12 ނޮވެންބަރު 2022 - 08:50 0
މުހައްމަދު ޝަހްޒާން
ފާއިތުވި ދެ އަހަރު ވެސް ވޯލްޑު ލީޑިން ޑެސްޓިނޭޝަންގެ މަގާމު ހާސިލުކޮށްފައި ވަނީ ރާއްޖޭން -- ފޮޓޯ: ޑަބްލިއުޓީއޭ
12 ނޮވެންބަރު 2022 - 08:50 0
ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ވޯލްޑު ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ހޯދައި އެ މަގާމު ރާއްޖޭން މިލްކު ކޮށްފި އެވެ.
ރާއްޖޭން އެ އެވޯޑު ހޯދީ އެވޯޑު އެއްމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ޔުނައިޓެޑް އަރަބި އެމިރޭޓްސް ވެސް ހިމެނޭހެން ޖުމްލަ 18 ގައުމަކާއި ވާދަކޮށްގެންނެވެ. އަރަބި އެމިރޭޓްސްއިން އެ އެވޯޑު ހަ ފަހަރު ކާމިޔާބު ކޮށްފައިވެ އެވެ. އެ އެވޯޑާއެކު ރާއްޖެ ވަނީ ޖެހިޖެހިގެން ތިން ފަހަރު އެ އެވޯޑު ހާސިލުކުރި ހަތަރު ވަނަ ގައުމަށްވެފަ އެވެ.
އޮމާނުގެ އަލް-ބުސްތާން ޕެލެސްގައި އިއްޔެ ކުރިއަށް ދިޔަ އެވޯޑު ހަފްލާގައި ރާއްޖޭގެ ފަރާތުން އެ އެވޯޑާ ހަވާލުވެލެއްވީ ޓުއަރިޒަމް މިނިސްޓަރު، ޑރ. އަބްދުﷲ މައުސޫމް އެވެ.
ޓުއަރިޒަމް މިނިސްޓަރާއި އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެވޯޑާ ހަވާލުވެލެއްވުމަށްފަހު ފޮޓޯއަށް ހުއްޓިވަޑައިގެން -- ފޮޓޯ: ޑަބްލިއުޓީއޭ
ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރުގެ ދޮރުތައް ބަންދުވެ، ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ލޮޅުމެއް އަރާފައި އޮތުމަށްފަހު، މި އަހަރު ވަނީ ގިނަ ގައުމުތަކުގެ ބޯޑަރުތައް ހުޅުވާލައި، ފަތުރުވެރިކަން ޕްރޮމޯޓު ކުރިއެރުވުމަށް ބޮޑެތި ކެމްޕެއިންތައް ވެސް ހިންގާފަ އެވެ.
އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި މޯލްޑިވްސް މާކެޓިން އެންޑު ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން (އެމްއެމްޕީއާރުސީ) ކުރި މަސައްކަތްތައް ފާހަގަކޮށްލެވެ އެވެ.
ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އެއްމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ، ވިލާތުގެ ގައުމުތަކުން ފަތުރުވެރިން ޒިޔާރަތްކުރުން މަދުވެފައިވީ ނަމަވެސް އެހެން މާކެޓުތަކަށް ރާއްޖެ ޕުރޮމޯޓުކޮށް 2022، ވަނަ އަހަރު 1.6 މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް އެ ކޯޕަރޭޝަނުން ކަނޑައެޅި ޓާގެޓަށް ވާސިލުވުމާ ގާތަށް ވަނީ ޖެހިލާފަ އެވެ.
އެއާއެކު އެ ކޯޕަރޭޝަނުން ވަނީ 28 ގައުމަކާ ވާދަކޮށް މިއަހަރުގެ ވޯލްޑު ލީޑިން ޓުއަރިސްޓު ބޯޑުގެ އެވޯޑު ވެސް ހާސިލުކޮށްފަ އެވެ. މިއީ އެ އެވޯޑު ރާއްޖެއަށް ލިބުނު ފުރަތަމަ ފަހަރެވެ.
އޭގެއިތުރުން ވެސް ރޭ ބޭއްވި ވޯލްޑު ޓުރެވެލް އެވޯޑްސްގެ 29 ވަނަ ހަފްލާގައި ރާއްޖޭން ވަނީ ގިނަ އެވޯޑުތަކެއް ހާސިލުކޮށްފަ އެވެ. އެގޮތުން އިންޑިއަން އޯޝަން އެވޯޑު ކެޓެގަރީން ހަތަރު އެވޯޑެއް ރާއްޖެއަށް ލިބުނެވެ.
ވޯލްޑު ޓުރެވެލް އެވޯޑުތަކަކީ 1993 އިން ފެށިގެން ދުނިޔޭގެ ދަތުރުފަތުރުގެ ސިނާއަތުގައި އެންމެ ޝަރަފުވެރި އަދި އެންމެ ފާހަގަކޮށްލެވޭ އެވޯޑުތަކުގެ ގޮތުގައި މަޝްހޫރުވެފައިވާ އެވޯޑެވެ. އޭގެ ތެރޭގައި ސަރަހައްދީ، އަދި ދުނިޔޭގެ ފެންވަރުގެ ކެޓެގަރީތަކަށް ހާއްސަ އެވޯޑުތައް ހިމެނެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment