Advertisement

މިއީ ގަރާޖުގައި އަލިފާން ރޯވި ތިންވަނަ ފަހަރު، އިހުމާލުތަކަށް އޮތީ އެއްވެސް ފިޔަވަޅެއް ނާޅައި

10 ނޮވެންބަރު 2022 - 09:41 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އަލިފާން ރޯވި ތަނުގައި ހުރި ގޭސް ސިލިންޑަރުތަކެއް. މީގެކުރިން ވެސް އެ ގަރާޖުގައި އަލިފާނުގެ ހާދިސާއެއް ހިނގި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މިއީ ގަރާޖުގައި އަލިފާން ރޯވި ތިންވަނަ ފަހަރު، އިހުމާލުތަކަށް އޮތީ އެއްވެސް ފިޔަވަޅެއް ނާޅައި

10 ނޮވެންބަރު 2022 - 09:41 2

މާލޭގައި ހިންގާ ކާރު މަރާމާތު ކުރާ ގަރާޖެއްގައި ރޯވެ، އަލިފާންގަނޑު އެ އިމާރާތުގެ ދެ ބުރިއަކަށް ފެތުރި އެތަނުގައި ދިރިއުޅެމުންދިޔަ 10 މީހަކު މަރުވެ ހިތާމަވެރި ހާދިސާ ހިނގި ގަރާޖުގައި މީގެކުރިން ދެ ފަހަރެއްގެ މަތިން އަލިފާން ރޯވެގެން ރިޕޯޓުކުރި އިރު ވެސް އެތަނުގެ ކަންކަން އިސްލާހު ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ހާމަވެއްޖެ އެވެ.

ގްރައުންޑް ފްލޯއާ އެކު ތިން ބުރިއަށް ހަދާފައި ހުރި މ. ނިރުފެހި ގޭގައި ރޭ 12:30 ހާއިރު ހިނގި އެ އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވެދާނެ ކަމަށް ބެލެވެ އެވެ. އެ އިމާރާތުގެ ތިރީ ފްލޯގައި ހިންގަމުން ދިޔައީ ގަރާޖެކެވެ.

މީގެކުރިން ވެސް އެ ގަރާޖުގައި އަލިފާނުގެ ހާދިސާ ހިނގައިގެން ރިޕޯޓުކޮށްފައިވާއިރު އެކަމާ ގުޅިގެން "އަދަދު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފަޔާ އެންޑް ރެސްކިއު ސާވިސަސްގެ ކޮމާންޑަރު ކާނަލް އިބްރާހިމް ރަޝީދު ވަނީ ދެ ފަހަރެއްގެ މަތިން އެމްއެންޑީއެފަށް ވެސް އެ ރިޕޯޓުތައް ލިބުނުކަން ކަށަވަރުކޮށްދީފަ އެވެ.

"އެ ފަހަރު ވެސް އެ ހާދިސާގައި ވެސް މި ތަނުގައި [ރޭ އަލިފާން ރޯވި ގަރާޖުގައި] ގޭސް ކަޓަރު އެއްޗެހި ބޭނުންކުރުމުގެ އިހުމާލުވެގެން ހިނގާފައި އޮތް ހާދިސާއެއް. މިއަހަރުގެ މެއި މަހު ހިނގާފައި އޮތް ހާދިސާއެއް އެއީ،" ކާނަލް ރަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން، ތިންވަނަ ހާދިސާއެއް ހިނގި ކަމުގެ މައުލޫމާތު ވެސް ބައެއް މީހުންގެ ފަރާތުން ލިބުނު ކަމަށާއި އެހެން ނަމަވެސް އެއީ އެމްއެންޑީއެފަށް ރިޕޯޓުކުރި ހާދިސާއެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، ރޭ ހިނގި ހާދިސާގައި އަލިފާން ރޯވި ސަބަބު ހޯދުމަށް ތަހުގީގު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އެ ގަރާޖުގައި އެކި ބާވަތުގެ ގޭސް ސިލިންޑަރުތައް ހުރިއިރު، މަތީގައި މީހުން ދިރިއުޅުނު ކޮޓަރިތަކުގައި ކައްކާ ގޭސް ހުރި ކަމަށް ވެސް އޭނާ އިތުރަށް ވިދާޅުވި އެވެ.

މާލޭގައި ކެމިކަލް ގުދަންތަކާއި ގަރާޖުތައް ހިންގާއިރު އެކަށީގެންވާ ވަރަށް ސަލާމަތީ ކަންކަން ގާއިމުކޮށްފައި ނުހުރެ އެވެ. އެކަމާ ގުޅިގެން އާންމުންގެ ކަންބޮޑުވުން އަބަދުވެސް އޮންނައިރު މިފަދަ ކޮންމެ ހާދިސާއަކާ އެކު އެ ބަހުސް އަނެއްކާ ވެސް ތިލަވެ އެވެ.

ހ. ތިލަފުށީގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މީހަކު މަރުވެ ލިބުނު ބޮޑެތި ގެއްލުންތަކާ އެކު ގިނަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމި އެވެ. އެހެން ނަމަވެސް، މި ފިޔަވަޅުތައް މިހާތަނަށް ތަންފީޒު ކުރެވިފައެއް ނުވެ އެވެ.