Advertisement

އަށާރަ އަހަރު ވަންދެން ފްރާންސްގެ އެއާޕޯޓެއްގައި އުޅުނު އިރާން މީހާ މަރުވެއްޖެ

13 ނޮވެންބަރު 2022 - 06:02 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މެހްރާން ކަރީމީ ނަސީރީ. -- ފޮޓޯ: އޭއެފްޕީ


އަށާރަ އަހަރު ވަންދެން ފްރާންސްގެ އެއާޕޯޓެއްގައި އުޅުނު އިރާން މީހާ މަރުވެއްޖެ

13 ނޮވެންބަރު 2022 - 06:02 0

ބޮބިގްނީ، ފްރާންސް (ނޮވެމްބަރު 12) - އަށާރަ އަހަރު ވަންދެން ޕެރިހުގެ އެއާޕޯޓެއްގައި ތާށިވެފައި ހުރި އިރާން މީހާ މަރުވެއްޖެ އެވެ.

މެހްރާން ކަރީމީ ނަސީރީ މަރުވީ ޗާލްސް ޑޭ ގޯލް އެއާޕޯޓުގެ ޓާމިނަލް 2އެފް ގަ އެވެ. އޮފިޝަލުން ބުނީ އޭނާ މަރުވީ ގުދުރަތީ މަރެއްގައި ކަމަށެވެ.

އިމިގްރޭޝަން މައްސަލައެއް ދިމާވެ، ފްރާންސަށް އެތެރެނުވެވި އެހެން ގައުމަކަށް ވެސް ނުދެވި އުޅެން ޖެހުމުން ނަސީރީ ދިރިއުޅުނީ އެއާޕޯޓުގަ އެވެ.

އޭނާގެ އާދަޔާ ހިލާފު ހަޔާތުގެ މައްޗަށް ހޮލީވުޑްގެ ޑިރެކްޓަރު ސްޓީވަން ސްޕީލްބާގް 2004 ވަނަ އަހަރު "ދަ ޓާމިނަލް" ފިލްމު އުފެއްދި އެވެ. އެ ފިލްމުގެ ތަރިންނަކީ ޓޮމް ހޭންކްސް އަދި ކެތެރީން ޒެޓާ ޖޯންސް އެވެ.

އެ ފިލްމުގައި ޓޮމް ހޭންކްސްގެ ކެރެކްޓާއަކީ ނިއު ޔޯކްގެ ޖޭއެފްކޭ އެއާާޕޯޓުގައި ތާށިވި މީހެއްގެ ކެރެކްޓާ އެވެ.

އެ ފިލްމުން ނަސީރީއަށް ލިބުނު ފައިސާގެ ބޮޑު ބައި ހޭދަކުރުމަށް ފަހު އޭނާ އެނބުރި އެއާޕޯޓަށް ދިޔައީ މީގެ ދުވަސްކޮޅެއް ކުރިން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މަރުވި އިރު ވެސް އޭނާގެ އަތުގައި އެތައް ހާސް ޑޮލަރު ހުއްޓެވެ.

އިރާނުގެ ހުޒެސްތާން ޕްރޮވިންސްގެ މަސްޖިދް ސުލެއިމާނަށް 1945 ވަނަ އަހަރު އުފަންވި ނަސީރީ އެއާޕޯޓުގައި ދިރިއުޅެން ފެށީ ނޮވެމްބަރު 1988 ގަ އެވެ.

އިރާނުގައި ނުތަނަވަސްކަން ބޮޑުވެފައި އޮތް ދުވަސްވަރު އޭނާ ފުރައިގެން އެންމެ ފުރަތަމަ ދިޔައީ ލަންޑަނަށެވެ. އެއަށްފަހު ބާލިން އާއި އެމްސްޓަޑަމްއަށް ދަތުރު ކުރީ އޭނާގެ މަންމަ ފެނޭތޯ އެވެ.

އިމިގްރޭޝަން އުސޫލުތަކާ އެއް ގޮތަށް ލިޔެކިޔުން ނެތުމުން ހުރިހާ ގައުމަކުން ވެސް ނަސީރީ ބޭރުކޮށްލީ އެވެ. ޗާލްސް ޑެ ގޯލް އެއާޕޯޓުގައި ތާށިވެފައި ހުރި އިރު، މީހުން އޭނާއަށް ކާބޯތަކެއްޗާއި ބޭސް އަދި ފޮތާއި ރޭޑިއޯ ފަދަ ތަކެތި ފޯރުކޮށްދިނެވެ.

އޭގެ ފަހުން 1999 ވަނަ އަހަރު ނަސީރީއަކީ ރެފިއުޖީއެއް ކަމަށް ކަނޑައަޅައި، ފްރާންސްގައި ހުރުމުގެ ހުއްދަ ދިނެވެ. އެކަމަކު އޭގެ ފަހުން ވެސް އޭނާ ބޭނުންވީ އެއާޕޯޓުގައި ދިރިއުޅުމަށެވެ.