Advertisement

ޓެކްސް ބޮޑުކުރުމާ ދެކޮޅެއް ނޫން، ގޯހީ މި ދަނޑިވަޅު: ގަވަރުނަރު

13 ނޮވެންބަރު 2022 - 17:50 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކަށް މިއަދު ޖަވާބުދެއްވަނީ. އޭނާ ވިދާޅުވީ ޓެކްސް ބޮޑުކުރުމާ ދެކޮޅު ނޫން ކަމަށާއި އެކަމަކު ގޯހީ މި ދަނޑިވަޅުކަަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ


ޓެކްސް ބޮޑުކުރުމާ ދެކޮޅެއް ނޫން، ގޯހީ މި ދަނޑިވަޅު: ގަވަރުނަރު

13 ނޮވެންބަރު 2022 - 17:50 0

ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަކީ ކުރަން ޖެހޭނެ ކަަމެއް ކަމަށާއި އެހެން ނަމަވެސް ގޯހީ މިދަނޑިވަޅުގައި ޓެކްސް ބޮޑުކުރުން ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް އެމްއެމްއޭއިން ހުށަހެޅި އިޝްތިޝާރީ ލަފާގައި އޮތީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް، އަންނަ ޖެނުއަރީ މަހުން ފެށިގެން ޓެކްސް ބޮޑުކުރަން ނުފެންނަ ކަަމަށެވެ. މަޖިލީހުގެ ބަޖެޓްކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެމްއެމްއޭގެ ލަފާ ހުށަހެޅުމުން، ބައެއް މެމްބަރުން އެންމެ ބޮޑަށް ނުރުހުން ފާޅުކުރެއްވީ އެކަމާ އެވެ.

ޓެކްސް ބޮޑުކުރަން ފެންނަ ކަމަށް ގަވަރުނަރު މީގެ ކުރިން މަޖިލީހުގައި ވިދާޅުވެފައި ވާނެތޯ ބައެއް މެމްބަރުން ސުވާލު ކުރެއްވި އެވެ. ޓެކްސް ބޮޑުކުރަން ކަމު ނުދަނީ މި ދަނޑިވަޅު ކަމަށް ގަަވަރުނަރު ވިދާޅުވީ އެ ސުވާލަށް ޖަވާބުދެއްވަމުންނެވެ.

"އަޅުގަނޑުމެން، ޓެކްސް ރެވެނިއު އިތުުރުކުރަން ޖެހޭނެކަން އަބަަދުވެސް ދަންނަވަމުން މިދަނީ. ދަނޑިވަޅު އަޅުގަނޑުމެންނަށް ދިމާނުވީ މިފަހަރު އިނގޭތޯ،" ގަވަރުނަރު އަލީ ހާޝިމް ވިދާޅުވި އެވެ

މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާ ކުރެއްވި ސުވާލަށް އަލީ ހާޝިމް އެ ޖަވާބު ދެއްވުމުން، "މިދަނޑި ވަޅު ކަމުނުދާ ކަމަށް ވިދާޅުވަނީ ކީއްވެތޯ" ރިޒާ އެއްސެވި އެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ގަވަނަރު ވިދާޅުވީ އެއީ ދުނިޔޭގެ އިގުތިސާދަށް ބަލާފައި ރާއްޖޭގެ ޓޫރިޒަމަށް އެކަމުން ކުރާ އަސަަރު ކުޑަވާނީ ކިހާވަރަކަށް ތޯ ވެސް ބައްލަވާފައި ވިދާޅުވާ ވާހަކައެއް ކަމަށެވެ.

ޔުކްރޭނުގައި ހިނގަމުންދާ ހަނގުރާމަ އަދިވެސް ދިގުލައިގެން ދާނެ ކަމަށް ބެލެވުމާއި ޗައިނާއިން ގެންގުޅޭ "ރީޒޯ ކޮވިޑް" ސިޔާސަތު އަދިވެސް ދަމަހައްޓާނެކަމަށް ބުނެފައިވުން އެއީ އެގޮތުން ބެއްލެވި ކަންތައްތަކެވެ.

"ޒީރޯ ކޮވިޑް ޕޮލިސީ ކުރިއަށް ގެންދާ ކަމަށް ވަންޏާ އަޅުގަނޑުމެންނަކަށް ނުފެނޭ، އެހާ އަވަހަކަށް ޗައިނީޒް ޓްރެވެލެސް އަންނާނެ ކަމަކަށް. އެހެންވީމާ އަޅުގަނޑުމެންނަށް މި ފެންނަނީ އެ ދަނޑިވަޅަކީ ރަނގަޅު ދަނޑިވަޅެއް ނޫންކަން،" އަލީ ހާޝިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހަޅާފައިވާ ދުވަސްވަރާ ހިސާބަށް ދާއިރު ދުނިޔޭގެ އިގުތިސާދު އަދި ހަަމައަކަށް އެޅޭނެކަމަށް ނުފެންނަ ކަމަށެވެ. ރާއްޖެއިން އެ އިގުތިސާދުތަކަކަށް ބަރޯސާކުރާ އިގުތިސާދުތައް ވެސް އޭރު އަދި ހަމައަކަށް ނޭޅޭނެކަމަށް އޭނާ ވިދާޅުވި އެވެ.