Advertisement

ރެކޯޑް ކާމިޔާބީތަކުގެ ހިތްވަރުން ނަބާ ކުރިމަގަށް ކުރާ އުންމީދުތައް ބޮޑު

16 ނޮވެންބަރު 2022 - 07:50 0

ނަބާހާ ގައުމީ މުބާރާތުގެ ތިން އިވެންޓްގެ ތަށި ހިފައިގެން.--- ފޮޓޯ: އަބްދުﷲ ޔަސައު (ޔަކޭ)


ރެކޯޑް ކާމިޔާބީތަކުގެ ހިތްވަރުން ނަބާ ކުރިމަގަށް ކުރާ އުންމީދުތައް ބޮޑު

16 ނޮވެންބަރު 2022 - 07:50 0

ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިޔާ، ފާތިމަތު ނަބާހާ (ނަބާ) ވަނީ މިދިޔަ ތިން އަހަރު ވެސް ގައުމީ ބެޑްމިންޓަން މުބާރާތުގައި ވާދަކުރި ތިން އިވެންޓުން ވެސް ޗެމްޕިއަންކަން ހޯދައިފަ އެވެ. މިއީ ރާއްޖޭގެ ކުޅިވަރު ތާރީހަށް ބެލިޔަސް އެއް ކުޅުންތެރިއަކު، އިންޑިވިޖުއަލް ކުޅިވަރެއްގައި ދަމަހައްޓަމުން އަންނަ އެންމެ ރަނގަޅު އެއް ރެކޯޑެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން މިދިޔަ އަަހަރު ހޮވި ރާއްޖޭގެ އެއް ވަނަ ކުޅިވަރު އެތުލީޓުގެ މަގާމު ހޯދި ނަބާ އަކީ އެންމެ ފަހުން ބޭއްވި ތިން ގައުމީ މުބާރާތުގެ އަންހެން ސިންގަލްސް، އަންހެން ޑަބަލްސް އަދި މިކްސް ޑަަބަލްސް ޗެމްޕިއަނެވެ.

އަންހެން ޑަބަލްސްގައި ނަބާ އަކީ އޭނާގެ އެއް މާބަނޑު، އައިމިނަތު ނަބީހާ (ނަބީ)އާ އެކު ޕެއާ އެކެވެ. އަދި މިކްސް ޑަބަލްސްގައި ނަބާ އަކީ ރިވައިވަލް ސްޕޯޓްސް ކްލަބްގެ ޒަޔާން ޒަކީއާ އެކު ޕެއާ އެކެވެ.

ރެކޯޑް ކާމިޔާބީއާ ބެހޭގޮތުން ނަބާ، "އަދަދު" އަށް ބުނީ ހަގީގަތުގައި އޭނާ އަށް ލިބޭ މި ކާމިޔާބީތަކުގައި ބޮޑު ހިއްސާއެއްވާނެ އެއް ބަޔަކީ އެކުގައި ޕެއާއެއްގެ ގޮތުގައި ކުޅޭ ކުޅުންތެރިން ކަމަށެވެ.

"ވަރަށް މަސައްކަތުން ހަގީގަތުގައި މި ހިސާބުގައި މި ހިފަހައްޓައިލެވެނީ، ވާދަކުރާ ތިން އިވެންޓްގެ ވެސް އެންމެ ކުރީގައި މި އޮތީ، އެހެން އެންމެނަށް ވުރެން ވެސް ރަނގަޅަށް މަސައްކަތްކުރާތީ ތިން އިވެންޓުން ވެސް ގޯލްޑް މި ހޯދެނީ. ޕާޓްނަރުން ވެސް ވަރަށް މަސައްކަތް ކުރޭ، ހަގީގަތުގައި އާއިލާ އަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން އަހަރެން ފަހަތުގައި އެހީވެދެން ހުންނާތީ،" ނަބާ ބުންޏެވެ.

ގައުމީ މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ނަބާ އާއި ނަބީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މި އަހަރަކީ ވެސް ނަބާ އަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރުމަށް ބަލާއިރު ވެސް ކާމިޔާބު އަހަރެކެވެ. އެކި ގައުމުތަކުން ބާއްވާ އިންޓަނޭޝަނަލް މުބާރާތްތަކުގައި ވާދަކުރުމުގެ އިތުރުން ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތައް ކަމަށްވާ ކޮމަންވެލްތު ގޭމްސް އާއި ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ވަނީ ވާދަކޮށްފަ އެވެ.

ކޮމަންވެލްތު ގޭމްސްގައި އިންޑިއާގެ ތަރި ޕީވީ ސިންދޫއާ ދެކޮޅަށް ކުޅެން ވެސް ފުރުސަތު ލިބުނު ނަބާ އަންނަނީ ބައިނަލްއަގުވާމީ ލެވަލްގައި ވެސް ކުރިއެރުންތަކެއް ހޯދަމުންނެވެ. އެ ގޮތުން، ދާދި ފަހުން ވިއެޓްނާމްގައި ބޭއްވި އިންޓަނޭޝަނަލް މުބާރާތެއްގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުގައި ނަބާ އާއި ނަބީގެ ޕެއާ ވާދަކުރި އެވެ.

ނަބާ ބުނީ ހަގީގަތުގައި މިހާރު އިންޓަނޭޝަނަލް މުބާރާތްތަކުގެ ޓާގެޓަކީ "މެޑަލް" ކަމަށާއި އެކަމަކު، އެ ހިސާބަށް އަދި ނުދެވުނަސް، މުބާރާތްތަކުން ކުރިއަށްދާން ފަހިވާ ފުރުސަތުތަކާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

މިކްސް ޑަބަލްސް ރާއްޖޭގެ ޗެމްޕިއަން ޕެއާ، ނަބާ އާއި ޒަޔާން: ނަބާ އާއި ޒަޔާން ވަނީ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަންގެ ރުހުން ދީފައިވާ މުބާރާތަކުން ރާއްޖެ އަށް ރަން މެޑަލް ހޯދައިދީފައި،--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


"އިންޓަނޭޝަނަލް މުބާރާތްތަކަށް ދާއިރު ވެސް ހަގީގަތުގައި ޓާގެޓް ކުރަނީ މެޑަލް، އެކަން ނުވެވެސް ލިބޭ މެޗު ތަޖުރިބާތަކާއި ރޭންކިން ޕޮއިންޓްތަކުގެ ސަބަބުން އަންނަ އަހަރުގެ އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ފައިދާތަކެއް ކުރާނެ، އެ މުބާރާތްތަކުގައި ރަނގަޅު ނަތީޖާ ނެރެން އެހީތެރިކަމެއް އެއީ،" ނަބާ ބުންޏެވެ.

ބެޑްމިންޓަންގެ މި ވަގުުތުގެ ދުނިޔޭގެ ރޭންކިން އަށް ބަލާއިރު، ނަބާ އަކީ އަންހެން ސިންގަލްސްގެ 259 ވަނަ އެވެ. އަންހެން ޑަބަލްސްގައި ނަބާ އާއި ނަބީގެ ޕެއާ އަކީ 108 ވަނަ އެވެ. އަދި މިކްސް ޑަބަލްސްގައި ނަބާ އާއި ޒަޔާންގެ ޕެއާ އަކީ 125 ވަނަ އެވެ.

މި އަހަރުގެ ބާކީ ބައިގައި ވެސް ނަބާ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ރޭންކިންގައި އިތުރަށް ކުރިއަށް ޖެހިލަން ޕޮއިންޓް ހޯދަން ބޭނުންހިފޭނެ މުބާރާތްތަކެކެވެ.