Advertisement

ގައުމީ ހޭންޑްބޯޅަ މުބާރާތް: ފިއުޗާ އާއި ފުލިދޫ ފިރިހެން ފައިނަލަށް، އަންހެން ފައިނަލުގައި ކީންސް އަދި އޮރިކްސް

8 ނޮވެންބަރު 2022 - 11:26 0

މި ފަހަރުގެ ގައުމީ ހޭންޑްބޯލް މުބާރާތުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު


ގައުމީ ހޭންޑްބޯޅަ މުބާރާތް: ފިއުޗާ އާއި ފުލިދޫ ފިރިހެން ފައިނަލަށް، އަންހެން ފައިނަލުގައި ކީންސް އަދި އޮރިކްސް

8 ނޮވެންބަރު 2022 - 11:26 0

ނުވަ ވަނަ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލުން ފިއުޗާ ސްޕޯޓްސް ކުލަބް އެކަޑެމީ އާއި ފުލިދޫ ޔޫތު ސްޕޯޓްސް ކުލަބު ޖާގަ ހޯދިއިރު، އަންހެން ޑިވިޝަންގެ ފައިނަލުން ކީންސް ސްޕޯޓްސް ކުލަބާއި އޮރިކްސް ޖާގަ ހޯދައިފި އެވެ.

އެހެން އަހަރުތަކާ ހިލާފަށް މިފަހަރުގެ ގައުމީ މުބާރާތުގައި ދެ ޑިވިޝަނެއް ނުކުޅެ އެވެ. އެހެން ނަމަވެސް ދެވަނަ ބުރުގެ މެޗުތަކަށް ފަހު ފައިނަލަށް ނުހޮވޭ ޓީމްތަކުގެ މެދުގައި ޑިވެލޮޕްމަންޓް ޝީލްޑް ލީޣެއް ކުޅޭ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.

ދެ ވަނަ ބުރުގެ މެޗުތައް ނިމުނިއިރު ފިރިހެން ގްރޫޕް އޭ އިން އެއް ވަނަ ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާ ފުލިދޫ އެވެ. އެ ޓީމްގެ ފަހަތުން ދެވަނަ ތުޅާދޫ ޔަންގް އީގަލްސް ހޯދިއިރު، ތިން ވަނަ އަށް ދިޔައީ ރެޑް ހޯކްސް އެވެ. ފުލިދޫ އަށް ފައިނަލުން ޖާގަ ލިބުނުއިރު، ތުޅާދޫ އާއި ރެޑްހޯކްސް ވާދަކުރާނީ ޑިވެލޮޕްމަންޓް ޝީލްޑް ލީގުގަ އެވެ.

ގްރޫޕް ދޭއްގެ އެއް ވަނަ ހޯދައި ފިރިހެން ޑިވިޝަންގެ ފައިނަލުން ޖާގަ ހޯދީ ފިއުޗާ ސްޕޯޓްސް ކުލަބެވެ. މި ގްރޫޕުން ޑިވޮލަޕްމަންޓް ޝީލްޑް ލީގަށް ކޮލިފައިވީ ދެ ވަނަ އަށް ދިޔަ ދިވެހި ސިފައިންގެ ކުލަބާއި ބޮންތި ސްޕޯޓްސް ކުލަބެވެ.

އަންހެން ބަޔަށް ބަލާއިރު، އަންހެން ޑިވިޝަންގެ ފައިނަލުން ޖާގަ ކީންސް ހޯދީ ގްރޫޕް އޭ އިން އެއް ވަނަ ހޯދައިގެންނެވެ. ދެ ވަނަ ހޯދި ހިންމަފުށި ވިކްޓޯރިއަސް ކުލަބު ޑިވޮލަޕްމަންޓް ޝީލްޑް ލީގަށް ކޮލިފައިވިއިރު، ފުލަށް ދިޔަ ސުޕަ ޖެނެރޭޝަންސް ކުލަބު ވަނީ މުބާރާތުން ކަޓައިފަ އެވެ.

ގްރޫޕް ދޭކުން ފައިނަލުގެ ޖާގަ ލިބުނީ އޮރިކްސް ހޭންޑްބޯޅަ ކުލަބަށެވެ. ޑިވޮލަޕްމަންޓް ޝީލްޑް ލީގަށް ކޮލިފައިވީ ރޯޔަލް ނައިޓްސް ސްޕޯޓްސް ކުލަބާއި ރެޑް ހޯކްސް ސްޕޯޓްސް ކުލަބެވެ. މި ބުރުގައި ކުޅުނު ތިން މެޗުންވެސް ޒެފްރޯލް ވަނީ ކަޓާފަ އެވެ.

ޑިވޮލަޕްމަންޓް ޝީލްޑް ލީގުގެ މެޗުތައް މިއަދު ފަށާނެ އެވެ. ލީގު ބުރުގެ މި މެޗުތަކަށްފަހު އެންމެ ކުރި ހޯދާ ޓީމަކަށް ޝީލްޑް ލިބޭނެ އެވެ. ގައުމީ މުބާރާތުގެ ޗެމްޕިއަނުން ކަނޑައަޅާ މެޗުތައް އޮންނާނީ ނޮވެމްބަރު 15 ގަ އެވެ. ހަވީރު ފިރިހެން ފައިނަލް ކުޅޭ އިރު، މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު އޮންނާނީ ރޭގަނޑު ކުޅޭ އަންހެން ބައިގެ ފައިނަލަށް ފަހުގަ އެވެ.