ، އެ ގައުމަށް އަމާޒުވެފައިވާ ފާޑުކިއުންތަކަށް އިންފަންޓީނޯ ރައްދުދެއްވީ ޔޫރަޕަށް އަށް ހިޖުރަކުރަން އުޅޭ މީހުންނަށް ދިމާވާ ކަންތައްތަކާއި ކުރިން ޔޫރަޕްގެ ގައުމުތަކުން ގައުމުތައް އިސްތިއުމާރު ކޮށްގެން އުޅުނު ޒަމާނުގައި ހިނގާފައިހުރި ކަންތައްތަކަށެވެ.

އިންފަންޓީނޯ ވިދާޅުވީ ހުޅަނޑުގެ ގައުމުތަކުން ފާއިތުވި 3000 އަހަރު ކޮށްފައިވާ ކަންތައްތަކުން "އަހަރަމެންނަށް ގިނަ ފިލާވަޅުތަކެއް" ލިިބިއްޖެ ކަމަށާއި މި ކަންތައްތަކަށް "ކުރިއަށް އޮތް 3000 އަހަރަށް ވެސް މާފަށް އެދެންޖެހޭނީ" ޔޫރަޕުން ކަމަށެވެ.

އިންފަންޓީނޯ ވިދާޅުވީ ބޭރުގެ މަސައްކަަތްތެރިންނަށް ގަތަރުން ރަނގަޅު ދިރިއުޅުމެއް ހޯދުމަށް ފުރުސަތުތައް ތަނަވަސްކޮށްދެމުންދާ ކަމަށާއި ޔޫރަޕުން ވެސް އެކަން "މިސާލަކަށް" ބަލަންޖެހޭ ކަމަށެވެ.

"މި ފަރާތްތަކުގެ ހައްގުތަކާމެދު ހަގީގަތުގައި ވެސް ކަންބޮޑުވާނަމަ، ގަތަރުން އެ މީހުންނަށް ތަނަވަސްކޮށްދޭ ގޮތަށް، ގާނޫނާ ގަވައިދުތަކާ އެއްގޮތަށް ފުރުސަތުތައް ތަނަވަސްކޮށްދީ. އެ ފަރާތްތަކަށް ވެސް ޔޫރަޕަށް އައިސް، މަސައްކަތްކޮށް، އަނބުރުވެރި ދިރިއުޅުމެއް ހޯދޭނެ ފުރުސަތު ދީ،" އިންފަންޓީނޯ ވިދާޅުވިއެވެ.

އިންފަންޓީނޯ ވިދާޅުވީ އިޓަލީން ސްވިޓްޒަލޭންޑަށް އޭނާގެ މައިންބަފައިންނާއެކު ހިޖުރަކުރިއިރު، ސްވިޓްޒަލޭންޑްގައި އޭނާ ކުޑައިރުކުރެވުނީ ހިތްދަތި ތަޖުރިބާތަކެއް ކަމަށެވެ.

"ބީރައްޓެހި ގައުމެއްގައި، ބިދޭސީއަކާ މެދު ކުރާ ތަފާތުކުރުންތައް އަހަރެން އަމިއްލަ އަށް ވެސް ތަޖުރިބާކުރިން. ކުޑައިރު އަހަރެންގެ ސިފަތަކާ ހެދި އަހަންނަށް ބުލީކުރި. ދެން އެކަމަށް ރައްދު ދޭން ކިހިނެއް ހަދަންވީ؟ މީހުންނާ ގުޅުން ބަދަހިކުރަން މަސައްކަތް ކުރަންޖެހޭނީ. ތުހުމަތުތައް ކުރުމާއި ދެކޮޅުވެރިކަމަކީ ރަނގަޅު މަގެއް ނޫން،" އިންފަންޓީނޯ ވިދާޅުވިއެވެ.

އަރަބި ގައުމެއްގައި ކުޅޭ ފުރަތަމަ ވޯލްޑް ކަޕް ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާނީ މާދަމާރޭ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާރޭ ގަތަރާ ދެކޮޅަށް ނުކުންނާނީ އެކުއެޑޯ އެވެ.