Advertisement

ބިލެތްފަހި އެއާޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ: ރައީސް

7 ނޮވެންބަރު 2022 - 10:19 0

އައިޝަތު އަހުމަދު

އައިޝަތު އަހުމަދު

ރައީސް ސޯލިހު ބިލެތްފަހި ކައުންސިލާއެކު: އެރަށުގެ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ވެސް ކައުންސިލުން އެދުނު -- ފޮޓޯ: ރައީސް އޮފީސް


ބިލެތްފަހި އެއާޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ: ރައީސް

7 ނޮވެންބަރު 2022 - 10:19 0

ށ. ބިލެތްފަހި އެއާޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި ކައުންސިލުން ރަށަށް ކުރަން ބޭނުންވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމަނާފައިވާ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ބިލެތްފަހި ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސް ސޯލިހު ބައްދަލު ކުރެއްވުމުން ކައުންސިލާއި ކޮމެޓީން ވަނީ ރަށަށް ބޭނުންވާ ވަރަށް ގިނަ ކަންކަމުގެ ވާހަކަ ރައީސަށް ދަންނަވައިފަ އެވެ.

ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމަނާފައިވާ ކަންކަން ކުރިއަށްގެންދިއުމަށް މަސައްކަތްކުރައްވާނެ ކަމަށާއި އެއާޕޯޓުގެ މަސައްކަތް ލަސްތަކެއް ނުވެ ކުރިއަށްދާނެ ކަމަށް ރައީސް އެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

އޭގެ އިތުރުން، އެ ރަށުގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން ކުރިއަށްގެންދެވެން ހުރި ކަންކަން ބަލައި އިދާރާތަކާ މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކައުންސިލުން އެދުނު ކަންކަމުގެ ތެރޭގައި ޒުވާނުންގެ މަރުކަޒެއް ބިނާ ކުރުމާއި ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ވަސީލަތްތައް އިތުރުކުރުން ހިމެނެ އެވެ.

ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ބޭނުންވާ ކަމަށް ވެސް ރަށު ކައުންސިލުން އެ ބައްދަލުވުމުގައި ބުނެފައިވެ އެވެ. އަދި ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ވެސް އެ ރަށު ކައުންސިލުން އެދުނެވެ.