މެދުޒިޔާރަތް މަގު ކުރިން ހުރި ގޮތް.
އިންސާނީ ތާރީހު ދަންނަ ވެރިކަމުގެ އެންމެ މުސްކުޅި ނިޒާމަކީ ރަސްކަމުގެ ނިޒާމެވެ. ގަދީމީ ދުނިޔޭގެ ވެރިކަމުގެ ތާރީހަށް ބަލާލި ކަމުގައި ވިޔަސް އެއިރުގެ ގިނަ ދައުލަތްތައް ހިންގަމުން އައިސްފައިވަނީ ރަސްކަމުގެ ނިޒާމެއްގެ މަތީން ކަމުގައި ފެނެއެވެ. ރަސްކަމޭ މިކިޔާ ޒާތުގެ ވެރިކަމުގެ ނިޒާމެއްގައި ދައުލަތުގެ އެންމެމަތީ ވެރިޔާ، އިހުތިޔާރު ކުޅައުމުގެ ބާރު، އެ ދައުލަތެއްގެ އާއްމުންނަށް ލިބިދީފައެއް ނުވެ އެވެ. ގިނަ ފަހަރު އެކަން އޮންނަނީ ވިރާސަތުން ވަކި ފަރާތަކަށް ވާރުތަވާ ގޮތަށެވެ. ނޫނީ ހަމައެކަނި ބޮޑުންގެ މެދުގައި ބޭއްވެ ހަނި ދާއިރާއެއްގެ އިންތިޚާބަކުން އިންތިޚާބުކުރާ ގޮތަށެވެ. މިއީ ރަސްކަމުގެ އެންމެ ހާއްސަ ސިފަ އެވެ. ވީމާ އެއީ ހާއްސުންގެ މައްޗަށް ތަރުތީބުވެ ހިނގަމުން އައިސްފައިވާ ވެރިކަމުގެ ނިޒާމެކޭ ދެންނެވިދާނެއެވެ.
ޖުމްހޫރިއްޔަތުގެ ފިކުރަކީ ސީދާގޮތުން ރަސްކަމުގެ ފިކުރާ ދެކޮޅަށް އުފަންކުރި ފިކުރެކެވެ. މިފަދަ ނިޒާމެއްގެ މައި އަސާސަކީ ވީހާވެސް ގިނަ ބަޔަކު ވެރިކަމުގެ ތެރޭގައި ޝާމިލުކުޅައުމެވެ. ގިނަ ބައެއްގެ ހިޔާލާ ފިކުރާ އެއްގޮތަށް ވެރިކަން ހިންގުމެވެ. މިބާވަތުގެ ނިޒާމެއްގައި ދައުލަތެއްގެ އެންމެ މަތީ ވެރިޔާ އިހުތިޔާރު ކުޅައުމުގައި ގިނަ ބައެއްގެ ރުހުމާއި ބަސް ހޯދުން ލާޒިމުކުރެ އެވެ. މިއީ ޖުމްހޫރީ ނިޒާމެއްގެ އެންމެ ހާއްސަ ސިފަ އެވެ. ވީމާ ޖުމްހޫރިއްޔަތަކީ ވަކި ބަޔަކަށް ހާއްސަވުމެއް ނެތި އެންމެން ޝާމިލުވެގެން ހިންގާ ވެރިކަމުގެ ނިޒާމެކޭ ދެންނެވިދާނެ އެވެ.
ރަސްކަމުގެ ނިޒާމެއްގައި މައިގަނޑު ދެބާވަތެއް އޮވެ އެވެ. އެއީ ހުދުމުހުތާރު ނިޒާމާއި މަޝްވަރާގެ މަތީން ވެރިކަން ހިންގުމުގެ ނިޒާމެވެ. ހުދުމުހުތާރު ރަސްކަމެއްގައި، ރަސްގެފާނަކީ ގާނޫނު އަސާސީއެވެ. އެބޭފުޅެއްގެ ދޫފުޅުން ނިކުންނަ ބަސްފުޅަކީ ގާނޫނެވެ. މަޝްވަރާގެ މަތީން ހިނގަހިނގާ އޮންނަ ރަސްކަމެއްގައި، ރަސްގެފާނު ތަބަޢަވާންޖެހޭ ޤާނޫނުތަކެއްވެއެވެ. އަދި ވެރިކަން ހިންގޭނީވެސް އެބޭފުޅަކަށް ލަފާ އަރުވަން ޚާއްސަ މަގާމުތަކުގައި ތިއްބަވާ ބޭކަލުންގެ ލަފާފުޅުގެ މަތީންނެވެ. މިހެންކަމުން ރަސްކަމޭ ބުނުމުން އެއީ ޚުދުމުޚުތާރު ގޮތެއްގައި ވެރިކަން ހިންގާ ނިޒާމެކޭ ނުދެންނެވޭނެއެވެ. އޭގެ ފާޑާއި ޠަބީޢަތަށް ބަލާންޖެހެއެވެ.
ޖުމްހޫރީ ނިޒާމުވެސް އޮތީ އިސްވެ ދެންނެވުނު ފަދައިންނެވެ. ޖުމްހޫރިއްޔަތޭ ބުނުމުން އެއީ ހުދުމުހުތާރު ގޮތްތަކުން މުޅީން އެއްކިބާވެ އޮންނަ ޒާތުގެ ވެރިކަމެކޭ ނުދެންނެވޭނެއެވެ. ޖުމްހޫރިއްޔަތެއްގެ ނަމުގައިވެސް ކިތަންމެ ޚުދުމުޚުތާރު ވެރިކަމެއް މިޒަމާނުގެ ދުނިޔެވެސް ދެކެފިއެވެ. ގާނޫނަކީ އެ ޖުމްހޫރީ ވެރިއެއްގެ ހިތްޕުޅު ކަމުގައި އޮވެގެން ހިންގި ކިތަން ވެރިކަން ދުނިޔެ ދެކެފިތޯއެވެ. ޝައްކެއްނެތެވެ! ކޮންމެ ބާވަތެއްގެ ވެރިކަމުގެ ނިޒާމެއް އޮތްކަމުގައި ވިޔަސް އެބައެއްގެ ތެރޭގައި ފިކުރީގޮތުން އަލިކަމެއް ނުވާނަމަ ދައުލަތަށް ހޯދޭނެ މޮޅުތަކެއްނެތެވެ.
ދިވެހިރާއްޖޭގެ ވެރިކަމުގެ ތާރީޚަށް އެނބުރި ބަލާނަމަ ދިވެހި ދައުލަތް ގާއިމުވީއްސުރެން ހިނގަމުން އައިސްފައިވާ ވެރިކަމުގެ ނިޒާމަކީ ރަސްކަމުގެ ނިޒާމެވެ. ދެހާހަށްވުރެ ގިނަ އަހަރު ދިވެހި ދައުލަތް ހިންގާފައިވަނީ ރަސްކަމުގެ ނިޒާމަކަށެވެ. އެންމެ ގަދީމީ ޒަމާނުގައި... އާދެ އިސްލާމުވުމުގެ ކުރީން ދިވެހިރާއްޖޭގައި އޮތީ ކޮން ބާވަތެއްގެ ކިހިނެތް ހިނގަމުން އައިސްފައިވާ ރަސްކަމުގެ ނިޒާމެއްތޯ ހޯދާން އުޅޭ މީހެއްގެ ކުރިމައްޗަށް، ހުށައަޅާނެ މާގިނަ ހެކިތަކެއް ތާރީޚަކުން އަދި ފެންނާކަށް ނެތެވެ. އެހެނަސް އަޅުގަނޑުމެންގެ ތެރޭގައި ކިޔާ އުޅޭ ފޯކުލޯރތަކާއި އިސްލާމުވުމަށްފަހުގެ ތާރީޚުން ފެންނަ ހެކިތަކާއި އަދި މި ސަރަޙައްދުގެ ތާރީޚަށް ބަލައިގެން ކޮންމެވެސް މިންވަރެއްގެ އަލިކަމެއް އެކަމަށް ލިބިގެންދެއެވެ. މިގޮތުން ވިސްނާއިރު އެވޭލާ ޒަމާނުގެ ދިވެހި ރަސްކަމަކީވެސް މަޝްވަރާގެ އުސޫލުގެ ދަށުން ހިނގަމުން އައިސްފައިވާ ރަސްކަމުގެ ނިޒާމެއްކަމުގައި ފެނެއެވެ.
1932 ވަނަ އަހަރު ދިވެހިރާއްޖޭގެ ރަސްކަން ލިޔެފައިވާ ގާނޫނެއްގެ މައްޗަށް އަނބުރާލުމުގެ މަސައްކަތް ފެށުމުން ފަޟީލަތުއްޝައިޚު ހުސައިން ޞަލާހުއްދީނު ވަނީ އެހާ ހަމައަށް ދިވެހި ވެރިކަން ހިނގަމުން އައިސްފައިވާ ގޮތުގެ މައްޗަށް ތަފްސީލު ލިޔުއްވުމެއް ލިޔުއްވާފައެވެ. އޭގައި ޞަލާހުއްދީނު ލިޔުއްވަނީ؛
"....މިހާރަށް ދާންދެންވެސް ރާއްޖޭގެ ރަސްކަމަކީ ވިރާޘިއްޔަ އިންތިޚާބިއްޔަ ރަސްކަމެކެވެ. މިބަހީ ރަސްދަރިކޮޅުން ރައްޔިތުންގެ ޤަބޫލާއިއެކު ތަޚުތަށް އިސްކުރެވޭ ރަސްކަމެކެވެ. މި ނޫން ގޮތަކަށް އިސްވީ ރަސްކަލުން (އެބަހީ ރައްޔިތުންގެ ޤަބޫލާއި ނުލާ ގަދަބާރުން) އިސްލާމްދީނަށް ރަސްކަން އެނބުރުނު ފަހުން މިހައިތަނަށް އިސްވީ 90 ރަސްކަލުންގެ ތެރޭގައި 10 ވަރަކަށް ރަސްކަލުންވެސް ނުތިއްބަވާނެއެވެ،"
އިސްވެ ދެންނެވުނު ބަސްކޮޅުގައިވާ ތިން ނުކުތާއެއްގެ މައްޗަށް ވިސްނާލަން ޖެހެއެވެ. ނަޒަރު ހިންގާލަން ޖެހެއެވެ. އެއީ މިރާއްޖޭގައި އޮންނަނީ "ވިރާޘިއްޔަ އިންތިޚާބިއްޔަ ރަސްކަމެކޭ" ލިޔުއްވާފައިވާ ނުކުތާ އާއި "ރައްޔިތުންގެ ޤަބޫލާއިއެކު ތަޚުތަށް އިސްކުރެވޭކަމަށް" ލިޔުއްވާފައިވާ ބަސްކޮޅުގެ އިތުރުން އެ ނޫން ގޮތަކަށް އިސްވި 10 ރަސްކަލުންވެސް ނުތިއްބަވާނެކަމަށް ބަޔާންކުރެއްވި ބަސްކޮޅެވެ. މި ތިން ނުކުތާއަކީ ޖުމްހޫރިއްޔަތުގެ ކުރިއަށް ދިވެހި ވެރިކަން އޮތް ގޮތެއް ހޯދާ ބަލާ ބަޔަކަށް ވަރަށް މުހިންމު ތިން ނުކުތާކަމުގައި އަޅުގަނޑު ދެކެމެވެ.
އިސްވެ ދިޔަ ބަސްކޮޅަށް ބުރަވެހުރެ ދިވެހި ރަސްކަމުގެ މައްޗަށް ވިސްނާއިރު ދުސްތޫރީ ނިޒާމެއްގެ ސިފަތައް އެބަ ފެނިގެންދެއެވެ. އާދެ ހުދުމުހުތާރު ރަސްކަމެއް ނުވަތަ އިނގިރޭސި ބަހުން މިކިޔާ Absolute Monarchy” އެއް އޮތްނަމަ ރަސްކަމުގެ ތަހުތަށް ބޭފުޅަކު އިސްވުމުގައި ރައްޔިތުންގެ ގަބޫލެއް އޮތުމުގެ ބޭނުމަކީ ކޮބައިތޯ އެވެ. ރަސްދަރިކޮޅުގެ ވާރުތަ މިލްކެއްގެ ގޮތުގައި އެހެން ބައެއްގެ ބަހެއްނެތި ހަމަ ތަހުތަށް އިސްވަމުން ދާންވީނުންތޯ އެވެ. މީގެ އިތުރަށް އެއިރުވެސް ދިވެހި ވެރިކަން ހިނގަމުން އައިސްފައިވާ ދުސްތޫރީ ޤިޔަމުތަކުގެ ބާރުގަދަކަމާ މުޅި މުޖުތަމަޢުގައި އެ ނިޒާމު އެކަށައެޅިފައި އޮތް ފުންމިން އަންގައިދެއެވެ. އެހެނީ ޞަލާޙުއްދީނުވެސް ބަޔާން ކުރައްވާފައި އެވަނީ "އިސްލާމްވީ ފަހުން އިސްވީ 90 ރަސްކަލުންގެ ތެރެއިން 10 ރަސްކަލުންވެސް އެ ނިޒާމާ ޚިލާފަށް އިސްވެފައި ނުވާކަމުގައެވެ. އެ ދުސްތޫރީ ހަމަ ފުނޑުކޮށްލުމުގެ ޚުދުމުޚުތާރު ބާރުވެސް ލިބިގެން ނުވާކަމުގެ ދަލާލަކީ އެ ނިޒާމު އެގޮތުގައި ޞަލާޙުއްދީނުގެ ޒަމާނާ ހަމަޔަށްވެސް ދެމެމުން އައިސްފައިވާކަމެވެ.
ދިވެހި ރަސްކަން ހިނގަމުން އައިސްފައިވާ ދުސްތޫރި ހަމައަށް އަލިއަޅުވާލާ ތާރީހީ ހާދިސާއެއްގެ މައްޗަށް ޖެހިލަމާތޯ އެވެ. މީލާދުން 1340 އިން 1347 ކަށް ދިވެހި ސިންގާސަނާގައި ރެނދަލި ކުރެއްވި ރަސްކަލަކީ އައްސުލްތޯން އަހުމަދު ޝިހާބުއްދީން ސިރީ ލޯކަ އާދިއްތަ މަހާރަދުންނެވެ. މިރަދުން ހަތް އަހަރެއްހައި ދުވަހު ވެރިކަން ކުރެއްވުމަށްފަހު ރަސްކަމުން އަޒުލު ކުރެވުނީ "ދަންވަރު ވަގަށް އަންހެނުންގެ ގާތަށް ވެދެވަޑައިގަންނަވާތީ" ކަމަށް ތާރީހުގެ ބައެއް ފަތްފުށްތަކުގައި ވެއެވެ. ދުސްތޫރީ ނިޒާމެއްގެ ބޮޑުވާ ބިއްލޫރި އަޅުއްވައިގެން މި ހާދިޘާއަށް ނަޒަރު ހިންގަވައިފިނަމަ ފެންނަނީ ކޮން އެއްޗެއްތޯއެވެ.
މީގެ 500 އަށްވުރެ ގިނަ އަހަރު ކުރީންވެސް އެވަނީ ޖިންސީ ގޯނާގެ ކުށެއްގައި ރަސްކަލަކު އަޒުލުކުރެވިފަ އެވެ. މީހަކު ހުރި މަގާމަކަށް ނޫނީ މީހެއްގެ އާރާއިބާރަށް ބެއްލެވުމެއް ނެތިއެވެ. މި ހާދިސާއިން ފެންނަ ދުސްތޫރީ ހަމައަކީ ރަސްކަލަކަށް ހުދުމުހުތާރު ބާރު ލިބިވަޑައިގެން ނުއޮންނަކަމެވެ. އެހެންނޫންނަމަ ކީރިތި މަހާ ރަދުން އެބޭފުޅާގެ ތަޚުތުން ނަގާ އެއްލައި ލެވުނީސްތޯއެވެ؟ ޝައްކެއްނެތެވެ. އެކަން އެހެން ނުކުރެވުނީހެވެ.
ދުސްތޫރީ ހުކޫމަތެއްގެ ތެރެއިން މިރާއްޖެ ހިންގަމުން އައިސްފައިވަނީ ފެޑެރަލް ދައުލަތެއްގެ ސިފަޖެހިފައިވާ އުސޫލަކުންނެވެ. މިރާއްޖެ އެންމެ އެވޭލާ ޒަމާނުގައި ހިންގާފައިވަނީ 13 ޕްރޮވިންސެއްގެ މަތީންނެވެ. އަދި އޭގެ ފަހަށް އެކި ޒަމާންތަކުގައި އިދާރީ ފަސޭހަތައް ގެނައުމުގެ ގޮތުން މި ޢަދަދަށް ވަނީ ތަފާތު ބަދަލުތައްވެސް ގެނެސްފައެވެ. މި ދެންނެވުނު ކޮންމެ އަތޮޅެއްގައިމެ ރަސްގެފާނުގެ ފަރާތްޕުޅުން ފަތްކޮޅު ދެއްވާ ކަނޑައަޅުއްވައިފައި ހުންނަ ވެރިޔެއް ހުރެ އެވެ. އެއީ ބޭރުގެ ބޮޑެތި ބައްރުތަކުގެ މައްޗަށް އެކުލެވިގެންވާ ޤައުމުތަކުގައި ތިއްބަވާފަދަ ގަވަރުނަރުންނެކޭ ދާދި އެއްފަދަ ބަޔެކެވެ. އެބޭބޭފުޅުން އަތޮޅުގެ ވެރީންގެ ގޮތުގައި ތިއްބަވަނީ އެ އަތޮޅެއްގެ ތެރޭގައި ހިނގާ ހުރިހާ ކަމެއް ނިންމުމުގެ ބާރާއި އިހުތިޔާރާވެސް އެކުގަ އެވެ.
އެއިރު ކޮންމެ އަތޮޅެއްގެ ބަޔަކުވެސް ދިރިއުޅެމުން އައިސްފައިވަނީ އެބަޔެއްގެ ތެރޭގައި އުފައްދާ ތަކެތި އެހެނިހެން އަތޮޅުތަކާއި ރާއްޖޭން ބޭރަށް ވިއްކާ ވިޔަފާރިކޮށްގެންނެވެ. ވީމާ ކޮންމެ އަތޮޅަކީވެސް ކުޑަކުޑަ އިޤްތިޞާދީ ހަބެކެވެ. މައި ސަރުކާރަށް އަހަރު އެއްފަހަރު ދައްކަމުން ގެންދާނީ ޓެކްސެވެ. މި ޓެކްސް ނެގުމާއި އޭގެ ހިސާބު ކިތާބު ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް ހިންގަމުން އަންނާނީ އަތޮޅުވެރިޔާގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. މީގެ އިތުރަށް ވެރިކަމުގެ "އެޑްމިނިސްޓްރޭޓިވް" ހުރިހާކަމެއްހެން އަތޮޅުގައި އެކުލެވިފައި ހުރެއެވެ. ޝަރީޢަތް ކުރައްވާ ނައިބުން ތިއްބަވައެވެ. އެއީ މިޒަމާނުގައިނަމަ މެޖިސްޓުރޭޓުންނެވެ. ބޮޑު ނައިބު ހުރެއެވެ. އެއީ މި ޒަމާނުގައި ނަމަ އިސް މެޖިސްޓްރޭޓެވެ. އަތޮޅުވެރިޔާގެ އަމުރަށް ރަށްރަށް ހިންގުމަށް ޚަޠީބު މީހާޔާއި މުދިމުން ތިބެއެވެ. މި އެންމެންނަކީވެސް ރަސްކަމުގެ ފަރާތްޕުޅުން މަގާމްތައް މަތިކޮށްފައި ތިބޭ މީހުންނެވެ. އެމީހުން ޖަވާބުދާރީ ވާނީ އެ އައަތޮޅެއްގައި ހުންނަ ވެރިޔާއަށެވެ. އާދެ އަތޮޅުވެރިޔާއަށެވެ. މައި ސަރުކާރަށް އޮންނާނީ އަތޮޅު އަތޮޅަށް ވެރީން ކަނޑައެޅުއްވުމާއި އަތޮޅު ފެންވަރުން ހައްލުނުވާ މައްސަލަތައް ހައްލުކޮށްދެއްވުމެވެ. މި ނިޒާމަށް ދައުލަތް ހިނގަމުން އައިސް އެއްކޮށް އުވިގެން ދިޔައީ 1968 ގައި ދިވެހި ރަސްކަން އުވި އަލަށް ފެށުނު ދެވަނަ ޖުމްހޫރިއްޔާއާއި އެކީގައެވެ. ސެންޓްރަލައިޒްޑު ގައުމަކަށް މިސްރާބު ބަދަލުވެގެން ދިޔައީ އެހިސާބުންނެވެ.
އާދެ ތާރީހުން އެނގެން އޮތް އެންމެ ދުރު ޒަމާނުންފެށިގެންވެސް ދިވެހިރާއްޖޭގައި ހިނގަމުން އައިސްފައިވާ ވެރިކަމުގެ ނިޒާމަކީ ލިޔެވިފައި ނެތް ދުސްތޫރީ ރަސްކަމުގެ ނިޒާމެކެވެ. އަދި 1932 ވަނަ އަހަރުން ފެށިގެން އެރަސްކަން ހިނގަމުން އައިސްފައިވަނީ ލިޔެފައިވާ ދުސްތޫރެއްގެ ދަށުންނެވެ. އަދި އޭގެ ފަހަށް އިންތިޚާބިއްޔަ ރަސްކަމެއްގެ ގޮތުގައެވެ. މި ގޮތުގައި ހިނގަމުން އައިސް މީލާދުން 1 ޖަނަވަރީ 1953 ގައި ޒަމާންވީ ރަސްކަމުގެ ނިޒާމު އުވާލާ ޖުމްހޫރީ ވެރިކަމުގެ ނިޒާމެއް އިއުލާން ކުރެވިގެންދިޔައެވެ. އެއީ މުޙައްމަދު އަމީން ދީދީގެ ޖުމްހޫރިއްޔާއެވެ. އެ ޖުމްހޫރިއްޔަތު ދެމި އޮތީ 7 މަހާއި ކުޑަ ދުވަސްކޮޅެއްގެ މައްޗަށެވެ. ދެން އަނެއްކާވެސް ދިވެހީންގެ ވެރިކަމުގެ ނިޒާމު މިސްރާބުޖެހީ ރަސްކަމާ ދިމާޔަށެވެ. އެގޮތުން މީލާދުން 7 މާރިޗު 1954 ވަނަ އަހަރުގައި ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުލް އައްވަލު ރަސްކަމަށް އިސްކުރެވުނެވެ. މި ރަސްކަން 14 އަހަރުގެ މުއްދަތަކަށް ދެމިއޮތުމަށްފަހު އަނެއްކާވެސް ވެރިކަމުގެ ނިޒާމު ޖުމްހޫރިއްޔަތަކަށް ބަދަލުވެގެންދިޔައެވެ. މި ބަދަލާއިއެކު 11 ނޮވެމްބަރ 1968 ގައި ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ރައީސްކަމުގެ ހުވާ ކުރެއްވިއެވެ.
އަލްއުސްތާޒުލް މަރުޙޫމު އިބްރާހިމް ޝިހާބު ދެވަނަ ފަހަރަށް ރާއްޖޭގައި ޖުމްހޫރިއްޔަތެއް ގާއިމުވި ގޮތާއި ގުޅޭ ގޮތުން ލިޔުއްވަނީ،
".ނަމަވެސް ސިޔާސީ ގޮތުން މޫސުން ބަދަލުވެއްޖެއެވެ. ވަޒީރުލްއައުޒަމްގެ މަގާމަ ބަދަލުވެއްޖެއެވެ. "އަތްނުލާ އައްދޮކިޔުއްވާ ގޮތުގައި" އެންމެ ފުރަތަމަ ކުޅެން ފެށުނީ މަތިގެޔާއިއެވެ....އެއްދުވަހުން އަނެއްދުވަހަށް ރަދުންނަކީ ހަމައެކަނި ގާނޫނު ތަސްދީގުކުރެއްވުމުގެ ސޮއިކުރެއްވުމަށާއި ޢިއްޒަތުގައި ހުކުރަށް ވަޑައިގަތުމަށް ހުންނެވި ބޭފުޅަކަށް ހެދިއްޖެއެވެ. އެންމެފަހުން އެގޮތްވެސް ކަމު ނުގޮސްގެން ރާއްޖޭގެ އެންމެމަތީ ވެރިކަމުގެ ވަލީ އެކަމަށް ދަހިވެތިވެފައިވާ ފަރާތަކުން އަތުލައިގެންފިއެވެ. މިދެންނެވި ގޮތުގައި ކަން ހިނގަމުން ދިޔަ ދުވަސްވަރުވެސް މުހައްމަދު ފަރީދު ސާބިތު ކުރައްވަމުން ގެންދެވީ އޭނާގެ މާތްކަމުގެ ތަފާތު ސިފަތަކެވެ...."
ފުރަތަމަ ޖުމްހޫރިއްޔާ އެކޭ އެއްފަދައިން ދެވަނަ ފަހަރަށްވެސް ރާއްޖޭގައި ޖުމްހޫރިއްޔަތެއް ގާއިމު ކުރެވިގެން ދިޔައީ އެކަމަށްޓަކައި އާއްމުންގެ ބަޔަކު ތެދުވެ ކުރި ގަދަ މަސައްކަތަކުންނެއް ނޫނެވެ. ކިއެއްތަ އެކަމުގައި އާއްމުންގެ މާބޮޑު ބައިވެރިވުމެއްވެސް ނެތެވެ. ޖުމްހޫރީ ފިކުރަކީ ކޮބައިކަމާއި އެފަދަ ނިޒާމެއްގެ ފާއިދާ ނުވަތަ ގެއްލުމަކީ ކޮބައިކަން އާއްމުންގެ މެދުގައި ފެތުރި އެނގިހާމަވެފައިވެސް ނެތެވެ. ދެފަހަރެއްގެ މަތީންވެސް ދިވެހީންނަށް ޖުމްހޫރިއްޔަތެއްގެ އަލިކަން ލިބިފައިވަނީ ވެރިކަމުގައި ތިއްބެވި ބޭފުޅުން ކޮޅެއް އެފަދަ ނިޒާމަކަށް ބޭނުންފުޅުވެގެންނެވެ. އެއީ އެބޭފުޅުންގެ އަމިއްލަ ޒާތީ މަސްލަޙަތުތަކާއި އެފަދަ ވެރިކަމަކާ ގުޅޭތީއެވެ. ދިވެހި ޖުމްހޫރިއްޔަތުގެ ފެށުމަކީ މިއީ އެވެ.
Comment