ގައުމީ ބާސްކެޓްބޯޅަ މުބާރާތުގައި ކިންގްސް ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
މިހާރު ކުރިއަށްދާ 28 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕުގައި ކިންގްސް ބާސްކެޓްބޯޅަ ކުލަބާއި ދަ ބައުސް ސްޕޯޓްސް ކުލަބުން ކުޅުނު ފުރަތަމަ މެޗުތައް ފަސޭހަކަމާ އެކު ކާމިޔާބުކޮށްފި އެވެ.
މި އަހަރުގެ އެމްބީއޭ ކަޕް ބަދަލުތަކަކާ އެކު ފެށިއިރު މި އަހަރުގެ މުބާރާތް ރާވާފައިވަނީ ޓީމުތަކަށް ގިނަ މެޗުތަކެއް ލިބޭ ގޮތަށެވެ.
ކިންގްސް އިން އެ ޓީމުގެ ފުރަތަމަ ކާމިޔާބުކުރީ ސްޕާޓަންސް ބީސީއާ ވާދަކޮށް 112-27 އިންނެވެ. މުޅި މެޗު އެއްކޮށް ޑޮމިނޭޓް ކޮށްގެން ކުޅުނު ކިންގްސް އިން މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކިންގްސް އަށް 26 ޕޮއިންޓް ހޯދައިދިން މުހައްމަދު ސަބީހު ތައުފީގު އެެވެ.
ކިންގްސް އެހެން ކުޅުންތެރިންނަށް ބަލާއިރު، އަބްދުﷲ އަމްޒަރު 22 ޕޮއިންޓް އެއްކޮށްދިންއިރު، އަހުމަދު ހުޝާމް ވަނީ 14 ޕޮއިންޓް ހޯދައިދީފަ އެވެ.
ސްޕާޓަންސް އަށް ބަލާއިރު އެޓީމުގެ ހަސަން ޝަހުނޫން 10 ޕޮއިންޓް ހޯދައިދިނެވެ. މުހައްމަދު ޖިނާން، އަހުމަދު ނަޒާހު ނަސީރު އާއި މުހައްމަދު އަރުޒަން ކޮންމެ ކުޅުންތެރިއަކު ހަތަރު ޕޮއިންޓް ހޯދައިދިނެވެ.
ބައުސް ފުރަތަމަ މެޗުގައި ނުކުތީ ސްޓިންގާސް ބީސީއާ ދެކޮޅަށެވެ. މި މެޗު ދަ ބައުސް އިން ކާމިޔާބުކުރީ 107-29 ޕޮއިންޓުންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ 20 ޕޮއިންޓް ބައުސް އަށް ހޯދައިދިން އިބްރާހިމް ނަސީމް އެވެ. އެޓީމްގެ އަހުމަދު ނަޖީލް 18 ޕޮއިންޓް ހޯދައިދިންއިރު، އަހުމަދު އަދުހަމް 15 ޕޮއިންޓް ހޯދައިދިނެވެ.
ސްޓިންގާސް އަށް ބަލާއިރު އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 6 ޕޮއިންޓް ހޯދައިދިން އަހުމަދު އާހިލް ޖަލީލް އާއި ހަ ޕޮއިންޓް ހޯދައިދިން އިބްރާހިމް ނައުހާން ނާއިޒް އެވެ.
މުބާރާތުގައި މިއަދު ކުޅޭނީ އަންހެން ޑިވިޝަންގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި ވާދަކުރާނީ ބެންޗު ސްޕޯޓްސް ކުލަބާއި، އެލީޓް ސްޕޯޓްސް ކުލަބެވެ. މިރޭ ކުޅޭ މެޗުގައި ސައިކްލޯން ނުކުންނާނީ ކުއީންސް ބީސީ އާ ދެކޮޅަށެވެ.
Comment